އަހަރުތަކަކަށް ފަހު ގާލްސް ޖެނެރޭޝަން އަންނަނީ
އަހަރުތަކަކަށް ފަހު ގާލްސް ޖެނެރޭޝަން އަންނަނީ

ކޭޕޮޕް މިއުޒިކްގެ މިހާތަނަށް ވެސް އުފެދުނު އެންމެ ވަރުގަދަ އެއް ގްރޫޕް ކަމަށްވާ "ގާލްސް ޖެނެރޭޝަން"ގެ ހުރިހާ މެމްބަރުން އެއްވެ ގިނަ އަހަރުތަކަކަށް ފަހުން އަލުން މިއުޒިކް ނެރުމަށް ތައްޔާރުވާން ފަށައިފި އެވެ.

ގާލްސް ޖެނެރޭޝަން ނުވަތަ މިހާރުގެ ނަމުން ނަމަ "އެސްއެންއެސްޑީ" އަލުން އެނބުރި އަންނަނީ އެ ގްރޫޕް އުފެއްދިތާ 15 އަހަރު ވާތީ އެކަމުގެ މުނާސަބަތުގަ އެވެ.

އެ ގްރޫޕް 2007 ވަނަ އަހަރު އުފެދުނު އިރު، އަށް މެމްބަރުން ތިއްބެވެ. ނަމަވެސް އެކި ފަހަރު މަތިން މެމްބަރުން މަދުވަމުން ގޮސް، އެންމެން އެކުގައި އެންމެ ފަހުން ފެނުނީ 2017ގަ އެވެ. ގާލްސް ޖެނެރޭޝަން އިން އެންމެ ފަހުން ހުރިހާ މެމްބަރުން އެކީގައި އަލްބަމެއް ނެރުނީ އެ އަހަރުގަ އެވެ. އެއީ އެ ގްރޫޕުގެ ހަ ވަނަ ސްޓޫޑިއޯ އަލްބަމް "ހޮލިޑޭ ނައިޓް" އެވެ.

އެ ގްރޫޕުން މިހާރު މިއުޒިކް ރިލީޒް ނުކުރި ނަމަވެސް ގްރޫޕްގެ ބައެއް މެމްބަރުން ސޯލޯ އާޓިސްޓުންގެ ގޮތުގައި މިއުޒިކް ނެރެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް އާޓިސްޓަކީ ތޭޔޯން އެވެ. އޭނާ ވަނީ މި އަހަރުގެ ތެރޭގައި އޭނާގެ ތިންވަނަ ސްޓޫޑިއޯ އަލްބަމް "އައިއެންވީޔޫ" ނެރެފަ އެވެ.