މޫސަލްގެ ހަނގުރާމައިގައި އައިއެސްގެ 97 މީހުން މަރާލައިފި
މޫސަލްގެ ހަނގުރާމައިގައި އައިއެސްގެ 97 މީހުން މަރާލައިފި

މޫސަލް (ޑިސެމްބަރު 26) - އިރާގުގެ ސަލާމަތީ ސިފައިންނާއި ކޯލީޝަނުގެ ހަނގުރާމަވެރިން ހަމަލާދީ މޫސަލްގެ އިރުމަތިންނާއި ދެކުނުގެ ހިސާބުތަކުން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ 97 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އޮފިޝަލުން ޚަބަރު ދީފި އެވެ.

އިރާގު ސިފައިންގެ ބަޔާނެއްގައި ބުނީ އައިއެސްގެ ހަނގުރާމަވެރިން މަރާލާފައި ވަނީ އިއްޔެ ދިން ތަފާތު ތިން ހަމަލާއެއްގައި ކަމަށެވެ. މީގެ ތެރޭން އެއް ހަމަލާގައި އައިއެސްގެ ހަނގުރާމަވެރިން މޫސަލްގެ ދެކުނުގެ ޕޮލިސް ސްޓޭޝަނެއް ހުރި ހިސާބަކުން ކުރިއަރަން އުޅެނިކޮށް އިރާގު ސިފައިން ހަމަލާދީ ވަނީ 21 ހަނގުރާމަވެރިން މަރާލައިފަ އެވެ. ދެ ވަނަ ހަމަލާގައި މޫސަލްގެ އިރުދެކުނުގައި އައިއެސް އިން ޖާނުންފިދާވުމުގެ ހަމަލާއެއް ދޭން އުޅެނިކޮށް އިރާގު ސިފައިން ހަމަލާދީ ވަނީ އައިއެސްގެ 51 ހަނގުރާމަވެރިން މަރާލައިފަ އެވެ. މީގެ އިތުރުން މޫސަލްގެ އިރުމަތީގެ ސަރަހައްދަކަށް އައިއެސްގެ ޖަމާއަތަކުން އެއްވެފައި ވަނިކޮށް ކޯލީޝަނުގެ ބޯޓުތަކުން ދިން ވައިގެ ހަމަލާތަކުގައި ވަނީ 25 ހަނގުރާމަވެރިން މަރާލައިފައި ކަމަށް އިރާގުގެ އަސްކަރިއްޔާ އިން ބުނެ އެވެ.

އިރާގުގެ ދެ ވަނަ އަށް އެންމެ މީހުން ގިނަ މޫސަލް ސިޓީ އަކީ އައިސްގެ ބާރުގެ ދަށުގައި އިރާގުގައި އޮތް ހަމައެކަނި ސިޓީ އެވެ. މި ސިޓީން އައިއެސްގެ ހަނގުރާމަވެރިން ނެރެލުމަށް ފެށި އޮޕަރޭޝަނުގައި 90،000 ސިފައިންގެ ބޮޑު ލަޝްކަރެއް ބައިވެރިވެ އެވެ.

މޫސަލް ހިފަން ފެށި އޮޕަރޭޝަނުގެ ސަބަބުން އެ ސިޓީ ދޫކޮށް ވަނީ ލައްކައެއްހާ މީހުން އެހެން ހިސާބުތަކަށް ބަދަލުވެފަ އެވެ. މޫސަލްގައި މިލިއަނެއްހާ އާއްމުން ދިރިއުޅެ އެވެ.