12 މެއި 2022 - 15:58

ހއ.ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއާ ކޮލެޖުގެ މަސައްކަތް ކުރަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮންޓްރެކްޓަރަކާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކުރީ ވީ އަވަ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ދިއްދޫގައި ޖޫނިއާ ކޮލެޖެއް ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
މިއީ 2020 ވަނަ އަހަރު މަސައްކަތް ފަށަން ހަވާލުކުރި ތަނެއް ނަމަވެސް ކޮވިޑާ ހެދި ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކުގެ ސަބަބުން މަސައްކަތް ފެށޭ ގޮތް ނުވެ ލަސްވީ އެވެ.
ކޮލެޖު ހަދަން 2020 ވަނަ އަހަރު ބަޖެޓުގައި 1.6 މިލިއަން ރުފިޔާ ހިމެނިއިރު މިދިޔަ އަހަރު ތިންލައްކަ ރުފިޔާ ހިމެނި އެވެ. ކޮލެޖު އިމާރަތްކުރަން ހަމަޖެހިފައިވަނީ ކްލާސްރޫމްތަކާއި އެކޮމަޑޭޝަން ބްލޮކެއް ހުންނަ ގޮތަށް ދެ ފަންގިފިލާ ހިމެނޭ ގޮތަށެވެ.
ފުޑް އެންޑް ޕްރޮސެސިން އަދި މަސްވެރިކަމުގެ ދާއިރާގެ ތަފާތު ކޯސްތައް ހިންގަން ހާއްސަ ކޮށްގެން ހަދާ މި ކޮލެޖުގައި 2023 ވަނަ އަހަރު ކިޔަވައިދޭން ފެށުމަކީ ސަރުކާރުގެ އުންމީދެއްކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ވަނީ ވިދާޅުވެފަ އެވެ.