ޔާމީންގެ ގެކޮޅަށް ސްޕްރޭކޮށް ގެއްލުންދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ޔާމީންގެ ގެކޮޅަށް ސްޕްރޭކޮށް ގެއްލުންދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށާއި ޕީޕީއެމް އޮފީހުގެ ފާރަށް ސްޕްރޭކޮށް ގެއްލުންދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޔާމީން ހައްޔަރުކުރަން ގޮވާލައި ޕީޕީއެމްގެ އޮޮފީސް ދޮރަށާއި ގެކޮޅުގެ ފާރަށް ބަޔަކު ސްޕްރޭ ޖެހީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެކަން ކޮށްފައިވަނީ ޔާމީން އިސްވެ ހުންނަވައިގެން، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް ބަޔަކު ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވެ މުޒާހަރާކުރި ފަހުންނެވެ.

ޔާމިން ހައްޔަރުކުރަން ގޮވާލައި ލިޔުންތައް ހ. ދޫވެހި ގޭގެ ދޮރަށާއި ގަރާޖު ގޭޓަށް ކަޅުކުލައިން ސްޕްރޭކޮށްފައިވެ އެވެ. އަދި ޕީޕީއެމްގެ އޮފީހަށާއި އެ އޮފީހުގައި ހަރުކޮށްފައިވާ ޕޯސްޓަރަކަށް ވެސް ސްޕްރޭކުރި އެވެ.

ފުލުހުން އިއްޔެ ވަނީ މާލޭގެ ފާރުތަކާއި މަގުތަކަށް "އިންޑިއާ އައުޓް" ލިޔުން ސްޕްރޭކުރާ މައްސަލާގައި މީހަކު ހައްޔަރުކުރަން އެ މީހާ ހޯދަން އިއުލާނު ވެސް ކޮށްފަ އެވެ.