ކޮނޑުހުޅު ބަދަލުކުރަން ރާއްޖެއިން ބޭރަށް ދިއުން ނިމުމަކަށް
ކޮނޑުހުޅު ބަދަލުކުރަން ރާއްޖެއިން ބޭރަށް ދިއުން ނިމުމަކަށް

ފުރަތަމަ ފަހަރަށް ރާއްޖޭގައި ކޮނޑުހުޅު އެއްކޮށް ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކޮށް، އެކަމުގައި ރާއްޖެއިން ބޭރަށް ދާން ޖެހުން އޭޑީކޭ ހޮސްޕިޓަލުން ނިމުމަކަށް ގެނެސްދީފި އެވެ.

ކޮނޑުހުޅު ބަދަލުކުރަން ރާއްޖެއިން ބޭރަށް ދިއުން ނިމުމަކަށް
ކޮނޑުހުޅު ބަދަލުކުރަން ރާއްޖެއިން ބޭރަށް ދިއުން ނިމުމަކަށް

މިދިޔަ ބުރާސްފަތި ދުވަހު ކުރި އެ އޮޕަރޭޝަން ނިންމާލީ ކާމިޔާބުކަމާ އެކު އެވެ.

ކޮނޑުހުޅު ބަދަލުކުރަން ރާއްޖެއިން ބޭރަށް ދިއުން ނިމުމަކަށް
ކޮނޑުހުޅު ބަދަލުކުރަން ރާއްޖެއިން ބޭރަށް ދިއުން ނިމުމަކަށް

އޭޑީކޭ އިން އިއްޔެ ބޭއްވި ޕްރެސް ބްރީފިންގައި އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް އާއި އެ އޮޕަރޭޝަނުގައި އިސްކޮށް އުޅުއްވި ބައެއް ޑޮކްޓަރުން ވަނީ އެ އޮޕަރޭޝަނާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. ދިވެހި ޑޮކްޓަރުން ވެސް ބައިވެރިވި އެ އޮޕަރޭޝަންގައި އިސްކޮށް ހުންނެވީ ރާއްޖެއިން ބޭރުން ވަޑައިގެންނެވި، ވިޒިޓިން ސާޖަންއެއް ކަމަށްވާ ޕްރޮފެސާ ބަންޗާ ޗަންޗޫޖިތު އެވެ.

ކޮނޑުހުޅު ބަދަލުކުރަން ރާއްޖެއިން ބޭރަށް ދިއުން ނިމުމަކަށް
ކޮނޑުހުޅު ބަދަލުކުރަން ރާއްޖެއިން ބޭރަށް ދިއުން ނިމުމަކަށް

އެ އޮޕަރޭޝަން ކުރީ، 25 އަހަރުވަންދެން ކޮނޑުހުޅު ހަލާކުވެ، އެ ތަކުލީފުގައި އުޅުނު 59 އަހަރުގެ ބަލިމީހެއްގެ އެވެ. އޭނާ އަކީ ނުހިނގި، އެނދުމަތިވެފައި އޮންނަ މީހެކެވެ.

އެ އޮޕަރޭޝަންގައި އިސްކޮށް އުޅުއްވި އޭޑީކޭގެ ކޮންސަލްޓެންޓް އިން އޯތޮޕީޑިކްސް ޑރ. މުހައްމަދު މިޝްވާރު އަޝްފާގު ވިދާޅުވީ ކޮނޑުހުޅުގައި މައްސަލަ ޖެހުމަކީ އާންމު ދިރިއުޅުމުގައި އެކި ކަންކަން ކުރަން ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ.

"ކޮނޑުހުޅުގެ މަޑުކަށި ފަށަލަ ހަލާކުވުމަކީ ނިސްބަތުން ވަރަށް މަދުން ދިމާވާ ކަމެއް. އެކަމަކު އެހެން ވާއިރުގައި ޕޭޝަންޓަށް ކަކުލުހުޅަށް ވުރެ ބޮޑަށް ތަދުވެ، ހަރަކާތްތައް މާ ބޮޑަށް ގެއްލެން މެދުވެރިވޭ، ކަކުލުހުޅު ކަހަލަ ތަންތަނަށް ވުރެ ބޮޑަށް،" މިޝްވާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮނޑުހުޅު މުޅިން ބަދަލުކުރާ އޮޕަރޭޝަނަކީ އާންމުކޮށް ކުރާ ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކަށް ވުރެ މަދުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މީގެ ކުރިން ކޮނޑުހުޅު ބަދަލުކުރަން ދާން ޖެހެނީ ރާއްޖެއިން ބޭރަށެވެ. އެ އޮޕަރޭޝަނުގައި އިސްކޮށް އުޅުއްވި ސީނިއަ ކޮންސަލްޓެންޓް އިން އޯތޮޕީޑިކްސް ޑރ. ހުސައިން ޝަކީލް ވެސް އެކަން ފާހަގަކުރެއްވި އެވެ. އޭޑީކޭގައި އެ އޮޕަރޭޝަން ކުރެވޭ ގޮތް ވުމުން އެ ތަކުލީފަށް ވެސް ނިމުމެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރުގައި އެ އޮޕަރޭޝަން ކޮށްގެން އެނބުރި ރާއްޖެ އައިސް، ފަރުވާގެ ބާކީ ދެން އޮތް ބައި ކަމަށްވާ ފިޒިއޮތެރަޕީ މި ކުރިއަށް ގެންދަނީ. އެ ނިންމާފައި އަނެއްކާ ވެސް ފޮލޯއަޕް ހަދަން މި ދަނީ ރާއްޖެއިން ބޭރަށް،" އޭނާ ވިދާޅުވި އެވެ.

އެ ޕްރެސް ބްރީފިންގައި ޑޮކްޓަރުން ވަނީ އެ އޮޕަރޭޝަން ކުރާ ގޮތް ނޫސްވެރިންނަށް ދައްކާލައިފަ އެވެ.

އެ އޮޕަރޭޝަން ކުރުމުގައި ބޭނުންކުރަނީ، މިހާރުގެ އެންމެ ޒަމާނީ އިމްޕްލާންޓެވެ؛ އެއީ ކޮނޑުހުޅަށް އިތުރަށް ލައްވާ ޕްލާސްޓިކް އަދި ދަގަނޑު ބައިތަކެކެވެ. އެ ބައިތައް ލައްވަނީ ކޮނޑުހުޅުގެ ކަށީގެ ވަރަށް ކުޑަ އެތިކޮޅެއް ކޮނެ، ނަގައިގެންނެވެ. ޑޮކްޓަރުން ވިދާޅުވި ގޮތުގައި، ކުރީގެ އާންމުކޮށް އިމްޕްލާންޓްތައް ލައްވާ ނަމަ، ވަރަށް ބޮޑަށް ކަށި ކޮށްނަން ޖެހެ އެވެ.

އޭޑީކޭ އަށް އެ އިމްޕްލާންޓުގެ ބައިތައް ސަޕްލައި ކޮށްދެނީ "ވޯލްޑިވްސް" ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކުންނެވެ.

އެ އޮޕަރޭޝަނަށް ފަހު، ފަސޭހަވާން 8-12 ހަފުތާ ނަގާނެ ކަމަށް ޑޮކްޓަރުން ލަފާކުރައްވަ އެވެ. އެއީ އެ މުއްދަތުގައި، އޮޕަރޭޝަނަށް ފަހު ހޯދަން ޖެހޭ އިތުރު ފަރުވާތައް ގަވާއިދުން ހޯދަމުން އަންނަ ނަމަ އެވެ.

އޭޑީކޭއިން އެ އޮޕަރޭޝަން ކޮށްދެނީ 117،000ރ. އަށެވެ. އާސަންދައިގެ ދަށުން އެ އޮޕަރޭޝަން އަދި ނުކުރެވެ އެވެ. އެކަމަކު، އެ ހޮސްޕިޓަލުން މިހާރު ވަނީ، އެ އޮޕަރޭޝަން ކުރުމަށް އާސަންދަ ލިބޭނެ އިންތިޒާރު ހަމަޖައްސައިދިނުމަށް ސަރުކާރުގައި އެދިފަ އެވެ.