16 މެއި 2022 - 14:13

އެމްޓީސީސީން ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރާނެ 120 ދިވެހިން ހޯދުމަށް އިއުލާނު ކޮށްފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު އިއުލާނުގައި ބުނެފައި ވަނީ ހޯދަމުން ދަނީ އެއް އަހަރުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ މުވައްޒަފުން ކަމަށެވެ. އަދި މަސައްކަތުގެ ފެންވަރަށް ބެލުމަށް ފަހު މުއްދަތު އިތުރުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މި މަގާމަށް ކަނޑައަޅާފައިވާ ޝަރުތުތަކަކީ އަސާސީ ތައުލީމު ހާސިލުކޮށްފައިވުމާ އެކު ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާ ނުވަތަ އެ ދާއިރާގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރުމާއި، ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތް ކުރެވޭނެ މީހަކަށް ވުމުގެ އިތުރުން ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތަކަށް ވުމެވެ.
މި މަގާމަށް ކަނޑައަޅާފައި ވަނީ 10،300- 13،700ރ. އާ ދެމެދުގެ މުސާރައެކެވެ. އެމްޓީސީސީން ބުނީ އެ މަގާމަށް ހޮވޭ މީހުންނަށް ކުންފުނިން ކަނޑައަޅާ ސައިޓެއްގައި ހުރުމާއި ކެއުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށާއި، ސްޓާފް މެޑިކަލް އިންޝުއަރެންސާއި، ޕެންޝަން ސްކީމުގައި ވެސް އެ މީހުން ހިމަނާނެ ކަމަށެވެ.
އެ ވަޒީފާ އަދާކުރަން ޖެހޭނީ ހަފްތާ އަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރާއި 12 ގަޑިއިރާ ދެމެދުއެވެ. ވަޒީފާ އަށް ކުރިމަތިލުމަށް، މާދަމާ އެމްޓީސީސީގެ ހުޅުމާލެ ޓާމިނަލުގައި ބާއްވާ ޖޮއިންއެމްޓީސީސީ އޯޕަން ޑޭ އިވެންޓަށް އައިޑީކާޑާއި ސީވީ އާ އެކު ދިއުމަށް އެ ކުންފުނިން އެދެ އެވެ.