18 މެއި 2022 - 14:14

ޔޫކްރޭންގެ ދެކުނު ސަރަހައްދުން ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ދިޔަ މަރިއުޕޯލްގައި ހަނގުރާމަކުރި ޔުކްރޭން ސިފައިންގެ ތެރެއިން، ހަތިޔާރު ބަހައްޓައި އަމާން ދިން ސިފައިންނަށް ވާނެ ގޮތަކާ މެދު ސުވާލު އުފެދި ކަންބޮޑުވާ ކަމަށް އެ މީހުންގެ އާއިލާތަކުން ބުނަން ފަށައިފި އެވެ.
މަރިއުޕޯލް އިން އަމާން ދިން ޔޫކްރޭންގެ ސިފައިންނަކީ އެ ސަހަރުގައި ހުރި ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރެއަށް ވަދެ ތިއްބައި، ރަޝިޔާ ސިފައިން އެ ތަން ހިސޯރުކުރުމުން އެ ތަނުން ނުނިކުމެވި ތިބި ސިފައިންނެވެ. އެ ކާރުޚާނާގެ ތެރޭގައި ތިބި ޔޫކްރޭންގެ އާންމުން ވަނީ، ރެޑް ކްރޮސް އާއި އދ.ގެ ބެލުމުގެ ދަށުން އެތަނުން ނެރެގެން ޔޫކްރޭނަށް ގެންގޮސްފަ އެވެ.
އޭގެ ފަހުން، އެ ކާރުޚާނާގެ ތެރޭގައި ތިބި ޔޫކްރޭންގެ ސިފައިން ހަތިޔާރު ބަހައްޓައި އަމާން ދިނުމާ ގުޅިގެން، ރަޝިޔާ ސިފައިންގެ ބެލުމުގެ ދަށުން އެމީހުން އެ ތަނުން ނެރެ، މިހާރު ވަނީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި ހުރި ޔޫކްރޭންގެ ބައެއް ސަރަހައްދުތަކަށް ގެންގޮސްފަ އެވެ. އެމީހުން އަދިވެސް ތިބީ ރަޝިޔާ ސިފައިންގެ ބެލުމުގެ ދަށުން، ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ކަމަށް ވާތީ، އެ މީހުންނާ މެދު ރަޝިޔާ އިން އަމަލުކުރާނެ ގޮތެއް އަދި ނޭނގެ އެވެ.
ޔޫކްރޭން ހަނގުރާމައިގައި، ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު އެންމެ ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރީ މަރިއުޕޯލްގަ އެވެ. ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރޭގައި ތިބި ޔޫކްރޭން ސިފައިން ހަތިޔާރު ބަހައްޓައި އަމާން ދިނީ، ޔޫކްރޭން ސަރުކާރުން އެކަމަށް އަމުރު ނެރުމުންނެވެ.
ނަމަވެސް ސިފައިން އަމާން ދިނުމާ ބެހޭ ގޮތުން ރަޝިޔާ ސަރުކާރާއި ޔޫކްރޭން ސަރުކާރާ ދެމެދުވެފައި ވަނީ ކޮން ކަހަލަ އެއްބަސްވުމެއް ކަމެއް ނޭނގެ އެވެ. ޔޫކްރޭނުން މިހާރު ބުނަމުން އަންނަނީ، ހަނގުރާމައިގެ އަސީރުން ބަދަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން، ރަޝިޔާގެ ބެލެމުގެ ދަށުގައި ތިބި ޔޫކްރޭން ސިފައިން ވަރަށް އަވަހަށް ޔޫކްރޭނަށް ގެންނާނެ ކަމަށެވެ.
ހަނގުރާމައިގެ ތެރޭގައި ޔޫކްރޭން ސިފައިން އަތުލައިގެންފައިވާ ރަޝިޔާގެ ސިފައިންތަކެއް، ޔޫކްރޭންގައި މިހާރު ވެސް އެބަ ތިއްބެވެ. ޔޫކްރޭނުން މިހާރު ވަނީ، ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ދައުވާ އެމީހުންގެ މައްޗަށް އުފުލައިފަ އެވެ. އެހެންކަމުން، އެފަދަ ތުހުމަތުތަކެއްގައި ދައުވާ އުފުލާފައިވާ ބަޔަކު، ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ރަޝިޔާއާ ހަވާލު ނުކުރާނެ ކަމަށް، ޔޫކްރޭންގެ ބައެއް ސިޔާސީ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.