19 މެއި 2022 - 06:38

އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް ވަރަށް ބޮޑަށް ފަލަވުމުން ސަޕޯޓަރުން ފާޑުކިޔަނިކޮށް، އޭނާ އަނެއްކާ ވެސް ފިޓުވެ، ހަށިގަނޑު ރީތިކޮށްލުމުގެ މަސައްކަތް ފަށައިފި އެވެ.

"ރާދޭ ޝިޔާމް" އިން އެންމެ ފަހުން ފެނުނު ޕްރަބާސްގެ ހަށިގަނޑަށް އައި ބަދަލުތައް ސަޕޯޓަރުން އެހާ ގަޔާނުވި އެވެ. މިދިޔަ އަހަރު، މީހާ ވަކިކުރަން އުނދަގޫވާ ވަރަށް އޭނާ އަށް ބަދަލުތަކެއް އައުމުން ގިނަ ބަޔަކަށް އެކަން ފާހަގަވެގެން އެ ވާހަކަދެއްކި އެވެ.
އެކަމަކު ޕްރަބާސްގެ ކުރިއަށް އޮތް ފިލްމު "ސަލާރް" ގެ މަސައްކަތަށް، ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެނެސް މުޅި ހަށިގަނޑު ރީތިކޮށްލާނެ ކަަމަށް ރިޕޯޓްތައް ބުންޏެވެ. އެކްޝަން ތުރިލާއެއް ކަމަށްވާ އެ ފިލްމުގެ ރޯލަށް އޭނާ މިހާރު ތައްޔާރުވާން ފަށާފައިވާ ކަމަށްވެ އެވެ.
ހަށިގަނޑަށް ގެންނަ ބަދަލުގެ އިތުރުން ޕްރަޝަންތު ނީލް ޑައިރެކްޓްކުރާ އެ ފިލްމުގައި ޕްރަބާސް ފެންނާނީ ތަފާތު ގޮތަކަށް ކަމަށް ވެސް ވެ އެވެ.
"ބަހޫބަލީ"ގެ ތަރި ޕްރަބާސްގެ އިތުރުން ފިލްމުގައި ޝުރުތީ ހަސަން އާއި ޕްރިތުވިރާޖް ސުކުމަރަން އަދި ޖަގާޕަތީ ބާބޫ ވެސް ފެންނާނެ އެވެ. އެ ފިލްމު ރިލީޒްކުރާނެ ތާރީހެއް އިއުލާންނުކުރި ނަމަވެސް އަންނަ އަހަރުގެ މެދު ތެރޭގައި ފިލްމު އަޅުވާނެ ކަމަށްވެ އެވެ.