ރައީސް، ޔޫއޭއީގެ ރައީސްގެ ޖަނާޒާއަށް ވަޑައިގަންނަވަނީ
ރައީސް، ޔޫއޭއީގެ ރައީސްގެ ޖަނާޒާއަށް ވަޑައިގަންނަވަނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އިއްޔެ އަވަހާރަވި ޔޫއޭއީގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ މެންދުރު ފަހު ރައީސް ފުރާވަޑައިގަންނަވާނެ ކަމަށެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ޝެއިޚް ޚަލީފާ، 73، އަކީ 2004 އިން ފެށިގެން ޔޫއޭއީގެ ރައީސް އެވެ. ނަމަވެސް 2014 ވަނަ އަހަރު ސްޓްރޯކަކާ ގުޅިގެން އެ މަނިކުފާނު އަދާކުރެއްވީ ރައީސްގެ ރަމްޒީ ރޯލެކެވެ. ގައުމުގެ ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެއްބަފާ ކޮއްކޯފުޅު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެވެ

ޔޫއޭއީގެ ރައީސްގެ އިތުރުން ޝެއިޚް ޚަލީފާ އަކީ، ހަތް އެމިރޭޓްސްގެ މައްޗަށް ހިމެނޭ ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގެ ވެރިޔާ ވެސް މެ އެވެ.