އިޓާލިއަން އޯޕަން: ސިޓްސިޕާސް ބަލިކޮށް ޖޮކޮވިޗް އަހަރުގެ ފުރަތަމަ މުބާރާތް ކާމިޔާބުކޮށްފި
އިޓާލިއަން އޯޕަން: ސިޓްސިޕާސް ބަލިކޮށް ޖޮކޮވިޗް އަހަރުގެ ފުރަތަމަ މުބާރާތް ކާމިޔާބުކޮށްފި

ރޯމް (މެއި 15) - ރޯމް މާސްޓާސް އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސްއާ ވާދަކޮށް ސާބިއާގެ ނޯވަކް ޖޮކޮވިޗް ސީދާ ދެ ސެޓުން މޮޅުވެ، މި އަހަރު އޭނާގެ ފުރަތަމަ މުބާރާތް ކާމިޔާބު ކޮށްފި އެވެ.

އިޓާލިއަން އޯޕަން: ސިޓްސިޕާސް ބަލިކޮށް ޖޮކޮވިޗް އަހަރުގެ ފުރަތަމަ މުބާރާތް ކާމިޔާބުކޮށްފި
އިޓާލިއަން އޯޕަން: ސިޓްސިޕާސް ބަލިކޮށް ޖޮކޮވިޗް އަހަރުގެ ފުރަތަމަ މުބާރާތް ކާމިޔާބުކޮށްފި

މިއީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ޖޮކޮވިޗް އިޓާލިއަން އޯޕަން ކާމިޔާބުކުރި ހަވަނަ ފަހަރެވެ. ފައިނަލުގެ ސެޓްތައް ގެންދިޔައީ 6-0، 7-6 (7-5) އިންނެވެ. ޖޮކޮވިޗް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ އޭޓީޕީ ޓުއާގައި ކުޅުނު 1،000 ވަނަ މެޗު ކާމިޔާބު ކޮށްގެންނެވެ.

މިއީ ޖޮކޮވިޗް ކާމިޔާބުކުރި ރެކޯޑް 38 ވަނަ މާސްޓާސް ކެޓެގަރީގެ މުބާރާތެވެ. މިއާ އެކު 34 އަހަރާއި 11 މަހާއި 23 ދުވަހުގައި މުބާރާތް ކާމިޔާބުކޮށް އޭނާ ވަނީ ރޯމް މާސްޓާސް ކާމިޔާބުކުރި އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާގެ މަގާމް ލިބިފަ އެވެ. އޭނާ ވަނީ އެންމެ ފަހުން ކުޅުނު ހަތަރު ފައިނަލުގައި ވެސް ކުޅެފަ އެވެ.

"މެޗު ވަރަށް ފަސޭހަކަމާއެކު ތިންވަނަ ސެޓަކަށް ދިޔައީސް، އެކަމަކު ރަނގަޅު ވަގުތުގައި ރަނގަޅު ޝޮޓްތައް ކުޅެގެން ކާމިޔާބު ކުރެވުނީ،" ޖޮކޮވިޗް ބުންޏެވެ.

"ވޭތުވެދިޔަ ދެ ހަފްތާ ތެރޭ އަހަރެންގެ ފޯމް ވަރަށް ރަނގަޅަށް ހުރީ. އަބަދުވެސް ގަބޫލު ކުރެވޭ އަހަރެން ކްލޭގައި އެންމެ ރަނގަޅު ފޯމުގައި ކުޅެވޭނީ ރޯމުގައިކަން، އެހެންވެ ރޯލަންޑް ގާރޯސް (ފްރެންޗް އޯޕަން) އަށް ދާން މިއަށްވުރެ ވަކި ރަނގަޅު ގޮތެއް ނޯންނާނެ."

އޮސްޓްރޭލިއާގައި ބޭއްވި އަހަރުގެ ފުރަތަމަ ގްރޭންޑްސްލޭމް މުބާރާތުގައި ޖޮކޮވިޗަށް ނުކުޅެވުނީ ކޮވިޑް-19 ގެ ވެކްސިން ނުޖަހާތީ އެވެ. އެ މުބާރާތުގައި އޭނާއަށް ވާދަ ނުކުރެވި ސްޕެއިންގެ ރަފައެލް ނަޑާލް ވަނީ މުބާރާތް ކާމިޔާބުކޮށް 21 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ޖޮކޮވިޗާއި ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ އަށް ކާމިޔާބު ކުރެވިފައި ވަނީ 20 ގްރޭންޑް ސްލޭމް މުބާރާތެވެ. ނަމަވެސް އަންނަ ހަފްތާގައި ފަށާ މި އަހަރުގެ ދެވަނަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަންގައި ޖޮކޮވިޗް ވާދަކުރާއިރު، ކްލޭ ކޯޓުގެ ރަސްގެފާނު ރަފައެލް ނަޑާލް އަށް ވަނީ އިޓާލިއަން އޯޕަންގައި އަނިޔާވެފަ އެވެ.