18 މެއި 2022 - 12:24

ކޮލަމްބޯ (މެއި 18) - ވަރަށް މުހިންމު ބޭނުމެއްގައި ނޫނީ ޕެޓްރޯލް ހޯދުމަށް އެކަކު ވެސް މިއަދު ކިޔޫގައި ނުޖެހުމަށް ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) އިން އަންގައިފި އެވެ.
ސީޕީސީން ބުނީ ޕެޓްރޯލް ސަޕްލައި ވަނީ ވަރަށް މަދުވެފައި ކަމަށެވެ. އެހެންވެ ކިޔޫގައި ޖެހުނަސް ޕެޓްރޯލް ނުލިބޭނެ ކަމަށް ބުނެފައިވެ އެވެ.
ޕެޓްރޯލް އެންމެ އަވަހަށް ވެސް ލިބޭނެ ކަމަށް ސީޕީސީން ލަފާކުރަނީ މާދަމާ އެވެ. އާދައިގެ މަތިން މާދަމާ ޕެޓްރޯލް ވިއްކަން ފެށޭވަރު ވާނެ އެވެ. ޕެޓްރޯލް ހުސްވިއަސް ތެޔޮ ސްޓޭޝަންތަކުން ޑީސަލް ލިބެން ހުންނާނެ އެވެ.
ލަންކާގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިދިޔަ ހޯމަ ދުވަހު ގައުމާ މުޚާތަބް ކުރައްވަމުން ވިދާޅުވެފައި ވަނީ ލަންކާ އިން ޕެޓްރޯލް ހުސްވެފައިވާ ކަމަށާއި އެންމެ އަސާސީ ތަކެތި ގަންނަން ޑޮލަރު ހޯދަން ވެސް ދަތިވެފައިވާ ކަމަށެވެ.
ރަނިލް ވިދާޅުވީ ކޮލަމްބޯގެ ބޭރުގައި ތެޔޮ ބޯޓުތައް ބަނދަރުކޮށްފައިވާ ކަމަށާއި ނަމަވެސް އެ ތެޔޮ ބޭލުމުގެ ކުރިން ދައްކަންޖެހޭ ޑޮލަރު ސަރުކާރަށް ހަމަނުޖެހުނު ކަމަށެވެ. ކުރިއަށްއޮތް ދުވަސްތަކުގައި ރައްޔިތުން އުޅެން ޖެހޭނީ ވަރަށް ދަތި ހާލުގައި ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.
ލަންކާ އިން މިހާރު ތަޖްރިބާކުރަމުން ދަނީ އެ ގައުމު 1948 ވަނަ އަހަރު މިނިވަންވީ ފަހުން ކުރިމަތިވި އިގްތިސާދީ ގޮތުން އެންމެ ދަތި ދުވަސްތަކެވެ.
ލަންކާ އިން މިހާރު ދަނީ އައިއެމްއެފްގެ ބެއިލްއައުޓް ޕެކޭޖެއް ހޯދުމަށް މަޝްވަރާ ކުރަމުންނެވެ. ފައިސާ ދޭ ބައިނަލްއަގުވާމީ އެޖެންސީތަކުގެ އެންމެ ބޮޑު ޑިމާންޑަކީ ގެއްލުމާ އެކު ހިންގާ ސަރުކާރުގެ ކުންފުނިތައް ދޫކޮށްލުމެވެ.