15 މެއި 2022 - 12:36

މުޅި ރާއްޖޭގައި އެމްޑީޕީގެ އާއްމު މެމްބަރުން ނުކުމެ ޕާޓީއަށްޓަކައި ވަރުގަދަ ނިންމުމެއް ނިންމައި ދައްކުވައިދިނީ ޑިމޮކްރަސީގެ ވަރަށް ފުރިހަމަ މިސާލެއް ކަމަށް ވިދާޅުވެ ޗެއާޕާސަން ކަމަށް އިންތިހާބުކުރި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޝުކުރު އަދާކުރައްވައިފި އެވެ.

ޗެއާޕާސަން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އާ ވާދަކުރައްވައި ފައްޔާޒް ކާމިޔާބު ހޯއްދެވީ 58 ޕަސެންޓުންނެވެ.
މި ކާމިޔާބީގެ ފަހަތުގައި ތިބީ ފައްޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ހިތްވަރުގަދަ، ކެރޭ އާއްމު މެމްބަރުންނެވެ. ޕާޓީގެ 94،000 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބޭ އިންތިހާބުގައި ބައިވެރިވި އެންމެންނަށް ޝުކުރު އަދާކުރައްވައި އޭނާ ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ.
"ވެހުނު ބޯވާރެއާ އެކު އެމްޑީޕީ މެމްބަރުން ޕާޓީއަށާއި ގައުމަށްޓަކައި އިންތިހާބަށް ނުކުމެ ބަންޑުންކޮށްލީ މި ޕާޓީ އެކަމަކަށް އަބަދުވެސް ވަކާލާތުކުރާ ޑިމޮކްރަސީގެ އެންމެ ތާޒާ މިސާލެވެ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ދެ ފެކްޝަނަކުން ވާދަވެރި ކެމްޕޭނެއް ކުރި އިންތިހާބާ އެކު ޕާޓީ ދެބައިވާނެ ކަމުގެ ބިރު އޮތީ ބޮޑުވެފަ އެވެ. އެކަމަކު ވޯޓުގެ ނިންމުމާ އެކު ދެން އޮތީ އާއްމު މެމްބަރުންގެ ނިންމުމަށް ތަބާވެ، އެކުގައި މަސައްކަތް ކުރުން ކަަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ފާޑުކިއުންތަކާއި ތުހުމަތާއި އިލްޒާމް ވާދަވެރިންގެ ފަރާތުން ކުރިމަތިވި ޗެއާޕާސަންގެ އިންތިހާބަކީ އޭނާ ސިފަކުރެއްވި ގޮތުގައި މުޅި އެމްޑީޕީ އޭގެ މައްޗަށް ބިނާވާ ވާދަވެރި ޕާޓްނަޝިޕް ހިނގާ ގޮތުގެ ނަމޫނާ އެކެވެ. އެ ނަމޫނާ ދެއްކެވި ކަމަށްޓަކައި އިންތިހާބުގައި އޭނާއާ ވާދަކުރެއްވި ކެންޑިޑޭޓް އިންތިއަށާއި އާއްމު މެމްބަރުންނަށް ފައްޔާޒް ޝުކުރުއަދާކުރެއްވި އެވެ.
"ވާދަވެރި ކެމްޕޭނަކުން ފެށި މެމްބަރުންގެ ގާތަށް ގޮސް ކަންބޮޑުވުންތަކާ ހިޔާލާ މަޝްވަރާގެ މައްޗަށް ސިޔާސަތު ހެދި މެނިފެސްޓޯއަކާ އެކު ވޯޓުލާ ނިމި ނަތީޖާ ނެރެވިއްޖެ އެވެ،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒް ތަކުރާރު ކުރެއްވި ގޮތުގައި އިންތިހާބުގެ އެ ނިންމުމަކީ 2023 ކާމިޔާބުކުރުމަށްޓަކައި މުޅި އެމްޑީޕީ އެކުވެ އެއްސަފަކަށް އަރާ ސަރުކާރާ ގުޅިގެން އެމްޑީޕީ ހިންގާލުމަށް ޕާޓީގެ މެމްބަރުން ނިންމި ވަރުގަދަ ޑިމޮކްރެޓިކް ނިންމުމެކެވެ.
މި ކެމްޕޭނުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި އޭނާގެ ޓީމަށް ވެސް ފައްޔާޒް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ވައުދުތައް މަތީގައި އޭނާ ދެގޮތެއް ނުވެ ދެމިހުންނަވާނެ ކަމަށެވެ. ކެމްޕޭންގައި އޭނާ އެމްޑީޕީގެ މެމްބަރުންނަށް ހުށަހެޅުއްވީ ޕާޓީ އަލުން ވަރުގަދަކޮށް ހިންގާލަން ގެންގުޅުއްވާ ތަސައްވުރެވެ.