02 ޖެނުއަރީ 2017 - 08:04

ދެހާސް ސޯޅަ ނިމިގެން ދިޔަ އިރު، ފިލްމީ ދާއިރާއިން ފާހަގަ ކުރެވުނު އެންމެ ބޮޑު އެއް ކަމަކީ 2014 އާއި 2015 ގައި ރިލީޒްވި ފިލްމުތަކާ އެއްވަރަށް ފިލްމްތައް ސިނަމާ އައުމެވެ. އެ ދެ އަހަރު ރިލިޒްވި ފިލްމްތަކުގެ އަދަދަކީ ނުވައެކެވެ. އެހެން ނަމަވެސް 2016 ގައި އެކަނި އަށް ފިލްމް ސިނަމާ އަށް އައެވެ.

މިއީ ދިވެހި ފިލްމް ބަލާ އޯޑިއަންސަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަބަދު ވެސް ތަފާތު ގިނަ ރަހަތަކުގެ ފިލްމްތަކަށް ބެލުންތެރިން އިންތިޒާރު ކުރެ އެވެ. އެގޮތުން މިދިޔަ އަހަރަކީ ރޮމޭންޓިކް ކޮމެޑީ އާއި ބިރުވެރި ފިލްމާއި ލޯބީގެ ފިލްމާއި އެކްޝަން ފިލްމެއް ވެސް ބަލާލަން ލިބުނު އަހަރެކެވެ.

މިދިޔަ އަހަރު ރިލީޒްވި ބައެއް ފިލްމަތަކަށް ކުރުކޮށް ބަލައިލަމާ ހިނގާށެވެ. މީގެ ތެރޭގައި ބެލުންތެރިންނަށް އެންމެ ކަމުދިޔަ ފިލްމަކީ ކޮން ފިލްމެއްކަން މިހާރު އޮންނާނީ ޔަގީނުން ވެސް ނިންމައިފަ އެވެ.
މިއީ އަހަރުގެ ފުރަތަމަ ފިލްމެވެ. ފެބްއަރީ މަހުގެ ހަތަރެއްގައި އެޅުވި "އެރެއަށް ފަހު" އަކީ މުހައްމަދު އަބޫބަކުރު (މާއެބޫ) ގެ ވާހަކައަކަށް، އަހުމަދު ނިމާލް ޑައިރެކްޓްކޮށް އަލީ ސީޒަނާއި ސުޖީތާ އަބްދުﷲ (ސުޖީ) ލީޑް ރޯލް ކުޅުނު ފިލްމެކެވެ.
މަހުމާ ހުސައިން ރަޝީދުގެ ފަރިވާ އިން ޕްރޮޑިއުސް ކުރި މި ފިލްމަކީ ލޯބީގެ ބިރުވެރި ހާދިސާތަކެއް ދައްކުވައި ދިން ފިލްމެކެވެ. އެކަމަކު ބެލުންތެރިން އުންމީދު ކުރި ވަރުގެ އެއްޗަކަށް ނުވި އެވެ. އެހެންވެ މިއީ ފްލޮޕް ބޯޑް އަޅުވަން ޖެހުނު ފިލްމެކެވެ. މިއީ އަހަރުގެ އެންމެ ނާކާމިޔާބު ފިލްމެވެ.
މިއީ "ސަޒާ" އާއި "ދިލަކަނި" ބެލުންތެރިންނަށް ގެނެސް ދިން ހުސައިން މުނައްވަރު (ކުޑަފޫޅު) ގެ ތިން ވަނަ ޑައިރެކްޝަނެވެ. އަސަރު ގަދަ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ "ނޭނގި ޔާރު ވަކިވީ" އަކީ މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ އިބްރާހީމް ނިފާރު (ތިއްތި) ގެ ސްކްރީންޕްލޭއަކަށް ސްރީ ލަންކާގައި ޝޫޓް ކުރި ފިލްމެކެވެ.
މާޗް ހަތަރެއްގައި އެޅުވި މި ފިލްމަކީ އަހުމަދު އަޒުމީލް (އަޒޭ) އާއި އައިމިނަތު ރިޝްފާ އާ އެކު ފިލްމީ ދާއިރާ އަށް އާ ދެ ތަރިއަކު ތައާރަފު ވެސް ކޮށް ދިން ފިލްމެކެވެ. އެއީ އިސްމާއީލް ޖުމައިހް (ޖުމާ) އާއި މަލީހާ ވަހީދު (މަލް) އެވެ.
މިއީ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. އޮލިމްޕަހުގައި ޖުމްލަ 19 ޝޯ ހައުސްފުލްކޮށް ދެއްކި މި ރޮމޭންޓިކް ކޮމެޑީއަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރި ފިލްމެކެވެ.
ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވާށޭ މަށާއެކީ" ގައި ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) ލީޑް ރޯލް ކުޅުނު އިރު، ފިލްމުން ބޮޑު ކާސްޓެއް ފެނިފައިވެ އެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ އިތުރުން މި ފިލްމް އަވަށްޓެރި ސްރީ ލަންކާގައި ވެސް ދެއްކި އެވެ.
މެއި މަހުގެ 10 ވަނަ ދުވަހުގެ ރޭ ޕްރިމިއާ ކުރި މި ފިލްމަކީ ބިންމާ އިބްރާހީމް ވަހީދުގެ ސްކްރިންޕްލޭއަކަށް އަލީ ސީޒަން ޑައިރެކްޓް ކުރި ފިލްމެކެވެ.
މުހައްމަދު އަބްދުﷲ (މުހައްމާ) ގެ ދެކެދެކެވެސް ޕްރޮޑަކްޝަނުން އުފެއްދި "ވަފާތެރި ކެހިވެރިޔާ" ގައި ލީޑް ރޯލް ކުޅުނީ ސީޒަނާއި މަލްގެ އިތުރުން ޒީނަތު އައްބާހެވެ. މީގެ އިތުރުން ފިލްމުގެ މުހިއްމު ރޯލެއް އަޒޭ ވެސް ކުޅުނެވެ.
"ވަފާތެރި ކެހިވެރިޔާ" އަކީ ވަރުގަދަ ޕްލޮޓެއް އޮތް ނަމަވެސް، ބެލުންތެރިން އެންމެ ގަޔާވާނެ ކަހަލަ ގޮތަކަށް ގެނެސް ދެވުނު ފިލްމެއް ނޫނެވެ. އެހެންވެ އުންމީދު ކުރި ވަރާ ގާތަށް ވެސް މި ފިލްމެއް ނުހިނގަ އެވެ.
މިއީ ގައުމީ ދިފާއީ ބާރުން ގެނެސް ދިން ފުރަތަމަ ފީޗާ ފިލްމެވެ. ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭއަކަށް ހެދި "ހާދަރު" އަކީ ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކާ އެކު ތަމަޅައިންގެ ބަޔަކު މާލެ އަށް އަރައި ދިން އުދުވާނީ ހަމަލާ އަސްލަކަށް ބަލައިގެން ހަދާފައިވާ އެކްޝަން ފިލްމެކެވެ.
އަޝްހަރު ވަހީދު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މުހިއްމު ރޯލްތައް ކުޅުނީ ސިފައިންނެވެ. ޖުލައި 16 ގައި ޕްރިމިއާ ކުރި "ހާދަރު" ގެ ހައުސްފުލް 10 ޝޯ އޮލިމްޕަހުގައި ދެއްކި އެވެ.
މިއީ ފާތުމަތު ނަހުލާ ހެދި ފުރަތަމަ ބިރުވެރި ފިލްމެވެ. އޭނާގެ ސްކްރީންޕްލޭއަކަށް 4426 (ފޯފޯޓޫސިކްސް) ޑައިރެކްޓް ކުރީ ނަހުލާ އާއި އަލަށް ޑައިރެކްޝަނަށް ނިކުތް އަހުމަދު ޝިނާނެވެ.
ފަޅު ގެއެއްގެ ތެރޭގައި ތާށިވާ ބަޔަކަށް ދިމާވާ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމަކީ އަހަރުގެ އެންމެ ކާމިޔާބު ފިލްމެވެ. އޮކްޓޯބަރު މަހުގެ 18 ގައި ރިލީޒް ކުރި "4426" ގެ ހައުސްފުލް 25 ޝޯ އޮލިމްޕަހުގައި ދެއްކި އެވެ.
މީގެ ކާސްޓުންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބް، ޖުމަލް، މަރިޔަމް އައްޒަ އަދި އިބްރާހީމް ޖިހާދު (ޖިމީ) ފާހަގަކޮށްލެވެ އެވެ. އަވަށްޓެރި ލަންކާ އާއި ރާއްޖޭގެ ބައެއް ރިސޯޓްތަކާއި ގިނަ ރަށްރަށުގައި ވެސް "4426" ގެ ކާމިޔާބު ޝޯތަކެއް ދެއްކި އެވެ.
ނޮވެމްބަރު މަހުގެ 30 ގައި ޕްރިމިއާ ކުރި މި ފިލްމަކީ މަޝްހޫރު ތަރިންތަކެއް ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމެކެވެ. އޭގެ ތެރޭގައި ޔޫއްޕެ، ނިއުމާ މުހައްމަދު، ފާތުމަތު ފަރީލާ (ފަރީ)، އަބްދުﷲ މުއާޒް (މުއާ) އަދި ޒީނަތު ހިމެނެ އެވެ.
މަހުދީ އާއި އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހެދި ލޯބީގެ މި ފިލްމަކީ އިބްރާހީމް ވިސާން (ކަނޑި) ގެ ފުރަތަމަ ޑައިރެކްޝަނެވެ. އެކަމަކު މި ފިލްމަކީ ބެލުންތެރިން އެހާ ގަޔާވި ފިލްމަކަށް ނުވި އެވެ.
މިއީ އަހަރުގެ ފަހު ފިލްމެވެ. ޔޫއްޕެ ސްކްރީންޕްލޭ، ލިޔެ، ޑައިރެކްޓްކޮށް އަދި ބޮޑު ކާސްޓަކާ އެކު މުހިއްމު ރޯލެއް ވެސް ކުޅުނު ފިލްމެކެވެ.
ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ "ބައިވެރިޔާ" ގެ ކާސްޓުންގެ ތެރޭގައި ޝީލާ، މަލް، ފައިސަލް، އަޒޭ، އަހުމަދު ސައީދު އަދި ނާޝިދާ މުހައްމަދު (ނާއްކޮ) ފާހަގަކޮށްލެވެ އެވެ.
މިއީ ބަތަލާ ނިއުމާއި އިސްމާއީލް ޝަފީގު ޕްރޮޑިއުސް ކުރި ފިލްމެކެވެ.
އަހަރުގެ ފަހުކޮޅު ފިލްމް އަޅުވައިގެން "ބައިވެރިޔާ" ގެ ޓީމުން ވަނީ އެ ފިލްމަކީ ބެލުންތެރިން ވަރަށް ބޮޑަަށް ގަޔާވި ފިލްމެއްކަން ސާބިތުކޮށް ދީފަ އެވެ. އާންމުކޮށް އަހަރުގެ ފަހުކޮޅުފައި ފިލްމް އެޅުވުން ރިސްކެއްގެ ގޮތުގައި ބެލެވުނަސް، "ބައިވެރިޔާ" އަކީ އެ ވިސްނުން ބަދަލުކޮށްލި ފިލްމެކޭ ބުނެވި ދާނެ އެވެ.
މި ފިލްމުގެ 17 ޝޯ އޮލިމްޕަހުގައި ވަނީ ދައްކައިފަ އެވެ.