ދަގަނޑު ކާރުޚާނާއިން ޔޫކްރޭން ސިފައިން ނެރެފި
ދަގަނޑު ކާރުޚާނާއިން ޔޫކްރޭން ސިފައިން ނެރެފި

ޔޫކްރޭންގެ މަރިއުޕޯލްގައި ހުންނަ ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރޭގައި ރައްކާތެރިކަން ހޯދައިގެން ތިއްބައި ރަޝިޔާ ސިފައިން ހިސޯރުކުރި ޔޫކްރޭންގެ ސިފައިންތައް އެ ކާރުޚާނާގެ ތެރެއިން ނެރެ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް ޔޫކްރޭނުން ބުނެފި އެވެ.

ޔޫކްރޭންގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރޭގައި ތިބި، ޔޫކްރޭންގެ 264 ސިފައިން އެ ތަނުން ނެރުމަށް ފަހު ގެންދިޔައީ، ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް ޔޫކްރޭންގެ ދެ ސަރަހައްދަކަށެވެ. އިއްޔެ އެ ކާރުޚާނާ އިން ނެރުނު ސިފައިންގެ ތެރެއިން، އެންމެ ބޮޑަށް ޒަޚަމްވެފައި ތިބި 53 ސިފައިން ގެންދިޔައީ، ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮންނަ ޔޫކްރޭންގެ ސަހަރެއް ކަމަށްވާ ނޮވޯޒޮވޮސްކްގައި ހުންނަ ސިއްހީ ޚިދުމަތް ދޭ ތަނަކަށެވެ.

އެ ކާރުޚާނާއިން އިއްޔެ ނެރުނު އަނެއް 211 ސިފައިން ގެންދިޔައީ ވެސް، ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮންނަ ޔޫކްރޭންގެ އެހެން ސަހަރެއް ކަމަށްވާ އޮލެނިވްކާ އަށެވެ. މި ދެ ސަހަރަކީ ވެސް ޔޫކްރޭނުން ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންގެ ނުފޫޒު ގަދަ، ދޮންބާސް ސަރަހައްދުގައި ހިމެނޭ ދެ ސަހަރެވެ.

ޔޫކްރޭންގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި މަރިއުޕޯލްގެ ކާރުޚާނާ އިން ނެރުނު ހުރިހާ ސިފައިން ވެސް، ހަނގުރާމައިގެ އަސީރުން ބަދަލުކުރުމުގައި އަމަލުކުރާ އުސޫލުގެ މަތިން، ރަޝިޔާ އިން ޔޫކްރޭން ސަރުކާރާ ހަވާލުކުރާނެ އެވެ.

މަރިއުޕޯލްގެ ކާރުޚާނާގައި ތިބި ޔޫކްރޭންގެ ސިފައިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އިއްޔެ ސަލާމަތުން ނެރެފައި ވިޔަސް، އެ ކާރުޚާނާގެ އެތެރޭގައި ޔޫކްރޭންގެ ސިފައިން އަދިވެސް އެބަތިބި ކަމަށް އެގައުމުން ބުނެ އެވެ. އަދި އެ މީހުން ނެރުމަށް ރަޝިޔާ ސިފައިން އަމާންކޮށްދީފައިވާ ފުރުސަތުގެ ތެރެއިން، އެމީހުން އެ ކާރުޚާނާ އިން ނެރުމުގެ މަސައްކަތް ޔޫކްރޭން ސިފައިން މިހާރު ކުރަމުން އަންނަ ކަމަށް ވެސް ޔޫކްރޭންގެ ދިފާއީ ވުޒާރާ އިން ބުނެ އެވެ.

ޔޫކްރޭންގެ ދެކުނުން، ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ ބަނދަރުމަތީ ރަށެއް ކަމަށްވާ މަރިއުޕޯލް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ. އެ ސަހަރުގައި ރަޝިޔާ ސިފައިންނާ ހަނގުރާމަކުރި، ޔޫކްރޭން ސިފައިން ފައިބައިގެން ގޮސްފައިވާ އިރު، ފައިބައިގެން ނުދެވުނު ސިފައިން، ރައްކާތެރިކަން ހޯދުމަށްޓަކައި ވަނީ، އެ ސަހަރުގައި ހުރި ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރައަށެވެ.

ދަގަނޑު އުފައްދާ ކާރުޚާނާއެއްގެ ގޮތުގައި މިހާރު ބޭނުންކުރާ އެތަނަކީ، ނިއުކްލިއާ ހަމަލާއަކުން ރައްކާތެރިކަން ހޯދުމަށް ވަންނާނެ ބިންގަރާހެއްގެ ގޮތުގައި ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އޭރުގެ ސޮވިއެޓް ޔޫނިއަނުން ހެދި ތަނެކެވެ. ގިނަ ދުވަސްތަކެއް ވަންދެން އެތައް ހާސް ބަޔަކަށް ދިރިއުޅެވޭ ގޮތަށް ހަދާފައިވާ އެ ތަނުގެ ބިމު އަޑީގައި ދުރަށް ދެމިފައިވާ ބިންގަރާސް އެތައް މަގެއް ވެ އެވެ.

މަރިއުޕޯލް ރަޝިޔާގެ ބާރުގެ ދަށަށް ދިއުމުން، ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް މިހާރު ގެނެސްފައިވާ ޔޫކްރޭންގެ އިރުމަތީ ސަރަހައްދާއި، 2014 ވަނަ އަހަރު ރަޝިޔާ އިން ހިފި ޔުކްރޭންގެ ކްރީމިއާއާ ދެމެދު އެއްގަމުން މަގުން ދަތުރުކުރެވޭނެ މަގު ރަޝިޔާ އަށް ފަހިވީ އެވެ. ހަމައެއާ އެކު، ކަޅު ކަނޑާ ގުޅިފައިވާ ޔޫކްރޭންގެ އައްސޭރިފަށުގެ ގާތްގަޑަކަށް 80 ޕަސެންޓް ރަޝިޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ދިޔައީ އެވެ.