ޔޫއޭއީގެ ރައީސް އަވަހާރަވެއްޖެ
ޔޫއޭއީގެ ރައީސް އަވަހާރަވެއްޖެ

އަބޫ ދާބީ (މެއި 13) - ދުނިޔޭގެ އެންމެ މުއްސަނދި ވެރިންގެ ތެެރޭގައި ހިމެނިވަޑައިގަންނަވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން މިއަދު އަވަހާރަވެއްޖެ އެވެ.

ޝެއިޚް ޚަލީފާ އަކީ 2004 އިން ފެށިގެން ޔޫއޭއީގެ ރައީސް އެވެ. ނަމަވެސް 2014 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާ ގުޅިގެން އޭނާ އަދާކުރެއްވީ ރައީސްގެ ރަމްޒީ ރޯލެކެވެ. ގައުމުގެ ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެއްބަފާކޮއްކޯފުޅު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެވެ.

ނަހްޔާން އާއިލާގެ މިލްކިއްޔާތު 150 ބިލިއަން ޑޮލަރަށް އަރާކަމަށްވެ އެވެ.

ޔޫއޭއީގެ ރައީސްގެ އިތުރުން ޝެއިޚް ޚަލީފާ އަކީ، ހަތް އެމިރޭޓްސްގެ މައްޗަށް ހިމެނޭ ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގެ ވެރިޔާ ވެސް މެ އެވެ.

ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓްރީން ބުނީ ރައީސް އަވަހާރަވުމާ ގުޅިގެން ހިތާމަފާޅުކުރުމުގެ ގޮތުން މިއަދުން ފެށިގެން 40 ދުވަސްވަންދެން ބައިދަނޑިއަށް ދިދަ ތިރިކުރަން ނިންމާފައިވާ ކަމަށެވެ. އަދި ތިން ދުވަހަށް ސަރުކާރު ބަންދުކުރަން ވަނީ ނިންމައިފަ އެވެ.

ޔޫއޭއީގެ ދެ ވަނަ ރައީސްގެ ގޮތުގައި ވެރިކަމާ ޝެއިޚް ޚަލީފާ ހަވާލުވެވަޑައިގެންނެވީ ނޮވެމްބަރު 2004 ގަ އެވެ. ވެރިކަމުގެ ފުރަތަމަ 10 އަހަރު ވަނީ ފެޑެެރަލް ސަރުކާރާއި އަބޫ ދާބީ އަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފަ އެވެ. ނަމަވެސް ސްޓްރޯކަށް ފަހު އާއްމުންގެ ތެރެއަށް ނުކުމެވަޑައިގަންނަވަނީ ވެސް ވަރަށް މަދުންނެވެ.