ބޮޑު ކާމިޔާބާއެކު އަންމަޑޭ އަށް އުފަލުންގޮސް ވާހަކަ ވެސް ނުދެއްކުނު
ބޮޑު ކާމިޔާބާއެކު އަންމަޑޭ އަށް އުފަލުންގޮސް ވާހަކަ ވެސް ނުދެއްކުނު

ދިވެހި ސާފިން ލީގުގެ ދެވަނަ މުބާރާތް، "މުލީކޮޅު ރާޅުގަނޑު"ގެ، ޗެމްޕިއަންކަން ހޯދައި ރާޅާ އެޅުމުގެ ގައުމީ ފެންވަރުގެ ފުރަތަމަ ބޮޑު ކާމިޔާބު އަހްމަދު އާގިލް (އަންމަޑޭ) ހޯދައިފި އެވެ.

ބޮޑު ކާމިޔާބާއެކު އަންމަޑޭ އަށް އުފަލުންގޮސް ވާހަކަ ވެސް ނުދެއްކުނު
ބޮޑު ކާމިޔާބާއެކު އަންމަޑޭ އަށް އުފަލުންގޮސް ވާހަކަ ވެސް ނުދެއްކުނު

މ. މުލީގައި މިއަދު ނިމިގެންދިޔަ މުބާރާތުގެ ޝޯޓް ބޯޑް އޯޕަން ކެޓަގަރީގެ ފައިނަލުގައި، ކ. ތުލުސްދު އަށް ނިސްބަތްވާ އަންމަޑޭ ކުރި ހޯދީ، ގދ. ގައްދޫ ނަޖާހް މުހައްމަދު (ކަބޯ) އާވާދަކޮށް 4.43 ގެ ތަފާތަކުން ކުރި ހޯދައިގެންނެވެ.

އެމްއެސްއޭގެ ފޭސްބްކް ޕޭޖް މެދުވެރިކޮށް ވަގުތުން ގެނެސްދެމުން ދިޔަ ކަވަރޭޖަށް އިންޓަވިއުއެއް ދޭން އެދުމުން އަންމަޑޭ އަށް ފުރަތަމަ ވެސް ރޮވުނީ އެވެ. ބޯތިރިކޮށްލައިގެން އޭނާ އޮތް އިރު އެމްއޭސްއޭގެ ރައީސް މުހައްމަދު ސޮބާހް (ޗޭ) ވަނީ އަންމަޑޭ އަށް ހިތްވަރު ދިނުމުގެ ގޮތުން އޭނާގެ ގައިގައި ބައްދައިލައިފަ އެވެ. މައިކު ދިއްކޮށްލުމުން އޭނާ އަށް އުފަލުން ގޮސް ވާހަކަ ވެސް ނުދެއްކުނެވެ.

"މީވަރަށް ދުވަހުގެ މަސައްކަތް،" އަންމަޑޭ ބުންޏެވެ. އުފަލުން ހުރި އަންމަޑޭ އަށް އިތުރަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ.

މިފަހަރުގެ ފައިނަލަކީ، ސާފިން ލީގުގައި ނަޖާހްގެ ދެވަނަ ފައިނަލެވެ. މާޗް މަހު އަމިއްލަ ރަށުގައި ބޭއްވި "ކަޅެގަލެކޮޑާ" ގެ ފައިނަލްގައި އިސްމާއީލް ރަޝީދު (ސްމައިލީ) އާ ވާދަކުރީ ނަޖާހް އެވެ.

މިއަދު ހަވީރު ބޭއްވި ފައިނަލްގައި އަންމަޑޭ ވަނީ ހަތް ރާޅުން 13.67 ޕޮއިންޓް ހޯދައިފަ އެވެ. ހަތަރުވަނަ ރާޅުގައި އޭނާ ވަނީ 7.50 ޕޮއިންޓް ހޯދާފަ އެވެ. އަދި ފުރަތަމަ ރާޅުން ވެސް 6.17 ޕޮއިންޓް ހޯދި އެވެ. ނަޖާހް އަށް ހޯދުނީ 9.24 ޕޮއިންޓެވެ. އެއަދަދަށް އޭނާ ސްކޯ ކުރީ އަށް ރާޅުގައި އަޅައިގެންނެވެެ. އޭނާ އަށް އެންމެ ގިނަ ޕޮއިންޓް ހޯދުނީ 5.87 ޕޮއިންޓް ސްކޯ ކުރި، ތިންވަނަ ރާޅުގަ އެވެ.

މިފަހަރުގެ މުބާރާތުގައި އަންހެން އެތުލީޓުން ވާދަކޮށްފައި ނުވުމުން އަންހެން ކެޓަގަރީ ހިމަނައިފައެއް ނުވެ އެވެ. މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ، މުއްޔަށް ނިސްބަތްވާ ޝާނިފް ޝަފީގް އެވެ. ފައިނަލްގައި އޭނާ ކާމިޔާބު ހޯދީ މުލަކަށް ނިސްބަތްވާ ޖުމާން މުހައްމަދާ ވާދަކޮށެވެ.