26 ޑިސެމްބަރ 2016 - 19:42

އަހުމަދުއާބާދު (ޑިސެމްބަރު 26) - އިންޑިއާގައި ޑައިމަންޑުގެ ވިޔަފާރިކުރާ މަހުޖަނަކު ބައްޕަ ނެތް 200 އަށް ވުރެ ގިނަ ނިކަމެތި އަންހެން ކުދިންގެ ކައިވެނީގެ ހަރަދު ހަމަޖައްސައިދީފި އެވެ.

ކައިވެނީގެ ހަރަދުގެ އިތުރުން މަހޭޝް ސަވާނީ ވަނީ ބައްޕަ ނެތް 236 އަންހެން ކުދިންގެ ތެރޭން ކޮންމެ ކުއްޖަކަށް ދިރިއުޅުމެއް ފެށޭ ވަރަށް ފައިސާ ވެސް ދީފަ އެވެ. ކްރިސްމަސް ދުވަހު ގުޖުރާތުގައި ބޭއްވި ހިންދޫ ކައިވެނީގެ ހަފުލާގައި މުސްލިމް ހަތަރު ކުއްޖަކާއި ކްރިސްޓިއަން ކުއްޖެއް ފިޔަވާ ދެން މުޅިން ވެސް ބައިވެރިވީ ހިންދޫންނެވެ. ކައިވެނީގެ ބޮޑު ހަފުލާގައި ވަނީ ސަވާނީ ދެ ފިރިހެން ދަރިން ވެސް ކައިވެނިކޮށްފަ އެވެ.
ސަވާނީ ގެންދަނީ 2012 ވަނަ އަހަރުން ފެށިގެން ގިނަ ބަޔަކު އެއްފަހަރާ ކައިވެނި ކުރުމުގެ އިންތިޒާމް ހަމަޖައްސާ އެކަމުގެ ހަރަދު ދެމުންނެވެ. މި ގޮތުން 700 އަށް ވުރެ ގިނަ ކުދިންގެ ކައިވެނީގެ ހަރަދު އޭނާ ވަނީ މިހާތަނަށް ހަމަޖައްސައިދީފަ އެވެ.
ސަވާނީ ވަނީ ކައިވެނި ކުރި އަންހެން ކުދިންނަށް ހަދިޔާ އާއި ރަނުގެ ގަހަނާ އާއި ސޯފާ އާއި އެނދު ސެޓްފަދަ ތަކެތި ވެސް ދީފަ އެވެ. އޭނާ އަދި ވަނީ ކޮންމެ ކުއްޖަކަށް ދިރިއުޅުމެއް ފަށަން 500،000 ރުޕީސް (7،400 ޑޮލަރު) ވެސް ދީފަ އެވެ. ކައިވެނީގެ ހަފުލާ އަށް ސަވާނީ ހަރަދު ކުރީ ކިހާވަރެއް ކަމެއް ނޭނގެ އެވެ.
ސަވާނީ ބުނީ ހައިރާތެއްގެ ގޮތުގައި ކައިވެނީގެ ބޮޑު ހަފުލާ އޭނާ ބާއްވަން ފެށީ އޭނާގެ މުވައްޒަފެއްގެ އަންހެން ދަރީގެ ކައިވެނީގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައި ވަނިކޮށް އެ މީހާ މަރުވުމާ ގުޅިގެން ކަމަށެވެ.