މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ހަ ލައްކައަށް
މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ހަ ލައްކައަށް

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަ ލައްކައަށްވުރެ އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިއީ މިދިޔަ އަހަރަށް ވުރެ 47 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ކޮވިޑްގެ ބަލިމަޑުކަން އައުމުގެ ކުރިން 2019 ވަނަ އަހަރަށް ވުރެ 8 ޕަސެންޓް ދަށް އަދަދެކެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. ދެވަނަ އަށް އިންޑިއާ އޮތް އިރު ތިން ވަނައަށް އޮތީ ރަޝިޔާ އެވެ. މިއަހަރުގެ ފުރަތަމަ ތިން މަހު އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދިޔައީ ރަޝިޔާ ސަރަހައްދުންނެވެ. ނަމަވެސް ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން އެސަރަހައްދުން އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް މަދުވި އެވެ.

މިއަހަރު އެވްރެޖްކޮށް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރަނީ 8 ދުވަހު އެވެ.

މިއަހަރު ފެށުނު އިރު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ޓާގެޓް ކުރެއްވީ ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. އެހެން ނަމަވެސް ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ހެދި އެ ޓާގެޓް ހާސިލު ނުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދާއިރާ 11 ޕަސެންޓް ވަނީ ދަށްވެފަ އެވެ.

މި އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައިވާ ގޮތުން ވެސް ރާއްޖެ އަށް ގެންނަން ކަނޑައަޅާފައި ވަނީ 1.6 މިލިއަން ޓޫރިސްޓުންނެވެ. ކޮވިޑުގެ ކުރިން، 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.