ފިންލެންޑް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ނޭޓޯއާ ކައިރިއަށް
ފިންލެންޑް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ނޭޓޯއާ ކައިރިއަށް

ނޯޑިކް ގައުމުތަކުގެ ތެރެއިން، 800 މޭލުގެ ދިގު ސަރަހައްދަކުން ރަޝިޔާއާ ގުޅިފައި އޮތް ފިންލޭންޑް ނޭޓޯގެ މެމްބަރަކަށް ވުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއް މިއަދު ލިބިއްޖެ އެވެ.

ފިންލެންޑް ނޭޓޯއާ ގުޅުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ގައުމުގެ ސަރުކާރުން ދާދި ފަހުން ވަނީ، އެ ޖަމާއަތުގައި ބައިވެރިވުމުން އެ ގައުމުގެ ސަލާމަތީ ރައްކާތެރިކަމަށް ލިބޭނެ ރަނގަޅު ބަދަލުތަކާ ގުޅޭ ރިޕޯޓެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ރިޕޯޓާ ބެހޭ ގޮތުން ގާނޫނު ހަދާ މަޖިލީހުން މިހާތަނަށް ވަކި ގޮތެއް ނުނިންމާއިރު، އެ ގައުމުގެ ރައީސާއި ބޮޑުވަޒީރު މިއަދުވަނީ، ނޭޓޯގައި ފިންލެންޑް ބައިވެރިވުމަށް ތާއީދުކުރައްވާކަން ހާމަކުރައްވައި ބަޔާނެއް ނެރުއްވައިފަ އެވެ.

އެ ގައުމުގެ ރައީސް ސައުލީ ނިނީސްޓޯ އާއި ބޮޑުވަޒީރު ސަންނާ މާރިން ނެރުއްވި ގުޅިފައިވާ ބަޔާނުގައި އެ ދެ ބޭފުޅުން ވިދާޅުވެފައިވަނީ، ފިންލެންޑަށް ނޭޓޯގެ މެމްބަރުކަން ލިބިއްޖެ ނަމަ، އެ ގައުމުގެ ސަލާމަތީ ރައްކާތެރިކަން ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި ފިންލެންޑުގެ ބައިވެރިވުމާ އެކު ނޭޓޯގެ ދިފާއު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ވެސް އެ ދެ ބޭފުޅުން ވިދާޅުވި އެވެ.

އެހެންކަމުން އެކަން ހަގީގަތަކަށް ހެދުމަށްޓަކައި ގައުމީ ފެންވަރުގައި ކުރަންޖެހޭ އެންމެހައި ކަންތައް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުރުމަށް އެ ދެބޭފުޅުން ގޮވައިލެއްވި އެވެ. މިދިޔަ ފެބްރުއަރީ މަހުގެ ކުރިން ފިންލޭންޑްގައި ނެގި އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، އެ ގައުމު ނޭޓޯގައި ބައިވެރިވުމަށް ތާއީދު ކުރަނީ އެންމެ 30 ޕަސެންޓް މީހުންނެވެ.

ނަމަވެސް ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، މިހާރު އެ ގައުމުގެ 80 ޕަސެންޓް މީހުން އެކަމަށް ތާއީދުކުރެ އެވެ.

ފިންލެންޑްގެ ގާނޫނު ހަދާ މަޖިލީހުން އެކަމަށް ހުއްދަ ދީ، އެ ގައުމުގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަކުރުމާ އެކު، ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެ ޖަމާއަތުގެ ފަރާތުން ފިންލޭންޑަށް ދޭނެ އެވެ

ފިންލެންޑުން އެކަން ފުރިހަމަކުރުމުގެ މަސައްކަތް ފަށައިގަތުމާ އެކު އެ ގައުމާ އިންވެގެން އޮތް ސްވިޑްން ވެސް އެކަމަށް މަސައްކަތް ފަށާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.