ވިލިމާލެ ދާއިރާގެ މައްސަލަ ޖެހުނު ދެ ވޯޓު އަލުން ގުނައިގެން ވެސް ނަތީޖާއަކަށް ބަދަލެއް ނާދޭ
ވިލިމާލެ ދާއިރާގެ މައްސަލަ ޖެހުނު ދެ ވޯޓު އަލުން ގުނައިގެން ވެސް ނަތީޖާއަކަށް ބަދަލެއް ނާދޭ

‏މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ބައި-އިލެކްޝަންގައި މައްސަލަ ޖެހުނު ދެ ވޯޓު ގުނައިގެން ވެސް ނަތީޖާއަށް ބަދަލު ނާންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މުހްޔިއްދީން ސްކޫލްގައި ބަހައްޓާފައިވާ 1 ނަމްބަރު ވޯޓު ފޮށިން ޝަކުވާ ހުށަހެޅި ދެ ވޯޓު ކަރުދާސް ދެ ވަނަ ފަހަރަށް ގުނާފައިވާ ކަމަށެވެ. އެ ގޮތަށް ބަލައިގެން ވެސް އިއުލާނުކޮށްފައިވާ ވަގުތީ ނަތީޖާއަކަށް ބަދަލެއް ނާންނަ ކަމަށް ހަބީބް ވިދާޅުވި އެވެ.

ދެ ވަނަ ފަހަރަށް ވޯޓު ގުނަން އެދުނީ ބައި-އިލެކްޝަންގައި ވާދަކުރި ދެ ޕާޓީގެ ތެރެއިން އެމްއެންޕީންނެވެ.

އެ އިންތިހާބު, ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ފާތިމަތު ނާޒިމާ ކާމިޔާބުކުރެއްވީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ. ނާޒިމާއަށް 359 ވޯޓު ލިބުނުއިރު، އޭނާއާ ވާދަކުރެއްވި އެމްއެންޕީގެ ކެންޑިޑޭޓް އާމިނަތު ޝީޒާއަށް ލިބުނީ 358 ވޯޓެވެ.

އެމްއެންޕީން ވޯޓު އަލުން ގުނުމަށް އެދި ހުށަހަޅަން ނިންމީ އިންތިހާބުގެ ވޯޓު ގުނީ ބާތިލް ވޯޓާއެކު ކަމަށް ބުނެ އެވެ.

އެމްއެންޕީގެ ނައިބު ރައީސް، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް "މިހާރު" އަށް ވިދާޅުވީ އިންތިހާބުގެ ބާތިލު ވޯޓު ގުނިއިރު މައްސަލަތަކެއް އުޅޭ ކަމަށް, ވޯޓު ފޮށިތައް ކައިރީގައި ތިބި އެ ޕާޓީގެ ބައެއް އޮބްޒާވަރުން ބުނި ކަމަށެވެ.