ބަށުންދަރާ އަތުން ބަލިވެ މާޒިޔާ އަށް ފެށުން އުނދަގޫވެއްޖެ
ބަށުންދަރާ އަތުން ބަލިވެ މާޒިޔާ އަށް ފެށުން އުނދަގޫވެއްޖެ

އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި ދެކުނު އޭޝިއާ ޒޯންގައި، ބަންގްލަދޭޝްގެ ބަށުންދަރާ ކިންގްސް އަތުން 1-0 ބަލިވެ، މުބާރާތުގެ ފެށުން މާޒިޔާ އަށް އުނދަގޫ ވެއްޖެ އެވެ.

ބަށުންދަރާ އަތުން ބަލިވެ މާޒިޔާ އަށް ފެށުން އުނދަގޫވެއްޖެ
ބަށުންދަރާ އަތުން ބަލިވެ މާޒިޔާ އަށް ފެށުން އުނދަގޫވެއްޖެ

މެޗުގެ ފުރަތަމަ 15 ވަރަކަަށް މިނެޓްގައި، ކިންގްސް އިން ވަނީ ވަރުގަދަ ގޭމެއް ކުޅެ މާޒިޔާގެ ފަހަތަށް ބާރު ބޮޑުކޮށްފަ އެވެ. އެކަމަކު އޭގެ ފަހުން މާޒިޔާއިން މެޗު ކޮންޓްރޯލް ކުރި އެވެ. ގިނަ ފުރުސަތުތައް ވެސް އުފެއްދީ މާޒިޔާއިންނެވެ.

ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި، ކިންގްސްގެ ލަނޑު ޖެހީ އެޓީމަށް ކުޅޭ ގެމްބިއާގެ ފޯވާޑް ނުހާ މަރޮންގް އެވެ. އޭނާ ޖެހީ ފަސޭހަ ލަނޑެކެވެ. މާޒިޔާއިގެ ކީޕަރު ކިރަން ޝެމެޝޮން އާއި ޑިފެންޑަރު އަލީ ސަމޫހް (ސަމުއްޓޭ) އާއި މެދު މެދުވެރިވި މިސް އަންޑަސްޓޭޑިންގެ ތެރެއިން ދެކުޅުންތެރިންނަށް ރަނގަޅަށް ބޯޅަ އަށް ނުވިއްދެނީސް، މަރޮންގް ވަނީ މަޑުމަޑުން ބޮލުން ޖަހާލި ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލަފަ އެވެ.

މެޗުގެ 33 ވަނަ މިނެޓްގައި، ކިންގްސްގެ ސްހޭލް ރާނާ ފަހަތުން ދިން، ދިގު ބޯޅަ އަކަށް މަރޮންގް މާޒިޔާގެ އޭރިއާގެ ތެރެއަށް ވަންނަން ދިއުމުން، ސަމޫހް މަސައްކަތް ކުރީ އޭނާ އަށް ހުރަސް އެޅުމަށެވެ. އޭރިއާ ތެރެއަށް އޭނާ ވަންނަން ދިއުމުން ކީޕަރު ކިރަން ވެސް ކުރިއަށް ނުކުތެވެ. ކިރަން ބޯޅަ އަށް ކުރިމަތިލުމުން ސަމޫހް އަށް ވެސް ހީކުރެވުނީ އޭނާ ބޯޅަ ލިބިގަންނާނެ ކަމަށެވެ. އެކަމަކު ކިރަން ބޯޅަ އަށް އަތް ދިއްކޮށްލި ވަގުތު މަރޮންގް ވަނީ ބޮލުން ފޮނުވައިލައިފަ އެވެ. ބޯޅަ ކިރަންގެ ފަހަތަށް ގޮސް ވަނީ ހުހަށް އޮތް ގޯލްގެ ތެރެއަށެވެ.

އޭގެ ފަހުން މާޒިޔާ އަށް ނަތީޖާ ހަމަހަމަ ކުރުމަށް ވެސް ފުރުސަތު ލިބިގެން ދިޔަ އެވެ. ހަމްޒާ މުހައްމަދު (ހަމްޕް) ވަނީ އޭރިއާގެ އަރިމަތިން އަރައި ދެ ހަމަލާއެއް އުފައްދައިފަ އެވެ. ފުރަތަމަ ހާފުގައި މާޒިޔާ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އަށެވެ. އޭރިއާގެ އަރިމަތިން އޭނާ އެރީ ހުސްކޮށެވެ. އެކަމަކު ގޯލްގެ ހަނި ފަޅި އަށް ބޯޅަ ފޮނުވާލެވޭ ޕޮޒިޝަންގައި ހުރުމުން އެބޯޅަ ކިންގްސްގެ ކީޕަރު އަނީސުއް ރަހްމާން ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލި އެވެ.

ޕެޑްރޯ ޑޮމިނިގޭޒް (ޓާނާ) ނެގި ކޯނަރުގައި ނާއިޒު ހަސަން (ދާދު) ބޮލުން ޖަހައި ނުރައްކާތެރި ބޯޅައެއް ފޮނުވާލި ނަމަވެސް އެފުރުސަތު ބޭނުމެއް ނުހިފުނެވެ.

ދެވަނަ ހާފުގައި މުޅިން ކަހަލަގޮތަކަށް ކުޅުނީ މާޒިޔާއިންނެވެ. ހަމަލާތަކެއް ކައިރިކައިރީގައި އުފެއްދި އެވެ. ކީޕަރު އަނީސުއް ރަހަމްނާ އާއި ކިންގްސްގެ ޑިފެންސް ފެނުނީ ބިޒީކޮށެވެ. މިހާފުގައި ޓާނާ އަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ޓާނާ އޭރިއާގެ ބޭރުން ފޮނުވާލި ހިލޭޖެހުން ނަގައިދިނީ އޭރިއާގެ ތެރެއަށެވެ. މާޒިޔާގެ ޑިފެންޑަރު ނެމެންޏާ ކާޓަލް ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާ ގޮތެއް ނުވި އެވެ.

މި ސަރަހައްދުގެ ގުރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި މިއަދު ހަވީރު އިންޑިއާގެ ފުޓްބޯޅައިގެ ގަދަބާރު އޭޓީކޭ މޯހަން ބަގާން އާ ވާދަކޮށް، އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން، ގޯކްލަމް ކެރެލާ އެފްސީ ވަނީ 4-2 ން މެޗު ކާމިޔާބު ކޮށްފަ އެވެ.

އޭއެފްސީ ކަޕްގައި މުޅިން އަލަށް ވާދަކުރާ ކެރެލާ ޓީމުގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ސްލޮވޭނިއާގެ ފޯވާޑް ލުކަ މެޖްސަން އެވެ. އަނެއް ދެލަނޑު ޖެހީ ރިޝާދު ޕުތަންވީޓިލް އާއި ޖިތިން މަދާތިލް ސުބުރަން އެވެ. ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖު މެޗުތައް މިފަހަރު ކުރިއަށް ގެންދާ ކަލްކަތާ އަށް ނިސްބަތްވާ ކްލަބް، މޯހަންބަގާންގެ ލަނޑުތައް ޖެހީ ޕްރީތަމް ކޮޓާލް އަދި ލިސްޓަން ކަލާކޯ އެވެ.

ގުރޫޕް ސްޓޭޖުން އަނެއް ބުރަށް ނުވަތަ އިންޓަ ޒޯން ސެމީ ފައިނަލް ބުރަށް ދަތުރުކުރާނީ ގުރޫޕްގެ އެއްވަނަ ހޯދާ ޓީމު އެކަންޏެވެ. މިވަގުތު އެއްވަނައިގައި އޮތީ ކެރެލާ އެވެ. ކިންގްސް އަށް ދެވަނަ އެވެ. މާޒިޔާ އަށް ތިންވަނަ އެވެ. މޯހަންބަގާން އޮތީ ފުލުގަ އެވެ.

މާޒިޔާގެ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ ކެރެލާ އާ ދެކޮޅަށެވެ. އެދުވަހު ހަވީރު ކިންގްސް ނުކުންނާނީ މޯހަން ބަގާން އާ ދެކޮޅަށެވެ.