ޓުވިޓާ ގަތް އަގާ މެދު އީލޮން މަސްކް ދެވަނަ ވިސްނުމަކަށް
ޓުވިޓާ ގަތް އަގާ މެދު އީލޮން މަސްކް ދެވަނަ ވިސްނުމަކަށް

ޓުވިޓާ އަށް އާމްދަނީ ލިބޭ އެކައުންޓްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ފޭކް އެކައުންޓްތައް ހިމެނޭ ކަމަށް ރިޕޯޓްކުރުމާ ގުޅިގެން، އެ ސޯޝަލް މީޑިއާ ޕްލެޓްފޯމު ގަތް އަގާ މެދު އީލޮން މަސްކް ދެވަނަ ހިޔާލަކަށް ދިއުމަށް ނިންމައިފި އެވެ.

ޓުވިޓާގެ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސްހިސާބުތައް އާންމުކުރިއިރުގައި ބުނީ، އެ ޕްލެޓްފޯމަށް އަމްދަނީ ލިބޭ އެކައުންޓްތަކުގެ ފަސް ޕަސެންޓަކީ ފޭކް ނުވަތަ ސްޕޭމް އެކައުންޓްތައް ކަމަށެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި 229 މިލިއަނަށް ވުރެ ގިނަ ޓުވިޓާ ޔޫޒާސް އިޝްތިހާރުކުރުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި އެވެ.

އެކަމާ ގުޅިގެން އީލޮން މަސްކް ކުރި ޓުވީޓެއްގައި ވިދާޅުވީ ޓުވިޓާއާ އެކު އޭނާ ހައްދަވަން އުޅުއްވާ އެއްބަސްވުން މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށެވެ.

ޓުވިޓާ ގަންނަން ނިންމިޔަސް، އޭނާ އަދި އެކަމުގެ އެއްބަސްވުމުގައި ސޮއިނުކުރައްވަ އެެވެ. އީލޮން މަސްކް ބޭނުންވަނީ އެ އެއްބަސްވުން ހެދުމުގެ ކުރިން ފުރަތަމަ ކުއާޓާގެ ތަފާސްހިސާބުތަކުގެ ތަފުސީލު ބެއްލެވުމަށެވެ.

މިދިޔަ މަހު 26 ގައި އޭނާ ޓުވިޓާ ގަންނަން ނިންމެވީ 44 ބިލިއަން ޑޮލަަރަށެވެ.

އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލިޔަސް، ޓުވިޓާ ގަންނަން ނިންމި ނިންމުމަށް އެއްވެސް ބަދަލު ގެނެސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޚަބަރު އީލޮން މަސްކް ޓުވިޓް ކުރުމުން، އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ ކުރިން ހުރި އަގަށް ވުރެ 20 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

އީލޮން މަސްކް ޓުވިޓާ ގަންނަން ނިންމެވިއިރު ވެސް އެންމެ މުހިންމު ވާހަކައެއްގެ ގޮތުގައި ވިދާޅުވީ އެ ޕްލެޓްފޯމުގައި ހުރި ޕޭކް އެކައުންޓްތައް ދުއްވާލުން ކަމަށެވެ. އަދި ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށެވެ.