ވާދަވެރިކަން ނިމިއްޖެ، މެމްބަރުންނަށް އެކުގައި މަސައްކަތް ކުރެވޭނެ: އަސްލަމް
ވާދަވެރިކަން ނިމިއްޖެ، މެމްބަރުންނަށް އެކުގައި މަސައްކަތް ކުރެވޭނެ: އަސްލަމް

ފަސް އަހަރުގެ ދައުރަކަށް އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ ކެމްޕޭންގައި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި ވާދަވެރި މާހައުލު ނިމިއްޖެ ކަމަށާއި އަލުން އަނެއްކާވެސް މެމްބަރުން މަސައްކަތްތައް ކުރައްވާނީ އެކުގައި ކަމަށް ޔަގީން ކުރައްވާ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ވާދަވެރިކަން ނިމިއްޖެ، މެމްބަރުންނަށް އެކުގައި މަސައްކަތް ކުރެވޭނެ: އަސްލަމް
ވާދަވެރިކަން ނިމިއްޖެ، މެމްބަރުންނަށް އެކުގައި މަސައްކަތް ކުރެވޭނެ: އަސްލަމް

މަޖިލީހުގައި 65 މެމްބަރުންގެ ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މިހާރު އޮތީ ދެބައިވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ތިއްބެވި މެމްބަރުން އާއްމުންނާ ހަމައަށް އޮތީ ތިލަވެފަ އެވެ.

މި އިންތިހާބުގައި ވަރަށް ފާޅުގައި ނުކުންނަވައި މެމްބަރުން މަސައްކަތް ކުރެއްވި އިރު، ބޮޑެތި ތުހުމަތުތަކާ އެކު ވަރަށް ޒާތީ އަމަލުތަކެއް ވެސް ހިނގި އެވެ. ގްރޫޕްތަކާއި ސޯޝަލްމީޑިއާގައި ވެސް އެކަކު އަނެކަކުގެ އަބުރު ކަތިލައި އަލުން އިސް އުފުލާލައި ބަލާލަން ނުކެރޭވަރަށް އެއްޗެހި ގޮވަމުން ދިއުމުގެ ނަތީޖާ ޕީޖީ ތެރޭގައި ވަރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އަސްލަމަށް އޮތެވެ.

އަސްލަމް "މިހާރު" އަށް ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވާދަކުރެއްވި އިންތިހާބު ނިމުމާ އެކު ޕާޓީގެ ތެރެއިން އަނެއްކާވެސް ފެންނަނީ ގުޅުން ބަދަހިވާ ތަން ކަމަށެވެ. އިންތިހާބުތަކަށް ފަހު، ޕާޓީ އަށް އެކުގައި މަސައްކަތް ކުރެވޭނެ ކަން، ޕާޓީގެ ލީޑަޝިޕުން ނަމޫނާ ދައްކަވަމުން އަންނަ ކަމަށާއި ޕީޖީ ގްރޫޕް ވެސް ހިނގާނީ އެގޮތަށް ކަން ފާހަގަކުރެއްވި އެވެ.

އިންތިހާބުން މޮޅުވި ފައްޔާޒަށް މަރުހަބާ ވިދާޅުވުމާ އެކު އެކުގައި މަސައްކަތް ކުރެއްވޭނެ ކަމުގެ ޔަގީންކަން އިންތި އާއި އޭނާގެ ޓީމުން ވަނީ ދީފަ އެވެ.

އަސްލަމް ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ފެނުނު ވަރަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވާދަވެރިކަން އާއްމުންނާ ހަމައަށް ތިލަ ނުވިޔަސް ގިނަ އިންތިހާބުތައް ހިނގަނީ އެ ގޮތަށް ކަމަށެވެ. އެކަމަކު ފަހުން އެ ވާދަވެރިކަން މީގެ ކުރީގެ އިންތިހާބުތަކުގައި ވެސް ނޯންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހަމަ ވަރަށް ޔަގީން އެންމެންނަށް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް. އިންތިހާބެއްގައި ފެންނަ ދެކޮޅުވެރިކަމަކީ އަބަދަށް ދެމިގެންދާ ކަންކަމެއް ނޫން. އެހާ ބޮޑަކަށް ޕާޓީ ބައިވެގެންދާ ތަނެއް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

އަސްލަމް އެހެން ވިދާޅުވި އިރު، އިންތިހާބުގެ ވާދަވެރިކަމުގައި އުފެދުނު ހިޔާލުތަފާތުވުން ބޮޑުވެ މަޖިލީހުގައި ޕީޕީއެމާ އެއްކޮޅަށް އެމްޑީޕީގެ މެމްބަރުންތަކެއް ވޯޓު ދިން މައްސަލަ ވެސް ބޮޑުވި އެވެ. މިކަމުގެ ކަންބޮޑުވުން އަސްލަމް ވެސް ފާޅުކުރައްވާފައިވެ އެވެ.

އޭނާ ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕުގެ ކަންކަމުގައި މިހާރަށް ވުރެ ބޮޑަށް މަޝްވަރާކޮށް، ގޮތްތަކެއް ނިންމަން ޖެހޭ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. މަޝްވަރާ އަށް ފުޅާކޮށް ޖާގަ އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"ޕީޖީގެ ގަވައިދަށް އިސްލާހު ގެނެސްގެން ވިޔަސް މިހާރަށް ވުރެ ބޮޑަށް ވިޕްލައިނާ އެއްގޮތަށް މެމްބަރުންނަށް ބާރު އެޅޭނެ އުސޫލްތައް ގާއިމް ކުރުމަށް އަޅުގަނޑު ވާނީ އެމްޑީޕީގެ ޕީޖީއާ މަޝްވަރާކުރަން ފަށާފައި،" އަސްލަމް ވިދާޅުވި އެވެ.

"ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިނުން ބޭރުވުމަކީ ވަރަށް ބޮޑު ގޯހެއް މެމްބަރަކު ކުރައްވާނެ. އެހެންވީމާ އެކަންކަން އެހެން ނުކުރުމަށް ބާރު އެޅޭނެ އަދި ނުކުރެވޭނެ ގޮތަށް ވެސް ސާފުކޮށް ފިޔަވަޅުތައް ގަވާއިދުގައި ލިޔަން އަޅުގަނޑު ގަސްތުކުރަން ޕީޖީ ލީޑަޝިޕާއެކު،" އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ވަކި ގޮތަކަށް އެކަން ނިމުމުން، ގަވައިދަށް ގެންނަން ޖެހޭ ނަމަ އެ މަސައްކަތް ހިނގާނެ އެވެ. އެކަމަކު ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މަސައްކަތްތައް އެކުވެރިކަމާ އެކު އެއް އަމާޒަކަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.