ބިޓްކޮއިން ޕްރޮމޯޓްކުރި ކޮންފަރެންސްގައި އެމްއެމްއޭއިން ބައިވެރިވެއްޖެ
ބިޓްކޮއިން ޕްރޮމޯޓްކުރި ކޮންފަރެންސްގައި އެމްއެމްއޭއިން ބައިވެރިވެއްޖެ

ދުނިޔޭގެ މަރުކަޒީ ބޭންކްތައް ހިމެނޭ ބައިނަލްއަގްވާމީ ޖަމިއްޔާ އެލަޔަންސް ފޯ ފައިނޭންޝަލް އިންކްލޫޝަން (އޭއެފްއައި) އިން ބޭއްވި ކޮންފަރެންސެއްގައި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބައިވެއްޖެ އެވެ.

އެލް ސަލްވަޑޯގައި ބޭއްވި ޑިޖިޓަލް ފައިނޭންޝަލް ސާވިސަސް ކޮންފަރެންސްގައި މާލީ ޑިޖިޓަލް ހިދުމަތްތަކާއި ކުދި ވިޔަފާރިތަކަށް މާލީ ގޮތުން ފަސޭހަ ފުރުސަތުތަކެއް ލިބުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

މި ކޮންފަރެންސް ހޯސްޓް ކުރި އެލް ސަލްވަޑޯއިން ވަނީ ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ބިޓްކޮއިން ޕްރޮމޯޓް ކޮށްފަ އެވެ. އެ ގައުމުން ވަނީ ބިޓްކޮއިނާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަނެއް ދީފަ އެވެ.

ދުނިޔޭގެ 40 ގައުމެއްގެ މަރުކަޒީ ބޭންކުން ބައިވެރިވި މި ކޮންފަރެންސްގައި އެލް ސަލްވަޑޯގެ ރައީސް ނައިބް ބުކެލޭ ވަނީ އެ ގައުމުގައި ރަސްމީ ފައިސާއެއްގެ ގޮތުގައި ބިޓްކޮއިން ބަލައިގަތުމުން ލިބުނު ފައިދާތައް ހިއްސާކުރައްވައިފަ އެވެ.

ވިޔަފާރީގެ މުއާމަލާތްތަކުގައި ބިޓްކޮއިން ބޭނުން ކުރަން ފެށުމުން މިދިޔަ އަހަރު އެ ގައުމުގެ ޓޫރިޒަމް ދާއިރާ 30 ޕަސެންޓް ކުރިއަރައި، އިގްތިސާދު ވަރަށް ބޮޑަށް ވަނީ ކުރިއަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ގައުމުން ބިޓްކޮއިން ޕްރޮމޯޓް ކުރަމުން އަންނަ އިރު ދާދިފަހުން ބިޓްކޮއިންގެ އަގު ވެއްޓުމާ ގުޅިގެން އާންމުން ވަނީ މުޒާރަހާކޮށް ނުރުހުން ވެސް ފާޅުކޮށްފަ އެވެ. އެމެރިކާގެ ނޭޝަނަލް ބިއުރޯ އޮފް އިކޮނޮމިކް ރީސާޗުން ބުނެފައިވާ ގޮތުގައި އެލް ސަލްވަޑޯގައި ކްރިޕްޓޯ ވޮލެޓް ބޭނުން ކުރަނީ 20 ޕަސެންޓް މީހުންނެވެ.

މިދިޔަ ޖެނުއަރީ މަހު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ ބިޓްކޮއިން ބޭނުން ކުރުން ހުއްޓާލަން އެމެރިކާގެ ސެންޓްރަލް ބޭންކަށް އެދިފަ އެވެ. އަދި ބިޓްކޮއިނުން ވިޔަފާރީގެ މުއާމަލާތްތައް ކުރުމުން ކުރިމަތިވެދާނެ މާލީ ބޮޑެތި ރިސްކްތައް ވެސް ހިއްސާކޮށްފައިވެ އެވެ.