18 މެއި 2022 - 12:31

މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހު ޗައިނާގެ ކުންމިން ސިޓީން ފުރައިގެން، 132 ދަތުރުވެރިންނާ އެކު އެ ގައުމުގެ ގުއަންގްޒޫ އަށް ދަތުކުރަނިކޮށް، ޗައިނާ އީސްޓަންގެ މަތިންދާބޯޓު ފަރުބަދަމަތީ ސަރަހައްދަކަށް ވެއްޓުނީ ހާދިސާއެއްގެ ސަބަބުން ނޫން ކަމަށާއި އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ބެލެވެން ފަށައިފި އެވެ.
އެ ހާދިސާގެ ތަހުގީގުތަކާ ބެހޭ މައުލޫމާތު އެނގޭ މަސްދަރުތަކަކާ ހަވާލާދީ، އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވާ ގޮތުން ބޮއިން 737-800 މަރުކާގެ އެ ބޯޓު ވެއްޓުނީ 29،000 ފޫޓު މަތިން ދަތުރުކުރަމުން ދަނިކޮށް ކުއްލިއަކަށެވެ. ބޯޓުން ދަތުރު ކުރި 132 މީހުން އެ ހާދިސާގައި މަރުވެފައިވާ އިރު، އެއީ ޗައިނާގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިން، މިދިޔަ 30 އަހަރުގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ އެވެ.
އެ ބޯޓުގެ ފްލައިޓް ޑާޓާ ރެކޯޑަރުތައް ހޯދައި މިހާރު ވަނީ އެމެރިކާ އަށް ގެންގޮސް އެ ހާދިސާގެ ތަހުގީގު ފަށައިފަ އެވެ. މިހާތަނަށް ކުރެވުނު ތަހުގީގުން ދައްކާ ގޮތުގައި، ބޯޓު ވެއްޓުނީ އެ ބޯޓުގެ ކޮކްޕިޓްގައި އިން ޕައިލެޓް ނުވަތަ ބާރުގެ ބޭނުންކޮށްގެން ކޮކްޕިޓް ތެރެއަށް ވަން އެހެން މީހަކު، ބޯކޮޅު ވަތަށް ބޯޓު ވެއްޓޭ ގޮތަށް، ބޯޓުގެ އޮޓަމެޓިކް ނިޔަމިކަމުގެ ނިޒާމު މެދުވެރިކޮށް، ގަސްދުގައި ބޯޓުގެ މިސްރާބު ބަދަލުކޮށްލުމުންނެވެ.
"ބޯޓު އެ އަމަލުކުރީ، ކޮކްޕިޓް ތެރޭގައި އިން މީހަކު، ބޯޓުން އަމަލުކުރަން އެންގި ގޮތަށް،" އެމެރިކާގައި މިހާރު ކުރިއަށް ދާ ތަހުގީގުތަކާ ބެހޭ މައުލޫމާތު އެނގި ހުރި މީހަކު، ވޯލް ސްޓްރީޓް ޖާނަލް އަށް ކިޔައިދިނެވެ.
ބޯޓު ކުންމިން އިން ފުރައިގެން 29 ހާސް ފޫޓު މަތިން ދަތުރުކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް ބޯޓު ތިރިވާން ފެށުމާ ގުޅިގެން، އެއާ ޓްރެފިކް ކޮންޓްރޯލަރުންނާއި، ކައިރިން ދަތުރުކުރި އެހެން މަތިންދާބޯޓުތަކުން، ރޭޑިއޯ ސެޓް މެދުވެރިކޮށް، ޗައިނާ އީސްޓަންގެ ފްލައިޓަށް ގޮވަމުން ދިޔަ އެވެ. ނަމަވެސް އެއިން އެއްވެސް ގޮވުމަކަށް ޗައިނާ އީސްޓަން ފްލައިޓްގެ ޕައިލެޓް ޖަވާބެއް ނުދެ އެވެ.
ޗައިނާ އީސްޓަންގެ މަތިންދާބޯޓު، ބޯކޮޅު ވަތަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، ގިނަ ބަޔަކު އޭރު ބުނަމުން ދިޔައީ، ބޯޓު ވެއްޓުނީ ގަސްދުގައި ބަޔަކު ކުރި ކަމަކުން ކަމަށް ބެލެވޭ ކަމަށެވެ. އެ ފާޑިކިޔުންތަކާ ގުޅިގެން ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން އޭރު ބުނެފައިވަނީ، ބޯޓު ވެއްޓުމުގެ ހާދިސާއާ ގުޅޭ، އާދަޔާ ޚިލާފު އެއްވެސް ކަމެއް ފާހަގަނުކުރެވޭ ކަމަށެވެ.
އޭގެ އިތުރުން، އެ މަތިންދާބޯޓު ދަތުރަށް ފުރުމުގެ ކުރިން، ސަލާމަތީ ރައްކާތެރިކަމުގެ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންތައް ފުރިހަމަކޮށް، ބަލަންޖެހޭ ކަންތައް ބަލައި ޔަގީންކޮށްފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ. އަދި އެ ބޯޓުގައި ނުރައްކާތެރި އެއްވެސް ބާވަތެއްގެ މުދަލެއް ވެސް ނުއުފުލާ ކަމަށާއި ދަތުރުކުރި ސަރަހައްދުގެ މޫސުން ވެސް ގޯސް ނޫން ކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ތަޖުރިބާކާރުންގެ ހިތުގައި މިހާރު ސުވާލު އުފެދެނީ، މަތިންދާބޯޓު ވެއްޓުނީ އެންމެ ޕައިލެޓަކު ކުރި ކަމެއްގެ ސަބަބުންތޯ ނުވަތަ ދެ ޕައިލެޓުންގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިންތޯ ނުވަތަ ދެ ޕައިލެޓުންގެ މަސައްކަތުގެ ތެރެއަށް އެހެން ފަރާތަކުން ހުރަސްއެޅުމުގެ ސަބަބުންތޯ އެވެ.