ލީގު ހޯދަން މިލާނަށް ބޭނުމީ އެއް ޕޮއިންޓް، އިންޓައިން ވެސް ބުނަނީ ކާމިޔާބުވާނެކަމަށް
ލީގު ހޯދަން މިލާނަށް ބޭނުމީ އެއް ޕޮއިންޓް، އިންޓައިން ވެސް ބުނަނީ ކާމިޔާބުވާނެކަމަށް

މިލާން (އޭޕްރީލް 16) - އެޓަލާންޓާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައި، އިޓަލިއަން ލީގު ހޯދުމާ ޕޮއިންޓަކާ ގާތަށް އޭސީ މިލާން ޖެހިލައިފި އެވެ.

ލީގު ހޯދަން މިލާނަށް ބޭނުމީ އެއް ޕޮއިންޓް، އިންޓައިން ވެސް ބުނަނީ ކާމިޔާބުވާނެކަމަށް
ލީގު ހޯދަން މިލާނަށް ބޭނުމީ އެއް ޕޮއިންޓް، އިންޓައިން ވެސް ބުނަނީ ކާމިޔާބުވާނެކަމަށް

އެ މެޗަށް ފަހު ދެން އޮތް މެޗުގައި ވާދަވެރި އިންޓަ މިލާންއިން ވަނީ ކަލިއަރީގެ މައްޗަށް 3-1 ން މޮޅުވެ މިލާންގެ ފަހަތުން ތާވަލުގެ ދެވަނައިގައި ވިއްދައިފަ އެވެ. ދެޓީމުގެ ދެމެދުގައި އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ. ދެޓީމަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ.

ޕޮއިންޓް ތާވަލުގައި މިލާނަށް އެޑްވާންޓޭޖް އެބައޮތެވެ. މިލާން ކުރިއަށް އޮތް މެޗުގައި ސަސުއޯލޯއާ އެއްވަރުކޮށްލިޔަސް އެޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. އެކަމަކު އިންޓަގެ ކޯޗު ސިމޯނޭ އިންޒާގީ ހުރީ އިތުބާރާއެކު އެވެ. އޭނާ ބުނީ ކުޅުންތެރިޔެއްގެ ގޮތުގައި ލާޒިއޯ އާއެކު ލީގު ޗެމްޕިއަންކަން 2000 ވަނަ އަހަރު ހޯދީ ލީގުގެ އެންމެ ފަހު ދުވަހު ކަމަށާއި އިންޓަ އަށް ވެސް އެކަން މިފަހަރު ކުރެވޭނެ ކަށެވެ.

ލާޒިއޯއިން 200 ވަނަ އަހަރު ލީގު ހޯދީ ލީގުގެ އެންމެ ފަހު ދުވަހު އެވެ. އެ މެޗުގެ ކުރިން އެއްވަނައިގައި ޔުވެންޓަސް އޮތީ ދެ ޕޮއިންޓްގެ ލީޑަކާއެކު އެވެ. އެކަމަކު ޔުވެންޓަސް ބަލިވުމުން ލާޒިއޯ މޮޅުވުމުން އެޓީމަށް އެއް ޕޮއިންޓްގެ ތަފާތުން ލީގު ކާމިޔާބު ވިއެވެ.

"އަހަރެމެން މިއޮތީ ދެ ޕޮއިންޓް ފަހަތުގައި. އެހެންވީމަ ފަހު މެޗުގައި އެޓީމު [މިލާން] ބަލިވެ އަދި އަހަރެމެން ޖެހޭނެ މޮޅުވާން. މިއީ ކުރިން ވެފައި އޮތް ކަމެއް. އަހަރެން ލާޒިއޯގައި ލީގު ހޯދިން ދެ ޕޮއިންޓް ފަހަތުގައި ވަނިކޮށް ފަހު މެޗުން މޮޅުވެގެން. އަހަރެމެންނަށް ވުރެ ކުރީގައި އޮތް ޔުވެންޓަސް ބަލިވީ،" އިންޒާގީ ބުންޏެވެ.

ރޭގެ މެޗުގައި އިންޓަގެ ލައުޓާރޯ މާޓިނޭޒް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އިންޓަގެ ފުރަތަމަ ލަނޑު ޖެހީ މަޓޭއޯ ޑާމިއަން އެވެ. ދެވަނަ ހާފުގެ ކުރީކޮޅު މާޓިނޭޒް ވަނީ އިންޓަ އަށް ލީޑް ފުޅާކޮށްދީފަ އެވެ. ކަލިއަރީގެ ހަމައެކަނި ލަނޑު ޖެހީ ކެރަލެމްބޯސް އެވެ. މާޓިނޭޒްގެ ދެވަނަ ލަނޑު އޭނާ ޖެހީ 84 ވަނަ މިނެޓްގަ އެވެ.

އޭގެ ކުރިން ކުޅުނު މެޗުގައި އެޓަލާންޓާއާ ދެކޮޅަށް އޭސީ މިލާންގެ ފުރަތަމަ ލަނޑު ޖެހީ ރަފޭލް ލެއޯ އެވެ. ދެވަނަ ލަނޑު ޖެހީ ތިއޯ ހެނާންޑޭޒް އެވެ.