ނެޓްފްލިކްސް އިން 150 މުވައްޒަފުން ވަކިކުރަނީ
ނެޓްފްލިކްސް އިން 150 މުވައްޒަފުން ވަކިކުރަނީ

މި މަހު ކުރީކޮޅު ނެޓްފްލިކްސް އިން ގިނަ މުވައްޒަފުންތަކެއް ކަނޑާލާފައިވަނިކޮށް، އިތުރު 150 މުވައްޒަފަކު ވަކިކުރަން ނިންމައިފި އެވެ.

ވެރައިޓީން ރިޕޯޓްކުރި ގޮތުގައި، 150 މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ ކޮންޓްރެކްޓަރުން ވެސް ވަކިކުރަން ނިންމާފައިވެ އެވެ. ނެޓްފްލިކްސް މާކެޓްކުރާ ޕްލެޓްފޯމް "ޓުޑުމް"ގައި މަސައްކަތްކުރާ ކޮންޓްރެކްޓަރުންގެ ތެރެއިން މަދުވެގެން 26 މީހަކު ވަކިކުރާ ކަމަށް ބެލެވެ އެވެ. ދެން މީހުން ވަކިކުރާ ސީދާ ޑިޕާޓްމަންޓްތަކެއް އަދި ޔަގީންނުވެ އެވެ.

ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު މަދުވިކަން އިއުލާންކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް މި މަހު ކުރީކޮޅު އެ ކުންފުނީގެ މާކެޓިންގައި އުޅޭ 25 މީހަކު ވެސް ވަޒީފާއިން ވަކިކުރި އެވެ.

އެ ކުންފުނިން ބައެއް މީޑިއާތަކަށް ބުނި ގޮތުގައި، އެންމެ ގިނައިން މުވައްޒަފުން ވަކިކޮށްފައި ވަނީ އެމެރިކާގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ. އަދި އެ މީހުން ވަޒީފާއިން ވަކިކުރަން ޖެހުނީ ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެގެން ކަމަށް ވެސް ބުންޏެވެ.

ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސް އަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދެ މިލިއަން ސަބްސްކްރައިބާސް ނުވަތަ ކަސްޓަމަރުން ގެއްލޭނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ.

މި އަހަރު ފުރަތަމަ ކުއާޓާގައި އެކަނި ވެސް 200،000 ސަބްސްކްރައިބާސް ގެއްލިފައިވާ ކަމަށް ނެޓްފްލިކްސް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެެ ޚަބަރާ އެކު ކުންފުނީގެ ހިއްސާގެ އަގު ވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެ އެވެ.