ހޫނުގަނޑަށް ފަހު ނަޝީދާއި ފައްޔާޒުގެ ފުރަތަމަ ބައްދަލުވުން ކޭކުފެޅުމަކުން
ހޫނުގަނޑަށް ފަހު ނަޝީދާއި ފައްޔާޒުގެ ފުރަތަމަ ބައްދަލުވުން ކޭކުފެޅުމަކުން

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ހޫނުގަނޑަށް ފަހު، ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ބައްދަލުކުރައްވައިފި އެވެ.

ހޫނުގަނޑަށް ފަހު ނަޝީދާއި ފައްޔާޒުގެ ފުރަތަމަ ބައްދަލުވުން ކޭކުފެޅުމަކުން
ހޫނުގަނޑަށް ފަހު ނަޝީދާއި ފައްޔާޒުގެ ފުރަތަމަ ބައްދަލުވުން ކޭކުފެޅުމަކުން

ޗެއާޕާސަންގެ ވޯޓަކީ އެމްޑީޕީގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި، އަދި އެންމެ ބޮޑު ތުހުމަތު އެޅުވި އިންތިހާބެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދާ އެކު ފައްޔާޒް ނުކުންނެވި އިރު ނަޝީދުގެ ކެންޑިޑޭޓަކީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

ވޯޓުގައި 57 ޕަސެންޓުން އިންތިހާބު ކާމިޔާބު ކުރެއްވީ ފައްޔާޒެވެ. އެކަމަކު، ވޯޓުގެ ނަތީޖާއަށް ފަހު އިއްޔެ ހަވީރާ ހަމައަށް ވެސް ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން ފައްޔާޒަށް މަރުހަބާ ވިދާޅުނުވެ ތިއްބެވީ ހިމޭނުންނެވެ.

ނަތީޖާ ގަބޫލުކުރި ކަން އިއުލާންކުރީ، އިއްޔެ ހަވީރެވެ. ފައްޔާޒަށް މަރުހަބާގެ ޓުވީޓްތަކާ އެކު، އެކުގައި މަސައްކަތް ކުރައްވަން ތިއްބެވި ކަމުގެ ޔަގީންކަން ވެސް އެރުވި އެވެ.

އެއާއެކު ފުރަތަމަ ބައްދަލުވުމަކީ އެމްޑީޕީގެ އޮފީހުގައި ކޭކުފެޅުމެކެވެ. ނަޝީދު ވަނީ ފައްޔާޒްގެ އުފަންދުވަހުގެ ކޭކު ފެޅުމުގައި ބައިވެރިވެވަޑައިގެންފަ އެވެ.

މިކަން އިންތިޒާމްކުރީ، އެނގިފައިވާ ގޮތުގައި، ޗެއާޕާސަންގެ އުފަންދުވަސް ކަން އެނގުމާ އެކު ޕާޓީގެ އިދާރީ މުވައްޒަފުންނެވެ. އާއްމުކޮށް އެ އޮފީހުގައި ބާއްވާ ކަމަކަށް ނުވިއަސް، ޗެއާޕާސަން ކަމަށް ހޮވިވަޑައިގަތުމާއި ފައްޔާޒްގެ އުފަން ދުވަހާ ދިމާވުމުން ފާހަގަކުރީ ކަމަށް މުވައްޒަފަކު ބުންޏެވެ.

ކޭކު ފެޅުމަށް ފަހު، ނަޝީދު ވަނީ ފައްޔާޒްއާ އެކު ރަސްމީ ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުވުމުގައި ޗެއާޕާސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް (ނިޔާ) ވެސް ބައިވެރިވެވަޑައިގަތެވެ.

ސިޔާސީ ކަން ކަމުގައި އެމްޑީޕީ ތަމްސީލްކުރެއްވުމާއި ސިޔާސީ ހަރަކާތް ހިންގުމުގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނަޝީދުގެ ބޮޑު ދައުރެއް އޮންނައިރު، ޗެއާޕާސަންގެ ގޮތުގައި ފައްޔާޒަކީ މިހާރު އެމްޑީޕީގެ އިދާރީ ހިންގުމުގެ އެންމެ އިސް ބޭފުޅާ އެވެ.

އިންތިހާބުގައި ނަޝީދުގެ ފެކްޝަނުން ފައްޔާޒަށް އަމާޒުކުރި ތުހުމަތުތަކާއި އިލްޒާމްތަކުން، މަގާމަށް ހޮވިވަޑައިގަތަސް އެކުގައި މަސައްކަތް ނުކުރެެއްވޭނެ ކަމަށް ވިދާޅުވި މެމްބަރުން އެމްޑީޕީގައި ތިއްބެވެ. އެކަމަކު، ދެ ބޭފުޅުން ވެސް އިއްޔެ ވިދާޅުވެފައި ވަނީ އެކުގައި ޕާޓީ "ހިންގާލެވޭނެ" ކަމަށެވެ.

ފައްޔާޒް ވިދާޅުވެފައި ވަނީ ކެމްޕޭނުގައި ފެނުނީ ސިޔާސީ ގޮތުން އެމްޑީޕީ ފައްކާވެފައި އޮތް މިންވަރު ކަމަށާއި އެންމެ އެކީގައި އެމްޑީޕީ ކުރިއެރުވޭނެ ކަމަށެވެ.