17 މެއި 2022 - 12:59

ލިވަޕޫލް (މެއި 17) - އިނގިރޭސި އެފްއޭ ކަޕް ފައިނަލުގެ ކުރިން، ކުރިއަށްގެންދިޔަ އިނގިރޭސި ގައުމީ ސަލާމަށް ލިވަޕޫލްގެ ސަޕޯޓަރުން ހަޅޭއްލަވައި އަޑުގަދަ ކުރުމުން އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން އެކަމަށް ފާޑުކިޔުމުން އެކްލަބްގެ ކޯޗު ޔާގަން ކްލޮޕް ރައްދު ދީފި އެވެ.

ޗެލްސީއާ ދެކޮޅަށް ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގެ ކުރިން ގައުމީ ސަލާމް ކުރިއަށްގެންދަނިކޮށް ލިވަޕޫލްގެ ސަޕޯޓަރުން ވަނީ މީގެ ކުރިން ވެސް އެމީހުން އަމަލުކުރަމުންދާ ގޮތަށް އަޑުގަދަކޮށް ހަޅެއްލަވައި ތުނބުން ފުމެފަ އެވެ.
އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ތަރުޖަމާން ލިންޑްސޭ ހޮއިލް ވަނީ ލިވަޕޫލްގެ ސަޕޯޓަރުންގެ އަމަލްތައް ހުރި ގޮތާމެދު ކަންބޮޑުވާކަމަށް ހާމަކޮށްފަ އެވެ. އެމެޗު ބައްލަވާލެއްވުމަށް ޕްރިންސް ވިލިއަމް ދަނޑަށް ވަޑައިގަތް ވަގުތު ވެސް ލިވަޕޫލްގެ ސަޕޯޓަރުން ވަނީ އަޑުގަދަ ކޮށްފަ އެވެ.
"ވެމްބްލީގައި ޕްރިންސް ވިލިއަމް އަށް ނިސްބަތްކޮށް އަޑުގަދަކުރި ސަޕޯޓަރުންގެ އަމަލްތައް އަހަރެން ކުށްވެރިކުރަން،" ލިންޑްސޭ ހޮއިލް ވިދާޅުވި އެވެ.
"އެފްއޭ ކަޕް ފައިނަލަކީ ގައުމެއްގެ ގޮތުގައި އަހަރުމެން އެއްތަނަކަށް އެއްވާ ފުރުސަތަކަށް ވާންޖެހޭނެ. ސަޕޯޓަރުންގެ މަދު ބަޔަކު ކުރާ ހުތުރު އަމަލެއްގެ ސަބަބުން ކަންކަން ހަލާކުވެގެން ގޮސްގެން ނުވާނެ."
ތަރުޖަމާންގެ ވާހަކަތާކާ ގުޅިގެން ކްލޮޕް ބުނީ، މިވަގަުތު ކުރަންޖެހޭ ސުވާލަކީ ގައުމީ ސަލާމަށް ސަޕޯޓަރުން ހަޅޭއްލަވަން ޖެހޭ ސަބަބަކީ ކޮބައިތޯއާ ބެހޭގޮތުން ކަމަށެވެ.
"ހަމަ ޔަގީނުން ވެސް އަހަރެން ވެސް އެކަމާ ވިސްނަން، އެކަމަކު މި ހާލަތްތަކުގައި އަހަން އެންމެ ރަނގަޅު ވާނީ 'މިހެން ދިމާވަނީ ކީއްވެ؟' ތޯ،" ސައުތުހެމްޓަންއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކްލޮޕް ބުންޏެވެ.
"އަހަންނަށް އެނގޭ އަހަރެމެންގެ ސަޕޯޓަރުން. ސަބަބެއް ނެތް ނަމަ އެމީހުން އެކަން ނުކުރާނެ. އަހަރެން މިކްލަބާ ހަވާލުވެ، އޭގެ ސަބަބު އެނގޭކަށް މާކަ ގިނަ ދުވަހެއް ނުނެގި. އެއީ ތާރީހީ ކަމެއް އަދި އަހަންނަށް ވުރެ މާރަނގަޅަށް މީޑިއާތަކަށް މާ ރަގަޅަށް ޖަވާބު ދެވިދާނެ ސުވާލެއް އެއީ."
ގައުމީ ސަލާމާ މެދު ދެކޮޅު ހެދަށް ލިވަޕޫލުގެ ސަޕޯޓަރުން ފެށީ 1980 އިން ފެށިގެނެނެވެ. ލިވަޕޫލުގެ ސިޓީއަކީ އިނގިރޭސި ވިލާތުން ރަސްކަން އުވާލުމަށް ގޮވާލާ ހަރަކާތްތަކެއް ފެށި ސިޓީއެކެވެ. ގައުމީ ސަލާމަށް އަޑުގަދަކޮށް ތުނބުން ފުމެން ފެށީ 1980 ގެ އަހަރުތަކާ ހަމަޔަށް އެ ސިޓީގައި އޮތް ފަގީރުކަމާއި ވަޒީފާ ނުލިބުމާއި ދަތިހާލުގައި އުޅެމުން ދިޔަ ދިރިއުޅުން ރަމްޒުކުރުމުގެ ގޮތުންނެވެ. އަދި ރަސްކަމާ ރަނިކަން ތަމްސީލުކުރާ ވިރާސީ ނިޒާމާ ދެކޮޅުކަން ވެސް ހާމަކުރުމުގެ ގޮތުންނެވެ.