"ޝީ ހަލްކް" ޓްރެއިލާގައި ތަފާތު ކަމެއް
"ޝީ ހަލްކް" ޓްރެއިލާގައި ތަފާތު ކަމެއް

މާވެލް އިން ގެނެސްދޭ އާ ސުޕަހީރޯ ޝީ-ހަލްކްގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފި އެވެ.

ޝީ-ހަލްކް އަކީ މާވެލް ސިނެމޭޓިކް ޔުނިވާސްގެ އާ ފޭސް އަށް ސުޕަހީރޯތައް ތައާރަފުކުރަމުން އަންނައިރު، މި އަހަރު ގެނެސްދޭ ތިންވަނަ ސުޕަހީރޯ ސީރީޒެވެ.

ޑިޒްނީގެ ސްޓްރީމިން ސާވިސް ޑިޒްނީ ޕްލަސް މެދުވެރިކޮށް ނެރޭ ޝީ-ހަލްކް އަކީ ލިމިޓެޑް ސީރީޒެކެވެ. މި އަހަރު މިހާރު ޑިޒްނީ އިން "މޫން ނައިޓް" ނެރެފައިވާއިރު އަންނަ މަހުގައި "މިސް މާވެލް" ނެރޭނެ އެވެ.

އަލަށް ނެރުނު "ޝީ ހަލްކް"ގެ ޓްރެއިލާއިން ފެންނާނީ ބްރޫސް ބެނާ "ދަ ހަލްކް" އާއި އޭނާގެ ކަޒިން އެކީގައި އުޅޭ ތަނެވެ. ހަލްކްގެ ކަޒިން ޖެނިފާ ވޯލްޓާސް އަށް ހަލްކްގެ ބާރު ލިބޭ ހިސާބުން ކަންތައްވާ ގޮތް ޓްރެއިލާ އިން ފެނެ އެވެ.

ޖެނިފާ ވޯލްޓާސް އަކީ ވަކީލެކެވެ. އޭނާ ބޭނުންވަނީ ވަކީލެއް ގޮތުގައި ހަމަޖެހިގެން މަސައްކަތް ކުރާށެވެ. ނަމަވެސް އޭނާގެ ބާރުތަކުގެ ސަބަބުން އެކަންތައް ކުރަން ވަރަށް އުނދަގޫވެ އެވެ.

އާ ސީރީޒްގައި ޝީ-ހަލްކްގެ ރޯލުން ފެންނާނީ އެމީ ކާމިޔާބުކޮށްފައިވާ އެކްޓަރު ޓަޓިއާނާ މަސްލާނީ އެވެ. އޭގެ އިތުރުން މާކް ރަފަލޯ އާއި ޖަމީލާ ޖަމީލް އަދި ބެނެޑިކްޓް ވޮންގް ވެސް އެ ސީރީޒުން ފެންނާނެ އެވެ.

އެ ސީރީޒް ސްޓްރީމް ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓް މަހުގެ 15 އިން ފެށިގެންނެވެ.