15 މެއި 2022 - 18:17

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަށް ފާޑު ވިދާޅުވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފައްޔާޒަށް މަރުހަބާ ވިދާޅުވެ ތައުރީފް ކުރައްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު 58 ޕަސަންޓުގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރުމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފައްޔާޒާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ފައްޔާޒްގެ ޗެއާޕާސަން ކަމުގައި އެމްޑީޕީ އަށް އިތުރު ކާމިޔާބީތައް ހޯދާނެ ކަމީ އެމަނިކުފާނު ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ފައްޔާޒުގެ ދަށުން އެމްޑީޕީ އަށް ކުރިއެރުން ލިބޭނެ ކަމަށް ނަޝީދު މިހާރު ވިދާޅުވި ނަމަވެސް ކެމްޕެއިން ތެރޭގައި ނުސީދާ ގޮތެއްގައި އިންތިގެ ފަޅީ ހުންނަވައިގެން ވައްކަމާއި ނުފޫޒުގެ ގިނަ ތުހުމަތުތަކެއް ކުރެއްވި އެވެ.
ފައްޔާޒް ޗެއާޕާސަން ކަން ލިބިއްޖެ ނަމަ ނަޝީދު ޕާޓީން ވަކި ކުރައްވާނެ ކަމުގެ ތުހުމަތު ވެސް އިންތިގެ ކެމްޕެއިން ޓީމުން ކުރި އެވެ.
ކެމްޕެއިން ދިޔަ ގޮތުން ނަޝީދާއެކު ކުރިޔަށް އޮތްތަނުގައި މަސައްކަތް ކުރެވޭނެތޯ "މިހާރު"ން ރޭ ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ ނަޝީދަކީ އެކުގައި ގުޅިގެން މަސައްކަތް ކުރާ ހިތްޕުޅުވާ ބޭފުޅެއް ކަމަށާއި އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ ވާނެ ކަމަށެވެ. ސިޔާސީ ގޮތުން މަސައްކަތް ކުރައްވަން ޖެހުނަސް ޒާތީ ގޮތުން ރުޅިވެރިކަން ނުބާއްވާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
އިންތިހާބު ނިމުންތާ ގާތްގަނޑަކަށް 24 ގަޑިއިރު ފަހުން އިންތި ވެސް ވަނީ ފައްޔާޒަށް މަރުހަބާ ވިދާޅުވެފަ އެވެ.