12 މެއި 2022 - 14:58

އަންނަ ހޮނިހިރުދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހަމަނުޖެހުން ނުހިންގައި އޮމާންކަމާއި ކާމިޔާބުކަމާ އެކު ވޯޓު ނިންމައި ނަމޫނާ ދައްކަން ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒް އިލްތިމާސްކުރައްވައިފި އެވެ.
ފަސް އަހަރުގެ ދައުރަކަށް އެމްޑީޕީގެ ޗެއާޕާސަން އާއި އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސް ވެސް އެ ދުވަހު ހޮވާނެ އެވެ.
އެމްޑީޕީގެ 17 އަހަރުގައި މިއީ ބާއްވާ އެންމެ ވާދަވެރި އެއް އިންތިހާބެވެ. ޗެއާޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވާދަކުރައްވާ އިރު، ޕާޓީގެ ދެ ފެކްޝަނުގެ ވާދަވެރިކަން ބޮޑެވެ.
މި އިންތިހާބާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ނިޔާޒް ވިދާޅުވީ އިންތިހާބު އިންތިޒާމްކުރުމާއި ވޯޓުލުމާއި ގުނުމާއި އޮފިޝަލުންނާއި ޝަކުވާ ބަލަން ވެސް ތިބީ އެމްޑީޕީގެ މެމްބަރުން ކަމަށެވެ. އެހެންކަމުން ހަމަޖެހުމާއި ސުލްހަވެރިކަމާ އެކު އިންތިހާބު ނިންމަން ހުރިހާ މެމްބަރުން ވެސް އެއްބާރުލުން ދޭން އެދިވަޑައިގަތެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އަނެއްކާވެސް އެމްޑީޕީއަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ވާނެ ވާދަވެރި އިންތިހާބު ނިންމާލެވުނީމަ. އެކަމަށްޓަކައި ހުރިހާ ބޭފުޅުން ވެސް އެއްބާރުލުމަށް އަޅުގަނޑު އެދެން،" އޭނާ ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި އިންތިހާބަށް ފަހު ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އަނެއްކާވެސް އޮންނާނެ ކަމާ މެދު ވެސް އޭނާގެ ޝައްކެއް ނެތެވެ.
"ކުރިން ފާހަގަކުރި ފަދައިން ކިތަންމެ ވާދަވެރިކޮށް އންތިހާބު ދިޔައަސް މިއީ އެމްޑީޕީ. އެމްޑީޕީގެ މެމްބަރުން ތިބީ ވޯޓުލާން ވެސް ކެންޑިޑޭޓުން ވެސް. މައްސަލައެއް ޖެހިއްޖިއްޔާ ހައްލުކުރަން ވެސް،" އޭނާ ވިދާޅުވި އެވެ.
"ވާދަވެރި ޕާޓީތަކާ އެކު ލީޑަރުންނާ އެކު ވެސް އެއް މޭޒަކަށް އަރައިގެން ކަންކަން ހައްލުކުރެވޭ. ވާދަވެރި އިންތިހާބެއްގެ ތެރޭގައި ހުންނާނެ ތުހުމަތުތައް ވެސް ދެ ފަރާތުން ވާދަވެރިކަމާ އެކު ކެމްޕޭން ވެސް ކުރާނެ. ވޯޓުލާ ނިމުނީމަ އަޅުގަނޑަށް ޔަގީން، ހޮވޭ ކެންޑިޑޭޓަކީ ފަސް އަހަރަށް ޗެއާޕާސަން ކަމުގައި ހުންނަވާނެ ބޭފުޅެއް."
އެމްޑީޕީގެ ޗެއާޕާސަނަކު ހޮވުމުގެ އިންތިހާބު ބޭއްވުމުގެ ޒިންމާ އަސާސީ ގަވާއިދުގައި އޮތީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށެވެ. މި އިންތިހާބު ބާއްވަނީ އެ މަގާމުގައި ހުންނެވި އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުގެ ބެއްލެވުމުގެ ދަށުން އިންތިހާބާ ބެހޭ ކޮމިޓީންނެވެ.
- 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ
- މާލޭގައި 87 ފޮށި
- ޗެއާޕާސަން ހޮވަން 94،211 މެމްބަރުންނަށް ވޯޓު ލެވޭ.
އަންހެނުންގެ ރޫހަށް 41،027 މެމްބަރުންނަށް ވޯޓުލެވޭ.
ޔޫތު ވިންގަށް 32،057 މެމްބަރުން.
މި އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކަށް އަމާޒުކޮށް ނޫސްވެރިއަކު ސުވާލުކުރުމުން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަނަސް ވިދާޅުވީ 17 ނުކުތާއެއް، ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިންތިގެ ފަރާތުން ހުށަހަޅުއްވާފައި އެބައޮތް ކަމަށެވެ. އޭގައި ހުރި ގިނަ ކަންކަމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އަމަލުކުރަމުން އަންނަ އަދި އެތެރޭގެ އިންތިހާބުތަކާ ބެހޭ ގަވައިދުތަކުގައި ވެސް ހުރި ކަންކަން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އިންތިހާބާ ގުޅޭ ކަންކަން އިއުލާންކޮށްފައި ވާނީ އެ ހުރިހާ ކަމެއް ހިމަނައިގެންނެވެ. އިންތިހާބުގެ އިންތިޒާމްތަކާ އެކު މިހާރު ވަރަށް ބޮޑަށް ތައްޔާރުވެފައި އޮތް ކަން ވެސް ފާހަގަކުރެއްވި އެވެ.
"އިންތިޒާމްތަކާ އެކު މިހާރު ތައްޔާރުވެވިފައި އޮތް މިންވަރަށް ބަލާއިރު މެއި 14ގެ އިންސާފުވެރިކަމާ އެކު އިންތިހާބު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަމާ އެކު ކުރިއަށް މިދަނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިހާބާ ބެހޭ ޝަކުވާތައް ވެސް ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ކަމާ އެކު ހުށަހެޅި ބެލޭނެ އިންތިޒާމު އަދި ހިތްހަމަނުޖެހޭ ނަމަ އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.
އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް މަނިކު ވިދާޅުވީ ރަށްރަށަށް ވޯޓު ފޮށިތައް ގާތްގަނޑަކަށް ފޮނުވިއްޖެ ކަަމަށެވެ. މިހާތަނަށް އައިރު 85 ޕަސެންޓް ރަށަށް ފޮނުވިފައިވާ ކަަމަށް ވިދާޅުވި އެވެ.
މި އިންތިހާބުގައި ވޯޓުގެ ހުރިހާ ކަމެއްގައި އުޅޭނީ ޕާޓީގެ މެމްބަރުންނެވެ.
"އަޅުގަނޑު އެދޭ އެދުމަކީ ވީހާވެސް އޮމާންކަމާ އެކު އިންތިހާބު ގެންގޮސް ނިންމާލުން، ކޮންމެ އިންތިހާބެއްގައި ވެސް ޝަކުވާތަކެއް ހުންނާނެ، މިހާރު ޝަކުވާ ބަލާ ކޮމިޓީއެއް ވެސް އެކުލެވިގެންވޭ،" އޭނާ ވިދާޅުވި އެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރާއި ޝާތިރު އަބްދުއްރަހުމާނެވެ.
މަނިކު ވިދާޅުވި ގޮތުގައި އިންތިހާބުގައި ވޯޓުލުން ކުރިއަށް ގެންދާނީ ކުރީގެ އިންތިހާބުތަކެކޭ ވެސް އެއްގޮތަށެވެ.
މަނިކު ވިދާޅުވި ގޮތުގައި ވޯޓު ކަރުދާސް ފޮޓޯ ނެގުން ވަނީ މަނާކޮށްފަ އެވެ. އެއީ އިންތިހާބާ ގުޅޭ އުސޫލްތަކުގައި ވެސް އެކަން އޮންނަ ގޮތް ކަން ފާހަގަކުރެއްވި އެވެ.
އެފަދަ ކަންކަން ނުކުރަން މަނިކު އިލްތިމާސްކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފޮޓޯ ނެގިއަސް އެޅޭނެ ފިޔަވަޅެއް ވަކި މާބޮޑު ނެތެވެ. އެކަމަކު އެފަދަ ކަމެއް ކޮށްފި ނަމަ އޮފިޝަލުން ނޯޓު ކުރާނެ ކަމަށާއި ވޯޓު ގުނާއިރު އެ ވޯޓު ބާތިލްވުން ނުވަތަ ޖުމްލަ ވޯޓަށް ބަދަލު އަތުވެދާނެ ފަދަ ކަމެއް ވެދާނެ އެވެ.
"ވޯޓުލާ މީހާ އެނގޭނެ ނޫންތޯ، ލިސްޓުގައި މާކުކުރާނެ، އެ ވޯޓު ބާތިލް ވޯޓަކަށް ވެސް ބެލިދާނެ،" މަނިކު ވިދާޅުވި އެވެ.