މާޒިޔާގެ ކުޅުންތެރިންނަށް ޕްރެޝަރެއް ނޯންނާނެ: ޖެސިޗް
މާޒިޔާގެ ކުޅުންތެރިންނަށް ޕްރެޝަރެއް ނޯންނާނެ: ޖެސިޗް

އޭއެފްސީ ކަޕްގައި މާޒިޔާ އަށް ޕްރެޝަރެއް ނެތް ކަމަށާއި ބޭނުންވަނީ ޓީމުގެ ފެންވަރު ސާބިތުކޮށްދޭން ކަމަށް، އެ ޓީމުގެ ކޯޗު، މިއޯޑްރާގް ޖެސިޗް ބުނެފި އެވެ.

މާޒިޔާގެ ކުޅުންތެރިންނަށް ޕްރެޝަރެއް ނޯންނާނެ: ޖެސިޗް
މާޒިޔާގެ ކުޅުންތެރިންނަށް ޕްރެޝަރެއް ނޯންނާނެ: ޖެސިޗް

އޭއެއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖުގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބޮށުންދަރާ ކިންގްސްއާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ޖެސިޗް ބުނީ ޑޮމެސްޓިކް ލީގަށް ވުރެ އޭއެފްސީ ކަޕްގައި ޕްރެޝަރު އޮންނާނެ ކަމަށެވެ. ނަމަވެސް އެއީ ކުޑަ ޕްރެޝަރެއް ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެން މިތަނަށް އައީ މާބޮޑު ޕްރެޝަރެއް ނެތި،" އިންޑިއާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗުގެ ކުރިން ސާބިއާގެ ކޯޗު ބުންޏެވެ.

"އަހަރެމެން ބޭނުންވަނީ އަހަރެމެންގެ ފެންވަރު ދަނޑުމަތީގައި ސާބިތުކޮށްދޭން. އަހަރެމެން ގަބޫލު ކުރަނީ އަހަރެމެންނަށް ގުރޫޕް ސްޓޭޖުގައި ފުރުސަތެއް އެބައޮތޭ. އަދި ކުޅުންތެރިންނަށް ޕްރެޝަރެއް ނޯންނާނެ. ކުޅުންތެރިންނަށް އަހަރެމެން އެއްވެސް ޕްރެޝަރެއް ނުކުރަން. އަހަރެމެން ބޭނުންވަނީ ރަނގަޅު ފުޓްބޯޅައެއް ކުޅެ ވީހާވެސް ގިނަ މެޗުތަކުން މޮޅުވާން."

ކިންގްސްގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ބުނީ އޭނާގެ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު ތިބި ކުޅުންތެރިންނާ އެކު އެ މަގާމުތައް ފޫބެއްދޭނެ ކަމަށް އޭނާ ބުންޏެވެ.

"އެކަމަކު އަހަރެމެންގެ އެބަތިބި ބަންގްލަދޭޝް ގައުމީ ޓީމުގެ އެންމެ ވަރުގަދަ ކުޅުންތެރިން. އަހަރެމެން ދަތިތައް ކުރިމަތިވާ ކަމަށް ވަންޏާ އަހަރެމެމެން އެބަޖެހޭ މިހާރަށްވުރެ ވަރުގަދަވާން. ހިތްވަރުގަދަ ބަޔަކަށްވާން. އަހަރެމެންގެ މުހިންމު ކުޅުންތެރިން ގެއްލިގެން ދިޔަ ނަމަވެސް އެކަމުން އަރައިގަންނާނެ،" ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ބުރުޒޮން ބުންޏެވެ.

ކޮވިޑް-19 ގެ ހާލަތު ކަމަށްވުމުން ގުރޫޕް ސްޓޭޖު ކުޅޭނީ ސެންޓްރަލައިޒްކޮށެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ބައްދަލު ކުރުމަށް ފަހު އަނެއް ބުރަށް ދަތުރުކުރާނީ އެއްވަނަ ހޯދާ ޓީމު އެކަންޏެވެ. ކަލްކަތާގައި ކުޅޭ ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ކަލްކަތާ އަށް ނިސްބަތްވާ އޭޓީކޭ މޯހަން ބަގާން އާއި އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޮކުލަމް ކެރަލާ އެފްސީ އެވެ.

މޯހަން ބަގާންގެ ކޯޗު ހުއާން ފެރާންޑޯ ބުނީ އޭނާގެ ޓީމު ފިޔަވައި ގުރޫޕްގައި އޮތް އަނެއް ތިން ޓިމަކީ ފޭވަރިޓް ކަމަށެވެ. އެކަމަކު މިދިޔަ އަހަރު ވެސް ދެކުނު އޭޝިއާގެ ގުރޫޕުން އަނެއް ބުރަށް ދަތުރުކުރީ މޯހަން ބަގާން އެވެ.

"މީހުން އަހަރެމެންނާ މެދު އުންމީދު ކުރިއަސް އަހަރެން ނުދެކެން އަހަރެމެން މިއީ ފޭވަރިޓް ޓީމު ކަމަކަށް. ހަގީގަތުގައި އަނެއް ތިން ޓީމަކީ ފޭވަރިޓުން. ސަބަބަކީ އެއިން ކޮންމެ ޓީމަކީ އެ ޓީމެއް ވާދކުރާ ލީގުގެ ޗެމްޕިއަނުން،" ފެރާންޑޯ ބުންޏެވެ.

"ފަހަރެއްގައި އަހަރެމެންގެ ބޮޑު ތާރީހަކާއި ބޮޑު ސްކޮޑެއް އޮތީމަ ކަމަށް ވެދާނެ މީހުން އަހަރެމެންނާ މެދު އުންމީދު ކުރަނީ. އެކަމަކު އެއީ އަހަންނަށް މާ މުހިންމު އެއްޗެއް ނޫން."

ކެރަލާ އާއި މޯހަންބަގާން ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 4 ޖަހާއިރު އެވެ. މާޒިޔާ އާއި ކިންގްސް ކުޅޭ މެޗު ފަށާނީ މިރޭ 8 ޖަހާއިރު އެވެ.