17 މެއި 2022 - 06:38

ކައިވެނި ކުރުމަށް ފަހު މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ކުއްޖެއް ހޯދައި، އާއިލާއެއް ފަށަން ކަމަށް އެމެރިކާގެ ޕޮޕް ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑީ ބުނެފި އެވެ.
ފޭނުން ސިއްސުވާލައި، އާރިއާނާ ކައިވެނިކުރި ކަން ކުއްލިއަކަށް އިއުލާންކުރީ މިދިޔަ އަހަރުގެ މެއި މަހުގަ އެވެ. އެ ކައިވެނިކުރީ، އެ ގުޅުމުގެ ވާހަކަ ވަރަށް ގިނަ ދުވަސްވަންދެން ސިއްރުކޮށްގެން އުޅުމަށް ފަހު އެވެ.
އާރިއާނާ ކައިވެނިކުރީ 26 އަހަރުގެ ރިއަލް އެސްޓޭޓް އޭޖެންޓެއް ކަމަށްވާ ޑޯލްޓަން ގޮމޭޒްއާ އެވެ.
އެ ދެމީހުންގެ ކައިވެންޏަށް އިއްޔެ އަހަރެއް ވީއިރު، އާރިއާނާ މިހާރު ބޭނުންވަނީ ޑޯލްޓަންއާ އެކު އާއިލާއެއް ފަށަން ކަމަށް އޭނާ ބުންޏެވެ.
ހޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން އާރިއާނާ ބުނީ، މިހާރު ދެމީހުން ވެސް ތިބީ އެކަމަށް ތައްޔާރަށް ކަމަށެވެ.
އާރިއާނާ ބުނީ މަދުވެގެން ތިން ކުދިން ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ޑޯލްޓަން އެއްބަސްވާ ކަމަށް ވެސް އޭނާ ބުންޏެވެ.