14 މެއި 2022 - 08:08

ދުނިޔޭގެ އެންމެ އަގުބޮޑު ލަގްޒަރީ ބްރޭންޑް ލުއީ ވުޓޯންގެ ފުރަތަމަ އިންޑިއަން އެމްބެސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ދީޕިކާ ޕަދުކޯން ހަމަޖައްސައިފި އެވެ.

ލުއީ ވުޓޯންގެ ތާރީހުގައި މީހާތަނަށް އިންޑިއާގެ އެމްބެސެޑަރެއް ހަމަޖައްސާފައެއް ނުވެ އެވެ. ނަމަވެސް އެ ކުންފުނީގެ ފެޝަން ލައިން އިންޑިއާގެ މާކެޓުގައި ވަރުގަދަ ކުރުމަށް އިންޑިއާގެ އެމްބެސެޑަރެއްގެ ގޮތުގައި ދީޕިކާ ހަމަޖެއްސީ އެވެ.
ދީޕިކާ އެ ކުންފުނީގެ އެމްބެސެޑަރަކަށް ހަމަޖައްސާފައިވާ ކަމަށް އިއުލާނުކޮށްފައި ވަނީ އެ ކުންފުނީގެ އާ ހޭންޑް ބޭގްތަކެއްގެ ކެމްޕެއިނެއްގެ ތެރެއިންނެވެ. އެއީ ކުންފުނިން މި އަހަރުގެ ތެރޭގައި ނެރޭނެ ދަބަސްތަކެކެވެ.
ލުއީ ވުޓޯންގެ ތަފާތު އެކި އެޑްތަކަށް މީގެ ކުރިން ދީޕިކާ ވަނީ މޮޑެލް ކޮށްފަ އެވެ. އެ ބްރޭންޑުގެ ބައެއް ހެދުންތަކާ އެކު ވެސް ފެނިފައިވާ ދީޕިކާ އަކީ ލުއީ ވުޓޯންގެ އިޝްތިހާރަކަށް ފުރަތަމަ ފަހަރަށް މޮޑެލް ކޮށްފައިވާ އިންޑިއާގެ ތަރި އެވެ.
ލުއީ ވުޓޯންގެ އިތުރުން ދީޕިކާ އަކީ ތަފާތު އެހެން ބްރޭންޑުތަކަށް ވެސް މޮޑެލް ކުރާ އެކްޓަރެކެވެ. އޭގެ ތެރޭގައި އެޑީޑާސް އާއި ލީވާއިސް ފަދަ ބްރޭންޑުތައް ހިމެނެ އެވެ.