17 މެއި 2022 - 11:09

ފާރުތަކުގައި އިންޑިއާ އައުޓް ޖަހާ މީހަކު ހައްޔަރުކުރަން ފުލުހުން އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ ގަލޮޅު ޕޮލިހުން ތަހުގީގުކުރަމުން އަންނަ، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން މައްސަލައިގެ ތަފްސީލް ހާމަ ނުކުރިޔަސް އެނގިފައިވާ ގޮތުގައި މިއީ މާލޭގެ ފާރުތަކާއި މަގުތަކަށް "އިންޑިއާ އައުޓް" ސްޕްރޭކުރާ މައްސަލާގައި ކޯޓު އަމުރަކަށް ހައްޔަރުކުރަން ހޯދާ މީހެކެވެ.
މި މައްސަލައާ ގުޅިގެން ހޯދަނީ މއ. ލެއްގި، އަބްދުލްޣައްފާރު އަބްދުލްޣަފޫރު، (34، އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން މިދިޔަ މަހު ވަނީ ކަނޑައަޅައިފަ އެވެ.
އެ ކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ވިދާޅުވީ އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވި އެވެ.
"އިންޑިއާ އައުޓް" އަށް ގޮވާލައި ގޭގޭގައި ދެމި ބެނާތައް ފުލުހުން އަންނަނީ ނަގަމުންނެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި އެ ކެމްޕެއިނާ ގުޅޭ އެކި ކުރެހުންތައް ކުރަހައި، ލިޔުންތައް އަޅަމުންދާ ހަތަރު މީހެއްގެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި އެ ބެނާތައް ދެމި ގޭޭގޭގެ ވެރިން ފުލުހަށް ހާޒިރު ވެސް ކުރި އެވެ. އެކަމަކު، އެ މައްސަލަތަކާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.