13 މެއި 2022 - 21:35

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން މިއަދު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމާގައި ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ޝެއިޚް ޚަލީފާ އަކީ 2004 އިން ފެށިގެން ޔޫއޭއީގެ ރައީސް އެވެ. ނަމަވެސް 2014 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާ ގުޅިގެން އޭނާ އަދާކުރެއްވީ ރައީސްގެ ރަމްޒީ ރޯލެކެވެ. ގައުމުގެ ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެއްބަފާ ކޮއްކޯފުޅު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެވެ.
ރައީސް އޮފީހުން ބުނީ ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ނިންމަވާފައި ވަނީ މާދަމާ އިން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ޔޫއޭއީގެ ރައީސްގެ އިތުރުން ޝެއިޚް ޚަލީފާ އަކީ، ހަތް އެމިރޭޓްސްގެ މައްޗަށް ހިމެނޭ ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގެ ވެރިޔާ ވެސް މެ އެވެ. ޝެއިޚް ޚަލީފާ އަވަހާރަވީ އުމުރުން 73 އަހަރުގަ އެވެ.