މާމަ ދަރިއަކު ހޯދައި ނުދީގެން އިންޑިއާގެ ދެމަފިރިއަކު ދަރިއަކާ ދެކޮޅަށް ދައުވާކުރަނީ
މާމަ ދަރިއަކު ހޯދައި ނުދީގެން އިންޑިއާގެ ދެމަފިރިއަކު ދަރިއަކާ ދެކޮޅަށް ދައުވާކުރަނީ

މާމަ/ކާފަ ދަރިއަކު ހޯދާ ނުދީގެން އިންޑިއާގެ ދެމަފިރިން އެ މީހުންގެ ދަރިއަކާ ދެކޮޅަށް ދައުވާކުރަން ނިންމައިފި އެވެ.

އިންޑިއާގެ ހަރިދުވާރު ސިޓީގައި ދިރިއުޅޭ، ސާދަނާ އާއި ސަންޖީވް ޕްރަސާދު ކިޔާ އެ ދެމަފިރިން ވަނީ އެ މީހުންގެ ފިރިހެން ދަރިފުޅާއި އޭނާގެ އަނބިމީހާ އަށް ދައުވާކުރަން ކޯޓަށް މައްސަލަ ހުށަހަަޅައިފަ އެވެ.

މާމަ/ކާފަ ދަރިއަކު ހޯދާ ނުދީގެން އެ ދެމަފިރިންނަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، 35 އަހަރުގެ ދަރިފުޅާއި އޭނާގެ 31 އަހަރުގެ އަނބިމީހާގެ އަތުން 50 މިލިއަން ރުޕީސް (10 މިލިއަން ރުފިޔާ) ހޯދަން އެދިފައިވެ އެވެ.

އެ ދެމަފިރިން ހުށަހެޅި މައްސަލައިގައި ބުނި ގޮތުގައި، އެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅު ބަލާބޮޑުކުރަން 20 މިލިއަން ރުޕީސް (ހަތަރު މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާ ކަމަށެވެ. އެކަމަކު، އޭނާގެ ހަ އަހަރުވީ ކައިވެންޏަށް އަދިވެސް މާމަ/ކާފަ ދަރިއަކު ހޯދާ ނުދޭ ކަމަށެވެ.

"އެމީހުން އޭނާ ބަލާބޮޑުކޮށް، ތައުލީމު ހޯދައިދިން، ގާބިލު މީހަކަށް ހަދައިދިން، އޭނާ ޕައިލެޓަކަށް ހަދައިދިން. އެއީ ވަރަށް ބޮޑު ހަރަދެއްކޮށްގެން ކުރި ކަމެއް،" އެ ދެމަފިރިންގެ ވަކީލު އަރްވިންދު ސްރިވާސްތަވު ވިދާޅުވި އެވެ.

"އެ ދެމަފިރިންނަށް ފެނޭ އެމީހުންގެ އަވަށްޓެރިން މާމަ/ކާފަ ދަރިން ގޮވައިގެން އުޅޭތަން. އެހެންވެ، އެމީހުން ވެސް އެގޮތް ބޭނުންވޭ."

އެ ދެމަފިރިން ބުނީ އެމީހުންގެ ދަރިފުޅު ކައިވެނިކުރުވީ އޭނާގެ އަނބިމީހާއާ އެކު އެކަނި ދިރިއުޅެން ނޫން ކަމަށެވެ. އެހެންވެ، އަންނަ އަހަރު މާމަ/ކާފަ ކުއްޖެއް ނުހޯދައިފި ނަމަ، ފައިސާއިން ބަދަލުދޭން ޖެހޭނެ ކަމަށެވެ.

ވަކީލު ވިދާޅުވި ގޮތުގައި، އުމުރުން ދުވަސްވީ އެ ދެމަފިރިން ބަލާނެ މީހަކު ނެތް ކަމަށާއި އެ މީހުން ބޭނުންވަނީ އަބަދަށް ލޯމަރާލުމުގެ ކުރިން މާމަ/ކާފަ ދަރިއަކު ދެކިލަން ކަމަށެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނާ ގޮތުން، އެ ދެމަފިރިން ވަނީ އެމީހުންގެ ދަރިފުޅާއި އަންހެނުންނަށް ކާރެއް ގަނެދީ، ހަނީމޫނަށް ވެސް ހަރަދުކޮށްފަ އެވެ. ދަރިފުޅާއި އޭނާގެ އަންހެނުންނާ ދެކޮޅަށް ދައުވާކުރަން އުޅޭއިރު، އެ އަންހެން މީހާގެ އާއިލާއާ ދެކޮޅަށް ވެސް މައްސަލަތަކެއް ހުށަހެޅި އެވެ.

ދަރިން، މައިންބަފައިންނަށް އަޅާނުލާ ނަމަ، ދަރިންގެ އަތުން ކޮންމެ މަހަކު ފައިސާގެ އެލަވެންސެއް އަތުލެވޭ ގޮތަށް އިންޑިއާގައި ގާނޫނެއް ވެސް އޮވެ އެވެ.