ހުއްޓުމެއް، ފަސްބެލުމެއް ނެތް، ޗެލްސީ 12 ވަނަ މޮޅު ހޯދައިފި!
ހުއްޓުމެއް، ފަސްބެލުމެއް ނެތް، ޗެލްސީ 12 ވަނަ މޮޅު ހޯދައިފި!

ލަންޑަން (ޑިސެމްބަރު 26) – ފޯވާޑް ޑިއޭގޯ ކޮސްޓާ އާއި މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ނެތަސް ޗެލްސީ ހުއްޓުވުނޭ ގޮތެއް މިވަގުތަށް ނެތްކަން މިރޭ އެ ޓީމުން ސާބިތުކޮށްދީފި އެވެ. ބޯންމައުތު އަތުން އަމިއްލަ ދަނޑުގައި 3-0 އިން ހޯދި މޮޅާ އެކު ޗެލްސީ މި ވަނީ ޖެހިޖެހިގެން 12 މޮޅު ހޯދައި ކްލަބުގެ ރެކޯޑެއް ހަދައި، ތާވަލުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

ޗެލްސީ އެއް ވަނައިގައި 46 ޕޮއިންޓް ހަމަކޮށްފައިވާއިރު ދެ ވަނައިގައި ނުވަ ޕޮއިންޓް ފަހަތުގައި އޮތީ 37 ޕޮއިންޓާ އެކު ލިވަޕޫލެވެ. އެކަމަކު ހަތަރު ވަނައިގައި މިވަގުތު އޮތް މެންޗެސްޓާ ސިޓީ މިރޭ ހަލް ސިޓީ އަތުން މޮޅުވެއްޖެ ނަމަ އެ ޓީމު ދެ ވަނަ އަށް އަރައި ޗެލްސީގެ ލީޑު ހަތް ޕޮއިންޓަށް ކުޑަވާނެ އެވެ. އަދި މާދަމާރޭ ސްޓޯކް ސިޓީ އަތުން ލިވަޕޫލް މޮޅުވެއްޖެ ނަމަ އެ ޓީމު އަލުން ދެ ވަނަ އަށް އަރައި އަދި ޗެލްސީގެ ލީޑު ހަ ޕޮއިންޓަށް ކުޑަވާނެ އެވެ. މި ވަގުތު ތިން ވަނައިގައި އޮތީ މިރޭ ވެސްޓް ބްރޮމް އަތުން 1-0 އިން މޮޅުވި އާސެނަލެވެ. އަނެއްކޮޅުން މެންޗެސްޓާ ޔުނައިޓެޑް ވަނީ ސަންޑަލެންޑް އަތުން 3-1 އިން މޮޅުވެފަ އެވެ.

ސްޓެމްފަޑް ބްރިޖުގައި މިރޭ ކުޅުނު މެޗުގެ 24 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ ސްޕެއިން ފޯވާޑް ޕެޑްރޯ އެވެ. އޭނާއާ އެކު ސްޕެއިން ގައުމީ ޓީމާއި ބާސެލޯނާ އަށް ކުޅެފައިވާ ސެސް ފެބްރިގާސް ދިން ބޯޅަ އޭރިއާ ރޮނގު މަތިން ޕެޑްރޯ ގޯލުގެ މަތީ ކަނަށް ވައްދާލީ ބޯންމައުތުގެ ތިން ޑިފެންޑަރުން ވިއްދާފައި ތިއްބަ އެވެ.

ޗެލްސީގެ ދެ ވަނަ ލަނޑު 49 ވަނަ މިނެޓުގައި ޕެނަލްޓީ އަކުން ޖެހީ އެޑިން ހަޒާޑެވެ. މިއީ އޭނާ އަށް ބޯންމައުތުގެ ސިމޮން ފްރެންސިސް އޭރިއާ ތެރެއިން ފައުލްކުރުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ޗެލްސީގެ ތިން ވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޖެހީ ޕެޑްރޯ އެވެެ. އޭނާ ހާފުގެ މެދުތެރެއިން ހިފައިގެން އައި ބޯޅަ އޭރިއާ ބޭރުން ޖެހުމުން ގޯލުގެ ތިރީ ކަނަށް ވަނީ ބޯންމައުތުގެ ކުޅުންތެރިޔެއްގެ ފައިގައި ޖެހިފަ އެވެ.

ޗެލްސީން މި ސީޒަނުގައި ހޯދަމުން އަންނަ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއްވެފައިވާ ދެ ކުޅުންތެރިން ކަމަށްވާ ކޮސްޓާ އާއި ކާންޓޭ ސަސްޕެންޝަނުގެ ސަބަބުން ނުކުޅުނު ނަމަވެސް މާބޮޑު ތަފާތެއް ނުދައްކަ އެވެ. މިރޭގެ މޮޅާ އެކު ޗެލްސީން 12 މޮޅު ހަމަކޮށްފައިވާއިރު މިއީ ކްލަބުގެ ރެކޯޑެވެ. ޕްރިމިއާ ލީގުގެ ރެކޯޑަކީ އާސެނަލުން 2001/2002 އަދި 2002/2004 ގައި ހަދާފައިވާ 14 މެޗުގެ ރެކޯޑެވެ.

އާސެނަލުން އަމިއްލަ ދަނޑުގައި މިރޭ ސަލާމަތްވީ ކިރިޔާ އެވެ. އެ ޓީމު މޮޅުކޮށްދިނީ 86 ވަނަ މިނެޓުގައި އޮލިވާ ޖިރޯ އެވެ. މި ސީޒަނުގެ ޕްރިމިއާ ލީގު މެޗެއްގައި ފުރަތަމަ އެގާރައިގައި އަލަށް ހިމެނިގެން ކުޅުނު ޖިރޯ މި ގޯލް ބޮލުން ޖެހީ މެސުތު އޮޒިލް ނަގައިދިން ހުރަހަކުންނެވެ. މުޅި މެޗަށް ބަލާއިރު އާސެނަލުން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނު ނަމަވެސް ގޯލް ޖެހުމުގައި ކުރިމަތިވީ އުނދަގޫތަކެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު ޑޭވިޑް މޮއިސް މިހާރު ކޯޗުކޮށްދޭ ސަންޑަލެންޑް އަތުން ޔުނައިޓެޑް މިރޭ 3-1 އިން މޮޅުވިއިރު އެ ޓީމަށް ފުރަތަމަ ގޯލް 39 ވަނަ މިނެޓުގައި ޖަހައިދިނީ ޑިފެންޑަރު ޑެނީ ބްލިންޑެވެ. މެޗުގެ އަނެއް ހަތަރު ލަނޑު ވެސް ފެނިގެން ދިޔައީ ފަހު 10 މިނެޓުގެ ތެރޭގަ އެެވެ. ޔުނައިޓެޑުގެ ދެ ވަނަ ލަނޑު 82 ވަނަ މިނެޓުގައި ޒަލަޓަން އިބްރަހިމޮވިޗް ޖެހިއިރު ތިން ވަނަ ލަނޑު ކާމިޔާބުކުރީ އަނިޔާގެ ސަބަބުން މިދިޔަ ދެ މެޗު ގެއްލުނު ހެންރިކް މިކިތާރްޔަން އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރައި އޭނާ މި ލަނޑު ޖެހީ 86 ވަނަ މިނެޓުގަ އެވެ. ސަންޑަލެންޑުގެ ލަނޑު 90 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލިވަޕޫލުގެ ކުރީގެ ފޯވާޑް ފަބިއޯ ބޮރީނީ އެވެ.

ޖެހިޖެހިގެން ހޯދި ހަތަރު ވަނަ މޮޅާ އެކު ޔުނައިޓެޑުން 33 ޕޮއިންޓް ހަމަކުރި ނަމަވެސް އަދި ވެސް އޮތީ ހަ ވަނައިގަ އެވެ. ފަސް ވަނައިގައި 33 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ އެއް މެޗު މަދުން ކުޅެފައިވާ ޓޮޓެންހަމް ހޮޓްސްޕާސް އެވެ. މިރޭ ބަލިވި ސަންޑަލެންޑް އޮތީ 14 ޕޮއިންޓާ އެކު ރެލިގެޝަން ޒޯނުގަ އެވެ.