14 މެއި 2022 - 16:11

މުޅި ރާއްޖޭގައި ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުމުގެ މުއްދަތު އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް އިތުރުކޮށްފި އެވެ.
އެމްޑީޕީގެ ޗެއާޕާސަނަކު ހޮވަން އެ ޕާޓީގެ 17 އަހަރުގެ ތެރޭގައި ކުރި އެންމެ ވާދަވެރި ކެމްޕޭނަށް ފަހު އިންތިހާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު ނުވައެއް ޖެހިއިރެވެ. ކުރިން ހަމަޖައްސާފައި އޮތީ ހަވީރު ހަތެއް ޖަހާއިރު ވޯޓުލުން ނިންމާލުމަށެވެ.
އެކަމަކު އިންތިހާބުގައި ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށުނީ ލަހުންނެވެ. އަދި މޫސުމް ގޯސްވުން ފަދަ ދަތިތައް ދިމާވުމުން އިންތިހާބާ ބެހޭ ކޮމިޓީން ނިންމީ އިތުރު ވަގުތު ދިނުމަށެވެ.
ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ގަމު ދާއިރާގެ ރައީސް ފައްޔާޒް އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ.
މި އިންތިހާބުގެ ވޯޓުލުމަށް މާލޭގައި ބަހައްޓާފައިވާ 87 ފޮށި ހިމެނޭހެން 194 ރަށެއްގައި ވަނީ ވޯޓު ފޮށި ބަހައްޓައިފަ އެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 94،211 މެމްބަރުންނަށެވެ.
ޗެއާޕާސަން އިންތިހާބުގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސްކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު ހޮވުމަށް ވެސް މިއަދު ވޯޓުލުން ކުރިއަށް އެބަދެ އެވެ.
އަންހެނުންގެ ރޫހުގެ ރައީސަކަށް ވާދަކުރައްވަނީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ސަފާތު އަހްމަދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.