26 ޑިސެމްބަރ 2016 - 17:43

އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާގައި ފަށާ ސައިރިކްސް ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުުވަސް ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
އެ ކޮލެޖުން ބުނީ އަންނަ މަހު ފަށަން ހަމަޖައްސާފައިވަނީ ޑިގްރީގެ އަށް ކޯހަކާއި ޑިޕްލޮމާ ފަސް ކޯހަކާއި ސެޓްފިކެޓް ލެވެލްތަކުގެ ހަ ކޯހެއްގެ އިތުރުން މާސްޓާސް އެއް ކޯހެވެ. މާސްޓާސް ކޯހަކީ ރާއްޖޭގެ ވަޒީފާ މާހަައުލާ ގުޅޭ ގޮތަށް ފަރުމާ ކޮށްގެން ހިންގާ ހަމައެކަނި މާސްޓާސް ޕްރޮގްރާމެވެ.
ސައިރިކްސް ކޮލެޖުގެ ޕަބްލިކް އެފެއާޒްގެ ޑިރެކްޓަރު އަލީ ޝަމްއާން ވިދާޅުވި ގޮތުގައި ޖެނުއަރީ މަހު ފަށާ ކޯސްތަކަށް އަންނަނީ ރަނގަޅު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން ގިނަ ކޯސްތަކުގެ ޖާގަ ފުލްވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މިހާރު ވެސް ބިޒްނަސް އާއި މާކެެޓިން އަދި އައިޓީ ފަދަ ދާއިރާތަކުން ހާހެއްހާ ދަރިވަރުން އަންނަނީ ސައިރިކްސް ކޮލެޖުގައި ކިޔަވަމުންނެވެ.