17 މެއި 2022 - 01:01

މުލީކޮޅު ރާޅުގަނޑު 2022 ނަމުގައި ކުރިއަށްދާ މިއަހަރުގެ އެމްޓީސީސީ ދިވެހި ސާފް ލީގުގެ ދެވަނަ، މުބާރާތް ކުރިއަށް ގެންދާ ރަށް، މ. މުލީގެ އުންމީދީ ރާޅާއެޅުންތެރިޔާ އައިހަމް ކަޓުވާލައި، އެންމެ ފަހުގެ ގައުމީ ޗެމްޕިއަން ހޫދު އަހުމަދު (ހޫބްޒް) މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އައިހަމް ކެޓުމާ އެކު މުބާރާތުގައި ވާދަކުރާ މުލީގެ ހުރިހާ ރާޅާއެޅުންތެރިން ވަނީ މުބާރާތުން ކަޓައިފަ އެވެ. އޭނާ ވަނީ 2019 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ (ރަންނަމާރި ޗެލެންޖް) ޖޫނިއާ ބައިންނާއި، 2020 ވަނަ އަހަރު ބޭއްވި ގައްދޫ ޕްރޯ މުބާރާތުގެ ޖޫނިއާ ބައިގެ ދެވަނަ ހޯދައިފަ އެވެ.

އައިހަމްގެ އަމިއްލަ ރަށުގައި އެމްއެސްއޭ އިން ކުރިޔަށް ގެންދާ މުބާރާތުގައި އޭނާ ވަނީ ފުންނާބު އުސް ރާޅާއެޅުންތެރިންނާ ރަނގަޅު ވާދައެއް ކޮށްފަ އެވެ. ސާފިންގެ ގައުމީ ލެވަލް މުބާރާތެއްގައި އޭނާ ވާދަ މިކުރީ މެދުކެނޑުމަކަށް ފަހު އެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި އައިހަމް ވަނީ ގައުމީ ޓީމުގައި ހިމެނޭ އަހުމަދު އާގިލް (އަންމަޑޭ) އާ އެއް ހީޓެއްގައި ވާދަކޮށް، ދެވަނައިގައި ނިންމައި، ސީދާ ތިންވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ނަމަވެސް ތިންވަނަ ބުރުގައި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އާ ވާދަކޮށް ބަލިވުމުން ފަސްވަނަ ބުރަށް އައީ ރެޕޯ ރައުންޑުގައި ގައުމީ ރޭންކިން އެއްވަނަ، އިސްމާއީލް ރަޝީދު (ސްމައިލީ) ބަލިކޮށްފަ އެވެ.
މުބާރާތުގެ ތިންވަނަ ދުވަހު ފުރަތަމަ ކުރިޔަށް ދިޔައީ އޯޕަން ޑިވިޝަނުގެ ފަސްވަނަ ބުރުގެ ހީޓުތަކެވެ. މި ބުރުގައި ޖުމްލަ ހަ ހީޓެއް ކުރިޔަށް ދިޔައިރު ހަވަނަ ބުރަށް ހޮވުނީ ކޮންމެ ހީޓަކުން ވެސް އެއްވަނަ އަދި ދެވަނަ ހޯދި ރާޅާއެޅުންތެރިންނެވެ.
ތިން ބައިވެރިން ވާދަކުރި މި ބުރުގެ ފުރަތަމަ ހީޓުގައި އައިހަމް އަދްނާން ވަނީ މިގްލާލްގެ ފަހަތުން ދެވަނައިގައި ނިންމައި ހަވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. މުޅިއަކު ދެ ރާޅު އަޅައިގެން މިގްލާލް އަށް ޖުމްލަ 14.33 ޕޮއިންޓް ލިބުނުއިރު، އައިހަމް ވަނީ ހަ ރާޅު އަޅައިގެން 13.06 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އޭނާގެ އެންމެ ރަނގަޅު ދެ ރާޅާށް ވަނީ 7.83 އަދި 5.23 ޕޮއިންޓް ލިބިފަ އެވެ. ހީޓްގެ ތިންވަނައަށް ދިޔަ އަލީ ރީހާން މުހައްމަދަށް ލިބުނީ ޖުމްލަ 7.30 ޕޮއިންޓެވެ.
ދެވަނަ ހީޓުގައި ހޫދު އާއި މިވަގުތު ގައުމީ ރޭންކިން ތިންވަނައިގައި އޮތް ގދ. ވާދޫ ޖައިލަމް ނިޒާރު ވަނީ އަލީ ރިޒާ ފަހަތަށް ޖައްސާލައި ހަވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. އަދި ތިންވަނަ ހީޓުގައި ކުރި ހޯދީ "ކާލެގަލެކޮޑާ 2022" ގެ ރަނަރަޕް ނަޖާހު މުހައްމަދު (ކަނބޯ) އާއި ކ. ތުލުސްދޫ ހަސަން ނާސިހެވެ. މި ހީޓުގެ ތިންވަނައިގައި ނިންމުމުން މުބާރާތުން ކެޓީ މުހައްމަދު އަތޫފް އެވެ.
މި ބުރުގެ ހަތަރުވަނަ ހީޓުގައި ވާދަކުރީ މުހައްމަދު ފަޔާޒް (ޕެލޭ) އާއި އާދަމް މުއީން އަދުނާން އަދި މުހައްމަދު އިބްރާހީމެވެ. މި ހީޓު ފެށިގެން ފަސް މިނިޓުތެރޭ ފުރަތަމަ ރާޅު ދުއްވާލީ މުއީން އަދުނާނެވެ. ގަދަ ވައިގެ ތެރޭގައި ނެގި ރާޅެއްގައި އޭނާ 5.33 ޕޮއިންޓް ސްކޯ ކުރި ނަމަވެސް އެ ރާޅަށް ފަހު އަނިޔާ ވެގެން އޭނާ އިތުރަށް ހީޓު ކުރިއަށް ނުގެންދެ އެވެ. މި ހީޓުގެ ފަހު ފަސް މިނިޓާ ހަމައަށް ވެސް މުއީންގެ ހަމައެކަނި ރާޅުން އޭނާ އޮތީ ލީޑުގަ އެވެ. ނަމަވެސް ފަހު ވަގުތު ފަޔާޒް އެޅި ދެ ރާޅަކަށް ހޯދި ޕޮއިންޓްތަކާ އެކު އޭނާ އަށް ލީޑު ލިބުނެވެ. މި ހީޓުގެ ތިންވަނައަށް ދިޔައީ މުހައްމަދު އިބްރާހިމް އެވެ.
ފަސްވަނަ ހީޓުގެ ގަދަ ދެ ރާޅާއެޅުންތެރިންގެ ތެރޭގައި ހިމެނިގެން ހަވަނަ ބުރަށް ދިޔައީ އާގިލް އާއި ގދ. ވާދޫ ޖިނާން އަހުމަދެވެ. އެހީޓްގެ ފުލަށްދިއުމުން މުބާރާތާ އަލްވަދާއުކީ ޝައިހާން ހުސެއިން ސޮލާހެވެ. އަދި މި ބުރުގެ ފަހު ހީޓުގައި ވާދަކޮށް ހަވަނަ ބުރަށް ދިޔައީ އަހުމަދު އަރުޒާން އާއި ޝާނިފް ޝަފީގެވެ. ތިންވަނައިގައި ނިންމީ ޖުމާން މުހައްމަދެވެ.
ހަވަނަ ބުރުގައި ކޮންމެ ހީޓެއްގައި ވާދަކުރީ ދެ ރާޅާއެޅުންތެރިންނެވެ. މި ހީޓްތައް ކާމިޔާބު ކޮށްގެން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ހޫދު އާއި އާގިލް، ނަޖާހުގެ އިތުރުން ފަޔާޒާއި ޖިނާން އަދި ޖައިލަމެވެ.
ހަވަނަ ބުރުގެ ފުރަތަމަ ހީޓު ތަފާތެވެ. ޖައިލަމް އާއި މިގްލާލް ވާދަކުރި މި ހީޓް ޖައިލަމް ކާމިޔާބު ކުރީ އެންމެ ރާޅަކާ އަޅައިގެންނެވެ. ވަގުތު ހަމަވިއިރު ވެސް މިގްލާލް އަށް އެންމެ ރާޅެއްގައި ވެސް ނޭޅުނެވެ. ޖައިލަމްގެ ރާޅަށް 4.50 ޕޮއިންޓް ހޯދި އެވެ.
ހޫދު އަތުން ބަލިވެ އައިހަމް ކެޓީ މި ބުރުގެ ދެވަނަަ ހީޓުގައި ވާދަކޮށް 4.17 ޕޮއިންޓުގެ ތަފާތަކުންނެވެ. ހޫދު 13.67 ޕޮއިންޓް ސްކޯ ކުރި އިރު އައިހަމް އަށް ލިބުނީ 9.50 އެވެ. އައިހަމްގެ އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 6.00 އާއި 3.50 ޕޮއިންޓެވެ. ހޫދުގެ އެންމެ ރަނގަޅު ދެ ރާޅަށް ވަނީ 7.50 އާއި 6.17 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.
ތިންވަނަ ހީޓުގައި ނަޖާހުއާ ދެކޮޅަށް ވާދަކުރަން އޮތީ އާދަމް މުއީން އިބްރާހީމެވެ. ނަމަވެސް ފަސްވަނަ ބުރުގެ ހީޓުގައި އޭނާގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން މުބާރާތް އިތުރަށް ކުރިޔަކަށް ނުގެންދެވުނެވެ. މިއާ އެކު ނަޖާހަށް ކުއާޓާ ފައިނަލުން އޮޓަމެޓިކް ޖާގައެއް ލިބުނެވެ.
ފަޔާޒް ކުއާޓާ ފައިނަލަށް ދިޔައީ 4.04 ޕޮއިންޓުން ހަސަން ނާސިހު ބަލި ކޮށްފަ އެވެ. އަދި އާގިލް ވަނީ ފަސްވަނަ ހީޓުގައި 3.9 ޕޮއިންޓުގެ ތަފާތުން ޝާނިފް ޝަފީގު ބަލި ކޮށްފަ އެވެ. ޖިނާން ކުއާޓާ ފައިނަލަށް ދިޔައީ ފަހު ހީޓުގައި 3.4 ޕޮއިންޓުން އަރުޒާޏް ބަލި ކޮށްފަ އެވެ.
ކުއާޓާ ފައިނަލުގައި ދެ ހީޓެއް ކުރިޔަށް ދާނެ އެވެ. ފުރަތަމަ ހީޓުގައި ވާދަކުރާނީ ޖައިލަމް އާއި ފަޔާޒު އަދި އާގިލް އެވެ. ޖިނާނާއި ނަޖާހު އަދި ހޫދު ވާދަކުރާނީ ދެވަނަ ހީޓުގަ އެވެ. ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ހީޓަކުން ވެސް އެންމެ ގިނައިން ސްކޯ ކުރާ ދެ ރާޅާއެޅުންތެރިންނެވެ.
ސެމީ ފައިނަލުގެ ފުރަތަމަ ހީޓުގައި ވާދަކުރާނީ ކުއާޓާ ފައިނަލުގެ ފުރަތަމަ ހީޓުގެ އެއްވަނަ އާއި ދެވަނަ ހީޓުގެ ދެވަނައަށްދާ ރާޅާއެޅުންތެރިޔާ އެވެ. ކުއާޜާގެ ދެވަނަ ހީޓުގެ އެއްވަނަ އާއި ފުރަތަމަ ހީޓުގެ ދެވަނަ ވާދަކުރާނީ ސެމީ ފައިނަލުގެ ދެވަނަ ހީޓުގަ އެވެ.