ޓޫރިޒަމް ދާއިރާއިން 12 އެވޯޑް، ކުރިމަތިލާން އަންނަ މަހު ހުޅުވައިލަނީ
ޓޫރިޒަމް ދާއިރާއިން 12 އެވޯޑް، ކުރިމަތިލާން އަންނަ މަހު ހުޅުވައިލަނީ

ޓޫރިޒަމް ދާއިރާގެ ހާއްސަކޮށް 12 އެވޯޑެއް، ކޮންމެ އަހަރަކު ދޭން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

އެ އެވޯޑްތަކަށް ޓޫރިސްޓް ރިސޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސް އާއި ޓޫރިސްޓް އުޅަނދުފަހަރަށް ކުރިމަތިލެވޭނެ އެވެ. އެ އެވޯޑްތަކުގެ ތެރޭގައި އެވޯޑް ފޯ ސްޓާފް އެކޮމޮޑޭޝަން، އެވޯޑް ފޯ ސްޓާފް މީލްސް، އެވޯޑް ފޯ ސްޓާފް ރެކްރިއޭޝަން، އެވޯޑް ފޯ ހެލްތް ކެއާ، އެވޯޑް ފޯ ސޭފް ވޯކް އެންވަޔަރަމަންޓް، އެވޯޑް ފޯ ޕާޗޭސް އޮފް ލޯކަލް ފްރޮޑަކްޓްސް، އެވޯޑް ފޯ ލޯކަލް ކަލްޗަރަލް ޕާފޯމަންސް، އެވޯޑް ފޯ ލޯކަލް މިއުޒީޝަން، އެވޯޑް ފޯ ލޯކަލް ޑީޖޭ އެވޯޑް ފޯ ހަޔަސްޓް ޕެރިޓީ އޮފް ލޯކަލް ސްޓާފް، އެވޯޑް ފޯ ހަޔަސްޓް ނަންބާ އޮފް ފީމެއިލް ސްޓާފް އަދި އެވޯޑް ފޯ ޓްރެއިނިން އެންޑް ކެރިއާ ޑިވެލޮޕްމަންޓަށް އެވޯޑު ހިމެނެ އެވެ.

އެ ހުރިހާ އެވޭޑެއް ވެސް ހަތަރު ދާއިރާއަކުން ދޭނެ އެވެ. އެހެންވެ ޖުމްލަ 48 ފަރާތަކަށް އެވޯޑް ލިބޭނެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، އެވޯޑުތައް ދިނުމުގައި ދިވެހިންނަށް ފަހިވާ ގޮތަށް ކަންކަންތައް ވާނެ ގޮތަށް ބަލާފައިވާނެ ކަމަށެވެ.

"މުވައްޒަފުންނަށް ކަންތައްތައް ރަނގަޅުވާނެ ގޮތަށް ވެސް ބަލާފައިވާނެ. މިއީ ޓޫރިޒަމް މިނިސްޓްރީން ދޭން އެވޯޑެއް. ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތަކުގެ ތެރޭގައި މި އަހަރަކީ ޓޫރިޒަމްގެ ރަން އަހަރަށްވާތީ ޓޫރިޒަމާ ގުޅޭ އެވޯޑްތަކެއް ހިމަނަން،" އޭނާ ވިދުވި އެވެ.

މި އެވޯޑްތަކުގެ އިތުރުން ގައުމީ އެވޯޑްގެ ގޮތުގައި އޮކިއުޕެންސީ އާއި ތިމާވެއްޓަށް އަހަންމިއްޔަތުކަން ދޭ ރިސޯޓުތަކަށް ވެސް އެވޯޑްދޭން ވަނީ ނިންމައިފަ އެވެ. މިއީ ކުރިން ސަރުކާރުން ވެސް ދެމުން އަންނަ އެވޯޑެކެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މި އެވޯޑް ޑިޒައިން ކުރުމަށް އާންމުކޮށް ފުރުސަތު ހުޅުވާލައިފަ އެވެ.

އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 1 އިން 30 ގެ ނިޔަލަށް ހުޅުވައިލާނެ އެވެ. އެވޯޑު ދިނުމުގައި ބަލާނީ މިދިޔަ އެއް އަހަރުތެރޭ ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގައި ކޮށްފައިވާ ކަންކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެވޯޑްތައް ދޭނީ އެކަމަށް ހާއްސަ ޖަޖިން ޕެނަލްއެއް އެކުލަވާލައި، އެފަރާތްތަކުން ދެއްވާ މާކްސްއަށް ބަލައިގެންނެވެ.