17 މެއި 2022 - 21:03

ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދަށް ނެރުނު ޔެލޯ އެލާޓް މިއަދު ހަތަރު ވަނަ ފަހަރަށް ދަމަހައްޓައިފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އެ ސަރަހައްދަށް އެންމެ ފުރަތަމަ ޔެލޯ އެލާޓް ނެރުނީ މިއަދު ހެނދުނު 6 އިން 10 އަށެވެ. އެކަމަކު އެ ވަގުތު ހަމަވުމުން ހަވީރު ތިނެއް ޖަހަންދެން ވަގުތު އިތުރުކުރި ނަމަވެސް މޫސުން ރަނގަޅުވެފައި ނުވާތީ ރޭގަނޑު 7:00 އާ ހަމައަށް ޔެލޯ އެލާޓް ދެމެހެއްޓި އެވެ.
އެކަމަކު އަދިވެސް އެ ސަރަހައްދަށް މޫސުން ރަނގަޅު ނުވާތީ ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ މެންދަމު 1:00 އާ ހަމައަށެވެ.
މެޓު އޮފީހުން ބުނީ ބޯކޮށް ވާރޭވެހުމާ އެކު ގަޑިއަކު 25 އާއި 30 ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އެ ސަރަހައްދަށް ވިލާގަނޑުގައި 50 މޭލަށް ވައި ބާރުވާނެ ކަަމަށާއި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
އެ އޮފީހުން ލަފާކުރާ ގޮތުގައި މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން އުޅޭނީ 5-8 ފޫޓުގަ އެވެ. އަދި ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ 4-6 ފޫޓުގަ އެވެ.
ރާއްޖެ އަށް މިހާރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާފައިވާއިރު، މެޓުން ވަނީ އާންމު ގޮތެއްގައި ދިޔަވަރު އެންމެ ބޮޑުވާ ވަގުތުތަކުގައި އުދަ އަރާފާނެ ކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
މި ދުވަސްވަރު އުދައެރުމުގެ ފުރުސަތު ބޮޑުވީ "ސުޕަމޫން"ގެ ސަބަބުން ކަމަށެވެ. އެއީ އެހެން މަސްތަކަށް ވުރެއް ބޮޑަށް، ދުނިޔެއާ ކައިރީގައި ހަނދު ހުރުމެވެ.