19 މެއި 2022 - 11:13

ތައިލެންޑުގެ ޓޫރިޒަމް ސަރަހައްދެއްގައި ހިންގަމުން އަންނަ ލެ މެރިޑިއަން ރިސޯޓަށް، ކޮވިޑު-19 ގައި ލިބުނު ގެއްލުމުގެ ބަދަލުދޭން ސިންގަޕޫރުގެ ދެ އިންޝުއަރެންސް ކުންފުންޏެއްގެ މައްޗަށް އެ ގައުމުގެ ހައިކޯޓުން ހުކުމް ކޮށްފި އެވެ.

މިއީ ކޮވިޑާ ގުޅިގެން ސިންގަޕޫރުގެ ކޯޓަކުން އިންޝުއަރެންސް ކުންފުންޏަކާ މެދު މިފަދަ ހުކުމެއް ކުރި ފުރަތަމަ ފަހަރެވެ. އެ ހުކުމުގައިވާ ގޮތުން ސިންގަޕޫރުގެ ކިއުބީއީ އިންޝުއަރެންސް އާއި އެމްއެސް ފަސްޓް ކެޕިޓަލް އިންޝުއަރެންސުން ލެ މެރީޑިއަން އަށް ކޮވިޑުގައި ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ލެ މެރީޑިއަން ރިސޯޓުގެ މުވައްޒަފަކަށް އޭޕްރީލް 2020، ގައި ކޮވިޑް ޖެހުމުން، ޕުކެޓްގައި ކޮވިޑް ކޭސްތައް އިތުރުވާން ފެށުމާ އެކު އެ ރަށުގައި ހިންގާ ހުރިހާ ހޮޓަލެއް ބަންދުކުރަން ތައިލެންޑް ސަރުކާރުން ވަނީ އަންގައިފަ އެވެ.
ރިލެކްސް ބީޗުން ހިންގާ ލެ މެރީޑިއަން އަކީ ސިންގަޕޫރުގެ ވިޔަފާރިވެރިޔާ ޕީޓާ ފޫގެ ރިސޯޓެކެވެ.
ރިލެކްސް ބީޗުން ކުރި ދައުވާގައި ބުނެފައި ވަނީ ކިއުބީއީ އާއި އެމްއެސް ފަސްޓް ކެޕިޓަލްއާ ދެމެދު ހަދާފައިވާ އިންޝުއަރެންސް އެގްރީމެންޓްތަކުގައި، ބޮޑު ބައްޔެއް ފެތުރޭ ހާލަތުގައި ރިސޯޓު ބަންދުކުރަން ޖެހިއްޖެ ނަމަ އޭގެ ބަދަލު ކުންފުންޏަށް ލިބެން ޖެހޭނެ ކަމަށެވެ.
ރިސޯޓު ބަންްދުކުރުމާ ގުޅިގެން ރިލެކްސް ބީޗުން ވަނީ ގެއްލުމުގެ ބަދަލު ހޯދަން ތައިލެންޑުގައި ހުންނަ ކިއުބީއީ އިންޝުއަރެންސްގެ އެސޯސިއެޓް ކުންފުނީގައި އެދިފަ އެވެ. ނަމަވެސް ކޮވިޑްގެ އެއްވެސް ކޭހެއް ނުފެންނަ ކަމަށް ބުނެ އެ ރިސޯޓުގެ ހުށަހެޅުން ބަލައި ނުގަންނަން ކިއުބީއީން ނިންމި އެވެ. އެ ކުންފުނިން ބުނީ ލެ މެރިޑިއަން އިން ކޮވިޑް ކޭހެއް ފެނިފައިވާކަން އަންގާފައިނުވާތީ، ރިސޯޓުގެ ހުށަހެޅުމަކީ، ކުންފުންޏާ އެކު ހަދާފައިވާ އިންޝުއަރެންސް އެއްބަސްވުމާ ހިލާފުވާ ކަމެއް ކަމަށެވެ.
މިކަމާ ގުޅިގެން ރިލެކްސް ބީޗުން ކިއުބީއީ އާއި އެމްއެސް ފަސްޓް ކެޕިޓަލްއާ ދެކޮޅަށް މިދިޔަ އަހަރުގެ މާޗު މަހު ހުށަހެޅި ދައުވާގައި ބުނެފައި ވަނީ އެ ހޮޓަލުން ކޮވިޑުގެ ކޭސްތައް ފެނިފައިވާ ކަމަށެވެ. ދައުވާއަށް އިންޝުއަރެންސް ކުންފުނިތަކުން އިންކާރުކުރި ނަމަވެސް، ސިންގަޕޫރު ހައިކޯޓުން ވަނީ، ތައިލެންޑުގެ އިދާރާތަކާ ހަވާލާދީ، ކޮވިޑްގެ ކޭސްތައް ހޮޓަލުން ފެނިފައިވާ ކަމަށް ބުނެ، އެއްބަސްވުމުގައިވާ ގޮތަށް ރިލެކްސް ބީޗް ކުންފުންޏަށް ދައްކަންޖެހޭ އިންޝުއަރެންސް ފައިސާ ދެއްކުމަށް އަންގައިފަ އެވެ.
އިންޝުއަރެންސް ފައިސާ ނުދައްކާތީ މީގެ ކުރިން ވެސް ކިއުބީ އިންޝުއަރެންސްއާ ގުޅޭ މައްސަލަތަކެއް އިނގިރޭސިވިލާތުގެ ހައި ކޯޓުން ބަލާފައިވެ އެވެ.