ބާ އެގްޒާމްގެ ފީ ކުޑަކުރަން ކޯޓަށް ހުށަހެޅި މައްސަލަ މާދަމާ ފަށަނީ
ބާ އެގްޒާމްގެ ފީ ކުޑަކުރަން ކޯޓަށް ހުށަހެޅި މައްސަލަ މާދަމާ ފަށަނީ

ރާއްޖޭގައި ބާއްވާ ފުރަތަމަ ބާ އެގްޒާމުގެ ފީގެ ގޮތުގައި ނަގާ 10،000ރ. ބޮޑު ކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ އަށް ތާވަލްކޮށްފި އެވެ.

ވަގުތީ ލައިސަންސްގައި، ގާނޫނީ ވަކީލުކަން ކުރަމުން އަންނަ ބައެއްގެ ފަރާތުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހުށަހެޅި މައްސަލައިގައި ބުނީ، ރާއްޖޭގައި ނަގާ އިމްތިހާނުތަކަށް ވުރެ ބާ އިމްތިހާނުގެ ފީ އެތައް ގުނައެއް ބޮޑު ކަމަށެވެ. އަދި އެ އިމްތިހާނަށް ތައްޔާރުވާން ލިބިފައިވާ ވަގުތަކީ މިފަދަ ކަމަކަށް މާލީ ގޮތުން ތައްޔާރުވުމަށް އެންމެ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް އެ ކައުންސިލުން ކުރި އިއުލާނުގައި ވެސް ބުނާ ކަމަށް އެ ވަކީލުން ފާހަގަކުރެ އެވެ.

ރާއްޖޭގައި ބާއްވާ އެސްއެސްސީ އަދި އެޗްއެސްސީ އިމްތިހާނުގެ މާއްދާއަކަށް ދަރިވަރެއްގެ އަތުން ނަގަނީ 155ރ. އެވެ.

ޑޮކްޓަރުންނާއި ނަރުހުންނަށް ލައިސެންސް ދިނުމަށް ބާއްވާ އިމްތިހާނުގައި ވެސް 3،000ރ. ނަގާ ކަމަށާއި އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފަރާތުން ބާއްވާ އެއާ ލޯ އެގްޒަމިނޭޝަން ފީގެ ގޮތުގައި ނަގަނީ 500ރ. ކަމަށް ވެސް އެ ދައުވާގައި ވެ އެވެ.

އެހެންވެ، ވަގުތީ ލައިސަންސްގައި މި ވަގުތު ގާނޫނީ ވަކީލުކަން ކުރަމުން އަންނަ މުހައްމަދު ނާޒިމާއި އަހުމަދު ސުލެއިމާންގެ ފަރާތުން ހުށަހެޅި މައްސަލައިގައި އެދުނީ ރާއްޖޭގައި ބާއްވާ މިފަދަ އެހެނިހެން އިމްތިހާނުތަކާ އެއްވަރުގެ ފީއެއް ނެގުމަށް ބާ ކައުންސިލްގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

ބާ ކައުންސިލުން އިއުލާނުކޮށްފައިވާ މުގައްރަރު ގާނޫނީ އަދި ޝަރުއީ މާއްދާތައް ހަމަހަމަވާ އުސޫލަކުން ބޭއްވުމަށާއި އެ އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓުން ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ބާ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފައިވެ އެވެ.

އަންނަ މަހުގެ 25 ގައި ބާއްވާ ބާ އެގްޒާމްގައި ރަޖިސްޓްރީވުމުގެ މުއްދަތު ވަނީ މިދިޔަ މަހުގެ 27 ގައި ހަމަވެފަ އެވެ.

މީގެ ދެ އަހަރު ކުރިން އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނު ބުނާގޮތުން ބާ އިމްތިހާން ފުރިހަމަކުރުމުން ނޫނީ ގާނޫނީ ވަކީލު ކަމުގެ ހުއްދައެއް ނުލިބެ އެވެ. ނަމަވެސް އިމްތިހާނަށް ގިނަ ދުވަސްތަކެއް ވަމުންދާތީ ގާނޫނު އިސްލާހުކޮށް ނިންމީ ބާ ކައުންސިލުން ކުރިއަށް ގެންދާ ވަކި ތަމްރީނެއް ފުރިހަމަ ކުރުމަށް ފަހު ހުއްދަ ދިނުމަށެވެ.

އެހެންވެ، އޭރު 250 އަށް ވުރެ ގިނަ ވަކީލުން ތަމްރީނެއް ފުރިހަމަކުރުމުން ވަކީލުކަމުގެ ވަގުތީ ލައިސަންސެއް ދީފައިވެ އެވެ.

ބާ އިމްތިހާނުގެ ފީއާ ގުޅޭގޮތުން އެ ކައުންސިލުން ކުރިން ބުނީ އިމްތިހާނުގެ ސްޓްރަކްޗާ ހެދުމަށް ބޮޑު ހަރަދެއް ހިނގުމާއި އެހެން ގައުމުތަކުގައި ވެސް ބާ އިމްތިހާނު ދޭއިރު ނަގާ އަދަދަށް ބަލައި ފީ ހަމަޖެއްސީ ކަމަށެވެ.