16 މެއި 2022 - 14:15

ރާއްޖެ އިން ޖަރުމަނަށް ކަނޑައަޅާ އާ ސަފީރަކަށް، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި ހުންނެވި އާއިޝަތު ޝާން ޝާކިރު ހަމަޖެއްސެވުމަށް ރައްޔިތުން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ފާސްކޮށްފި އެވެ.
ރާއްޖޭގެ ފުރަތަމަ އަންހެން ޕްރޮޓޮކޯލް ޝާން ޝާކިރު, ޖަރުމަނުގެ ސަފީރަކަށް ހަމަޖެއްސުމާ ގުޅޭ ގޮތުން އޭނާގެ ނަން ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
ޖަރުމަނުގެ ސަފީރަކަށް އޭނާ ހަމަޖެއްސުމަށް ފާސްކުރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުންނެވެ.
ޝާން ޝާކިރު, ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް އައްޔަންކުރީ ނޮވެމްބަރު 15, 2020 ގަ އެވެ.
އޭނާ ވަނީ ފޮރިން މިނިސްޓްރީގެ އެހެނިހެން އިސް މަގާމުތައް ވެސް ފުރުއްވައިފަ އެވެ. އޭގެ ތެރޭގައި އެ މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީކަން ވެސް ހިމެނެ އެވެ. އަދި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް އޭނާ ކުރެއްވި އެވެ.