15 މެއި 2022 - 12:03

އެކުވެރި އަރަބި އިމާރާތު (ޔުނައިޓެޑް އެރެބް އެމިރޭޓްސް)ގެ ރައީސްގެ މަގާމަށް އެ ގައުމުގެ ހަތް އެމިރޭޓްގެ ތެރެއިން އަބޫ ދާބީގެ ވެރިޔާގެ މަގާމުގައި ހުންނެވި، ޝައިޚް މުހައްމަދު ބިން ޒާޔިދު އާލް ނަހްޔާން އިއްޔެ އިންތިހާބު ކޮށްފި އެވެ.
އެމިރޭޓްސްގެ ރައީސްގެ މަގާމުގައި ހުންނެވި ޚަލީފާ ބިން ޒާޔިދު އާލް ނަހްޔާން، މިދިޔަ ހުކުރު ދުވަހު އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އައްޔަންކުރާނެ ބޭފުޅަކާ މެދު ގޮތެއް ނިންމުމަށް، އެ ގައުމުގެ އެންމެ މަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވީ އިއްޔެ އެވެ. އެމިރޭޓްސްގެ ހަތް ސަރަހައްދުގެ ހަތް ވެރިންގެ މައްޗަށް އެކުލެވޭ އެ މަޖިލީހުގެ އިއްތިފާގުން، ގައުމުގެ ރައީސްގެ މަގާމަށް އިންތިޚާބު ކުރީ، އަބޫ ދާބީގެ ވެރިޔާ އަދި އަވަހާރަވި ރައީސްގެ އެއްބަފާ ކޮއްކޯފުޅު ޝައިޚް މުހައްމަދު ބިން ޒާޔިދު އެވެ.
އެ ގައުމުގެ އަވަހާރަވި ރައީސްގެ އާލާސްކަންފުޅު މީގެ ދެތިން އަހަރު ކުރިއްސުރެ ގޯސްވުމާ ގުޅިގެން، ދައުލަތް ހިންގެވުމުގައި އެންމެ ނުފޫޒު ގަދަ ލީޑަރަކީ، ޝައިޚް މުހައްމަދު ބިން ޒާޔިދެވެ. އޭގެ އިތުރުން ޝައިޚް މުހައްމަދަކީ އަރަބި ދުނިޔޭގައި ވެސް ނުފޫޒު ގަދަ ލީޑަރެކެވެ. އަދި ހުޅަނގުގެ ގައުމުތަކާ އެކު ވެސް ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ބޭފުޅެކެވެ.
އިއްޔެ ބޭއްވި، އެމިރޭޓްސްގެ އެންމެ މަތީ މަޖިލީހުގެ ބައްދަލުވުމަށް ފަހު، އެމިރޭޓްސްގެ އާ ރައީޝް ޝައިޚް މުހައްމަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ މަޖިލީހުގެ މެމްބަރުން އޭނާ އަށް ކުރައްވާ ތާއީދަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ. އެހެންކަމުން، ގައުމުގެ ރައްޔިތުންނަށްޓަކައި ވަފާތެރި ކަމާއެކު ޚިދުމަތްކުރުން މަތީގައި ދެމިހުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއަދު މި ގައުމުގެ އެންމެ މަތީ މަޖިލީހުން، އަހަރެންގެ އަޚް ޝައިޚް މުހައްމަދު ބިން ޒާޔިދު އާލް ނަހްޔާން، މި ގައުމުގެ ރައީސްގެ މަގާމަށް އިންތިޚާބުކޮށްފި. އަހަރެމެންގެ އޭނާ އަށް ބައިއަތު ހިފައި ތަހުނިޔާ ދަންނަވަން. އަދި މި ގައުމުގެ ރައްޔިތުން ވެސް އޭނާ އަށް ބައިއަތު ހިފާ،" އެމިރޭޓްސްގެ ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ މުހައްމަދު ބިން ރާޝިދު އާލް މަކްތޫމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
އެމިރޭޓްސްގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އިއްޔެ ބޭއްވި، އެ ގައުމުގެ އެންމެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަތީ، ޝާރްޖާގެ ވެރިޔާ ޑރ. ސުލްތާން ބިން މުހައްމަދު އާލް ގާސިމީ، އަޖަމާންގެ ވެރިޔާ ޝައިޚް ހުމައިދް ބިން ރާޝިދު އާލް ނުއައިމީ، ފުޖައިރާގެ ވެރިޔާ ޝައިޚް ހަމަދް ބިން މުހައްމަދު އާލް ޝަރްގީ، އުއްމުލް ޤުވައިންގެ ވެރިޔާ ޝައިޚް ސައުދު ބިން ރާޝިދު އާލް މުއައްލާ، ރައުސުލް ޚައިމާގެ ވެރިޔާ ޝައިޚް ސައުދު ބިން ސަގްރު އާލް ގާސިމީ، ދުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އާލް މަކްތޫމާއި އަބޫ ދާބީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ޒާޔިދު އާލް ނަހްޔާން އެވެ.
އެމިރޭޓްސްގެ ގާނޫނުއަސާސީ ބުނާ ގޮތުން، އެ ގައުމުގެ އެންމެ މަތީ ވެރިކަން އޮންނާނީ އެ ގައުމުގެ ހަތް ސަރަހައްދު (ހަތް އެމިރޭޓް)ގެ ހަތް ވެރިންގެ މައްޗަށް އެކުލެވިގެންވާ އެންމެ މަތީ މަޖިލީހަށެވެ. ގައުމުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބޭފުޅުން އިންތިޚާބު ކުރާނީ، އެ ހަތް ވެރިންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އެމިރޭޓްސްގެ ރައީސްގެ މަގާމު އާދަކާދައިގެ މަތިން ވާރުތަ ކުރަމުން އަންނަނީ އަބޫ ދާބީގައި ވެރިކަން ކުރަމުން އަންނަ އާލް ނަހްޔާން ދަރިކޮޅުގެ ތެރޭގަ އެވެ. ނައިބު ރައީސްގެ މަގާމު ވާރުތަކުރަމުން އަންނަނީ ދުބާއީގައި ވެރިކަން ކުރަމުން އަންނަ އާލް މަކްތޫމް ދަރިކޮޅުގެ ތެރޭގަ އެވެ.