އެމްއެސްއެސުން އަނެއްކާ ވެސް އިތުރު ބޯޓެއް ގަނެ ވަޒީފާތަކެއް އިއުލާނު ކޮށްފި
އެމްއެސްއެސުން އަނެއްކާ ވެސް އިތުރު ބޯޓެއް ގަނެ ވަޒީފާތަކެއް އިއުލާނު ކޮށްފި

އެސްޓީއޯގެ ދަށުން ހިންގާ ރާއްޖޭގެ ޝިޕިން ލައިން، އެމްއެސްއެސް އިން އާ ކޮންޓެއިނާ ބޯޓެއް ގަނެ، ބޮޑެތި މުސާރަތަކަކާ އެކު ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.

އެސްޓީއޯއިން ބުނީ ކޮންޓެއިނާ ބޯޓު އަންނަ މަހު ރާއްޖެއަށް ގެންނާނެ ކަމަށެވެ. މި ބޯޓުގެ 12 ވަޒީފާއަކަށް ކުރިމަތިލާން ވަނީ ހުޅުވާލައިފަ އެވެ. މި ވަޒީފާތަކުގެ ތެރޭގައި އެންމެ ބޮޑު މުސާރައެއް ލިބެނީ ބޯޓުގެ މާސްޓާ އަށެވެ. އެ މަގާމަށް މަހަކު 115،000ރ. ވަނީ ހުށަހަޅައިފަ އެވެ. މީގެ އިތުރުން ޗީފް އިންޖިނޭރަކަށް މަހަކު 107،000ރ. އަދި ސެކަންޑް އިންޖިނޭރަށް 92،000ރ. މަހަކު ލިބޭނެ އެވެ.

- މާސްޓާ، މުސާރަ: 115،650ރ.

- ޗީޕް އިންޖިނިއާ، މުސާރަ: 107،940ރ.

- ސެކަންޑް އިންޖިނިއާ، މުސާރަ: 92،520ރ.

- އިލެކްޓްރިޝަން، މުސާރަ: 53،970ރ.

- ތާޑް އިންޖިނިއާ، މުސާރަ: 53،970ރ.

- ތާޑް އޮފިސާ، މުސާރަ: 38،550ރ.

- އޭބަލް ސީމޭން، މުސާރަ: 15،400ރ.

- ބޯޒްމަން، މުސާރަ: 18،504ރ.

- އޮއިލާ، މުސާރަ: 15،400ރ.

- ކުކް، މުސާރަ: 19،000ރ.

- މެސް ބޯއި، މުސާރަ: 13،560ރ.

- ވެލްޑާ، މުސާރަ 19،620ރ.

މި މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް މިމަހުގެ 19 ގެ ކުރިން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އެމްއެސްއެސް އުފެއްދީ 2020 ވަނަ އަހަރު އެވެ. މި ކުންފުންޏަކީ ރާއްޖޭގައި ކުރިން އޮތް ޝިޕިން ލައިން އަލުން ދިރުވައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އުފެއްދި ކުންފުންޏެކެވެ. އެކުންފުނިން މިހާރު އަމިއްލަ އެއް ބޯޓު އޮޕަރޭޓް ކުރަމުން އަންނަ އިރު މިމަހުގެ ތެރޭގައި ދެވަނަ ބޯޓެއް ރާއްޖެއަށް ގެންނާނެ އެވެ. އަދި އަލަށް ގަތް ބޯޓު އަންނަ މަހުގެ ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ،