26 ޑިސެމްބަރ 2016 - 19:28

ތިލަފުއްޓަށް ކުނި ގެންދަން ބޭނުންކުރި ހަތަރު ދޯންޏަށް މަހެއްގެ މައްޗަށް 1.2 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހުނު ކަމަށާއި އެ ދޯނިތައް ބޭނުންކުރުން ހުއްޓާލުމުން ބޮޑު ހަރަދެއް ސަލާމަތްވެއްޖެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ބުނެފި އެވެ.

ކުނި ގެންދިއުމުގެ މަސައްކަތްތައް ކުރަން ސަރުކާރުން އުފައްދާފައިވާ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ، މިދިޔަ އަހަރުގެ ފަހުކޮޅު އެ ކުންފުނި ވުޖޫދުވުމުގެ ކުރިން ދޯނިތަކަށް އެކަނި ވެސް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި ކަމަށެވެ. ނަމަވެސް ފަހުން އެ އަދަދު 1.2 މިލިއަން ރުފިޔާ އަށް ކުޑަކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ސޭވިންއެއް ކުރެވިގެން މި ދިޔައީ ދޯނިތައް ބޭނުންކުރުން ހުއްޓާލުމުން. އަދި ވެމްކޯގެ އޮޕަރޭޝަންތަކަށް ވެސް ފަސޭހަވެގެންދާނެ،" އެންވަޔަރްމަންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުއާދު ވިދާޅުވި އެވެ.
ދޯނީގައި ކުނި އުކާލުން ހުއްޓާލައި ވެމްކޯ އިން މިހާރު ވަނީ އިންޑަސްޓްރިއަލް ވިލެޖުން، ކޮޅުވެއްޓިއަކަށް އަރުވައިގެން ތިލަފުއްޓަށް ކުނި ގެންދަން ފަށައިފަ އެވެ. އަދި މާލޭގެ ގެތަކުން ކުނި އުކާލުމުގެ ހިދުމަތްތައް ވެސް އެ ކުންފުނިން އިއްޔެ ވަނީ ފަށައިފަ އެވެ. ޒޯން އެކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހެންވޭރު އަޑިޕާކު ސަރަހައްދުން ފެށިގެން ކަލާފާނު ސްކޫލް ސަރަހައްދުގައި ހިމެނޭ ގެތަކުން ވަނީ ކުނި އުކާލަން ފަށައިފަ އެވެ.
ފުއާދު ވިދާޅުވީ ކުނި އުކައިދޭން އިއްޔެ ފެށި މަސައްކަތް ވަރަށް ކާމިޔާބު ކަމަށާއި އެކަމަށް ގިނަ ބަޔަކު އެދެމުން އަންނަ ކަމަށެވެ. އަދި ހަ މަސް ތެރޭގައި ކުނި އުކާލުން މުޅި މާލެ އަށް ފުޅާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ޕްލާސްޓިކް ފުޅި އާއި ކަރުދާސް ރިސައިކަލް ކުރަން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުއާދު ވިދާޅުވި އެވެ. އެގޮތުން ސްކޫލުތަކުން ބޭކާރުވާ ކަރުދާސްތައް ރީސައިކަލްކުރަން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ މަސައްކަތް އޭނާ ފާހަގަކުރެއްވި އެވެ. އަދި ހުރިހާ ސްކޫލެއްގައި ޑަސްބިން ބަހައްޓައި، ކޮންމެ ބުރާްސްފަތި ދުވަހަކު ކުނި ގެންދާކަމަށް ވެސް ވިދާޅުވި އެވެ.
"މިިދިޔަ ނޮވެމްބަރު މަހު ވެސް 26.2 ޓަނުގެ ޓެކްސް ފޮތް ވާނީ ރީސައިކަލް ކުރަން ވެމްކޯ އިން ފޮނުވާފައި. އަދި އިއްޔެ 26.8 ޓަނުގެ ފޮތް ރީސައިކަލް ކުރަން ފޮނުވައިފިން،" ފުއާދު ވިދާޅުވި އެވެ.
މާލޭގެ ކުނީގެ މައްސަލަ ހައްލުކުރަން ހަވާލުކޮށްފައިވާ ވެމްކޯ އިން ވަނީ ބޮޑު މަޝްރޫއުއެއް ފަށައިފަ އެވެ. އެ މަޝްރޫއުގެ ދަށުން، އިންޑަސްޓްރިއަލް ވިލެޖުގައި ކުނި އުކާލަން ހާއްސަ ކޮށްފައިވާ ބިން ތަރައްގީކުރުމުގެ މަސައްކަތް ހިމެނެ އެވެ. އަދި ތިލަފުށީގައި ކުނި ނައްތާލާނެ ނިޒާމެއް ގާއިމްކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވަނީ ހިމަނައިފަ އެވެ.